ވިޔަފާރި

އެސްއެމްއީ ބޭންކުން އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓެއް ނެރެނީ

އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓެއް ތައާރަފު ކުރާނެ ކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގައި ކުދި ވިޔަފާރިއަށް ހާއްސަކޮށް މިހާތަނަށް އުފެއްދި ހަމައެކަނި ބޭންކުގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ބޭންކުން އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓެއް ތައާރަފު ކުރަން ވިސްނަމުން ގެންދާ ކަމަށެވެ.

"ސީދާ އަދި ދުވަހެއް އަދި ބުނަން ދަތި. އެކަމަކު އިރާދުކުރެއްވިއްޔާ އިސްލާމިކް ފައިނޭންސް ޕްރޮޑްޓެއް ވެސް ފެނިގެން ދާނެ. އެކަމަށް މަސައްކަތް ކުރަމުން މިދަނީ،" ޒީނާދު ވިދާޅުވި އެވެ.

އަލަށް ވިޔަފާރި ފަށަން ހާއްސަ ލޯނެއް

އޭނާ ވިދާޅުވި ގޮތުގައި އަލަށް ވިޔަފާރިއަށް ނުކުނަ ފަރާތްތަކަށް އެސްޑީއެފްސީ އިން ހާއްސަ ލޯނެއް ވަރަށް ކައިރި މުސްތަގުބަލެއްގައި ތައާރަފު ކުރާނެ އެވެ.

"މިހާރު މި އިނީ 'ރަށު ފަތުރު' އެކަނި. ނަމަވެސް ކުރި އަށް އޮތްތަނުގައި ތައާރަފު ކުރާނަން އެކި ވިޔަފާރިތައް ފަށާ ލޯނުގެ ނަމުގައި ވެސް ޕްރޮޑަކްޓެއް،" ޒީނާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ލޯނު ޕްރޮޑަކްޓް ތައާރަފު ކުރާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އެސްޑީއެފްސީއިން ނަގާ ލޯނަށް ގެ ފަދަ ތަންތަން ރަހުނު ކުރުމުގެ އިތުރުން ލޯނުގެ ގޮތުގައި ނަގާ މުދާ ވެސް ރަހުނުގެ ގޮތުގައި ބެހެއްޓެ އެވެ.

"މިސާލަކަށް މި ނަގަނީ ލޯންޗެއް. މި ލޯނު ނަގާ އެތިވެސް ރަހުނު ކުރެވޭނެ. ލޯނުގައި އިކުއިޓީ ރިކުއައިމަންޓް [އަތުންލާ އަދަދު] އެއް ހިމަނާފައި އެވަނީ ލޯނު ނަގާ މީހުންގެ ވެސް ޒިންމާއެއް އޮންނަން ޖެހޭނެތީ. ޒިންމާ ކުރުވުމަށް. މަސައްކަތް ކުރުމުގައި ވެސް ސީރިއަސްނަސް އެއް އޮންނަން ޖެހޭނެ،" ޒީނާދު ވިދާޅުވި އެވެ.

ލޯނު ނަގާ އެތިވެސް ރަހުނު ކުރެވޭނެ. ލޯނުގައި އިކުއިޓީ ރިކުއައިމަންޓް [އަތުންލާ އަދަދު] އެއް ހިމަނާފައި އެވަނީ ލޯނު ނަގާ މީހުންގެ ވެސް ޒިންމާއެއް އޮންނަން ޖެހޭނެތީ. ޒިންމާ ކުރުވުމަށް. މަސައްކަތް ކުރުމުގައި ވެސް ސީރިއަސްނަސް އެއް އޮންނަން ޖެހޭނެ
އަހުމަދު ޒީނާދު | އެސްޑީއެފްސީ އެމްޑީ

ޒީނާދު ވިދާޅުވީ އެސްޑީއެފްސީ އިން ލޯނު ދޫކުރުމަށް ފަހު ދޫކޮށް ނުލާނެ ކަމަށާ، ލޯނުތަކުގެ ފައިސާ ހޭދަކުރާ ގޮތް ބަލައި ލޯނު ނެގި ފަރާތްތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

"ދޫކުރާ ލޯނުތަކުގެ ކަންކަން ބަލަހައްޓަމުން ގެންދާނެ އަޅުގަނޑުމެންނާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ގުޅިގެން. ލޯނު ނެގުމަށްފަހު ލައިވްލީހުޑް އަށް އަންނަ ބަދަލު ވެސް އަޅުގަނޑުމެން ބަލަމުން ގެންދާނަން،"

ލޯނުތަކަށް ބަދަލު އަތުވެދާނެ

ޒީނާދު ވިދާޅުވީ މިހާރު ލޯނު ދޫކުރަމުންދާ އިކުއިޓީ ރިކްއާންޓުގެ ގޮތުގައި ނަގާ އަދަދު ކުޑަވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"މީގައި ރިކުއައިމަންޓް އަންނަ ވަރަކަށް ބަދަލުވާނެ. މިހާރު ހުރި ޕްރޮޑަކްޓްތަކަށް ވެސް ކުދިކުދި ބަދަލުތައް އަންނާނެ،" ޒީނާދު ވިދާޅުވި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށް ލޯނު ދޭން މިވަނީ ބޭންކެއްގެ ހިދުމަތް ފަށާފަ އެވެ. އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ނަމުގައި ފެށި މި ބޭންކުން "ހަރުމުދާ" އާއި "ދަނޑުވެރި ނަފާ" އަދި " ވިޔަފާރި އެހީ" ގެ އިތުރުން "ރަށު ފަތުރު" ގެ ނަމުގައި ހަތަރު ޕްރޮޑަކްޓް ވަނީ ނެރެފަ އެވެ. މި ބޭންކް އުފައްފާދައިވަނީ ދިވެހި ސަރުކާރުގެ 85 ޕަސެންޓް ހިއްސާ އާއި ކައުންސިލްތަކުގެ 15 ޕަސެންޓް ހިއްސާ އޮވެގެންނެވެ. ލޯނުތަކުގައި އަމިއްލަ އަތުން ހަރަދު ކުރަން ޖެހޭ އަދަދު "އިކުއިޓީ ރިކުއައިމަންޓް" އުޅެނީ 15 ޕަސެންޓާއި 20 ޕަސެންޓުގަ އެވެ. އަދި ލޯނުތަކުގެ އިންޓްރެސްޓް އުޅެނީ 6 ޕަސެންޓާއި 9.5 ޕަސެންޓާ ދެމެދުގަ އެވެ. އަދި މި ލޯނުތަކަށް ގެފަދަ ތަންތަން ރަހުނު ކުރެވެ އެވެ. އަދި މި ލޯނު ދެނީ 75،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.