ބޮލީވުޑް

ފިލްމްފެއާ އެވޯޑްސް: "ރާޒީ" އެއްވަނައިގައި

ބޮލީވުޑްގެ އެންމެ އިންތިޒާރުކުރެވޭ އެވޯޑު ހަފްލާ 64 ވަނަ ފިލްމްފެއާ އެވޯޑްސް ބާއްވައިފި އެވެ. އަހަރުގެ އެންމެ މޮޅު ފިލްމަކަށް ހޮވުނީ، ބޮކްސް އޮފީސް ޗާޓުން ބޮޑު ކާމިޔާބީ އެއް ހޯދި، ޑައިރެކްޓަރު މޭގްނާ ގުލްޒާރުގެ ފިލްމު "ރާޒީ" އެވެ.

ރޭ ބޭއްވި ފިލްމުފެއާ އެވޯޑް ހަފުލާފައި "ރާޒީ" ފިލްމަށް ވަނީ ފަސް އެވޯޑެއް ލިބިފަ އެވެ. އޭގެ ތެރޭގައި، ޒުވާން ބަތަލާ އާލިއާ ބަޓް އަށް އެ ފިލްމުން އެންމެ މޮޅު ބަތަލާގެ އެވޯޑާއި، ޑައިރެކްޓަރު މެގްނާ ގުލްޒާރަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި، ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް "ރާޒީ" އަށް ކިޔާދީފައިވާ "އޭ ވަތަން" އަށް އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑުގެ އިތުރުން، ފިލްމުގެ ޑައިރެކްޓަރު މެގްނާގެ ބައްޕަ ގުލްޒާރަށް "އޭ ވަތަން" ލަވަ ހަދައިގެން ލިބުނު އެންމެ މޮޅު ޅެމުގެ އެވޯޑް ފާހަގަކޮށްލެވެ އެވެ.

ކްރިޓިކުންގެ ހިޔާލު ތަފާތުވި، އެހެންނަމަވެސް ބޮކްސް އޮފީހުގައި ވިދާލި މި ފިލްމަށް އަހަރުގެ އެންމެ މޮޅު ފިލްމު ލިބުނީ ސަންޖޭ ލީލާ ބަންސާލީގެ، "ސަންޖޫ" އަދި "ޕަދްމާވަތު"ވެސް ވައްޓާލުމަށްފަހު އެވެ. ގިނަ ބަޔަކު އުއްމީދު ކުރީ މިއަހަރުގެ އެންމެ މޮޅު ފިލްމު ގެންދާނީ "ޕަދްމާވަތު" ކަމަށެވެ. ނަމަވެސް، އެ ފިލްމަށް ގެންދެވުނީ ޖުމްލަ ހަތަރު އެވޯޑެވެ.

ހާއްސަކޮށް ފިލްމު "ޕަދްމާވަތު" އިން ދީޕިކާ ވަނީ ޒީސިނެ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދާފަ އެވެ. ފިލްމްފެއާގައި ޒުވާން ބަތަލާ އާލިއާބަޓްއަށް އެ ޝަރަފު ލިބުން ވެގެން ދިޔައީ ގިނަ ބަޔަކު ފާހަގަ ކުރި ކަމަކަށެވެ.

  • އެންމެ މޮޅު ފިލްމު: "ރާޒީ"
  • ކްރިޓިކްސް އެވޯޑުގެ އެންމެ މޮޅު ފިލްމު: "އަންދާދުން"
  • ބެސްޓް އެކްޓްރެސް: އާލިއާ ބަޓް "ރާޒީ"
  • ބެސްޓް އެކްޓާ: ރަންބީރު ކަޕޫރު، "ސަންޖޫ"
  • ބެސްޓް ޑެބިއު އެކްޓްރެސް: ސާރާ އަލީ ޚާން "ކޭދަރްނާތު"
  • ބެސްޓް ޑެބިއު އެކްޓާ: އިޝާން ކައްތަރު "ބިޔޯންޑް ދަ ކްލައުޑްސް"
  • ބެސްޓް ޑައިރެކްޓާ: މޭގްނާ ގުލްޒާރު "ރާޒީ"

މިއަހަރުގެ ފިލްމްފެއާ އެވޯޑްސްގައި އެންމެ ވިދާލީ އާލިއާ ބަޓް އާއި ރަންބީރުގެ ޖޯޑެވެ. ރަންބީރު އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ސަންޖޭ ދަތުގެ ހަޔާތައް ބަންސާލީ ހަދާފައިވާ ފިލްމު "ސަންޖޫ" އިންނެވެ. ނަމަވެސް މި އަހަރުގެ ހަފްލާއިން އެންމެ އަޑު ގަދަ ވެގެން ދިޔައީ އެންމެ މޮޅު ފިލްމު ގެންދިޔަ "ރާޒީ" އެވެ.