ކޮވިޑް-19 އާ ގުޅިގެން އެސްއެމްއީ ޑިވްލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރު ހަ މަހަށް އިތުރު ކޮށްދީފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދިން ރިކަވަރީ ލޯނު ސްކީމް ނެގި ފަރާތްތަކުގެ ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރު ހަ މަސް ދުވަހަށް އިތުރު ކުރުމާއެކު، ގްރޭސް ޕީރިއަޑު ހަމަވެފައިވާ ފަރާތްތަކަށް ވެސް އިތުރުކޮށް އެއް އަހަރު ދުވަހަށް ލޯނު ދަންމާލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ގްރޭސް ޕީރިއަޑްއަކީ ލޯނު ދައްކަން ފެށުމުގެ ކުރިން ހަމައެކަނި އިންޓްރެސްޓް ދައްކާލައިގެން ނުވަތަ ނުދައްކައި ފުއްދާލަން ދޭ މުއްދަތެވެ.
ފިނޭންސުން ބުނީ ގްރޭސް ޕީރިއަޑް އިތުރުކޮށް ދިނުމުގައި ލޯނު އެޕްލިކޭޝަން އިވޭލުއޭޓް ކުރުމުގައި އެސްޑީއެފްސީ އިން ގެންގުޅެފައިވާ މިންގަނޑު ތަކަށް ބެލޭނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މި ލޯނު ދޫކުރީ ވޯކިން ކެޕިޓަލް ފޯރުކޮށްދީ، މި ދަތިވަގުތު އިގްތިސޯދު އަރައިގަތުމަަށްޓަކައި އެހީތެރިވުމުގެ ގޮތުންނެވެ.
ގްރޭސް ޕީރިއަޑް އިތުުރު ކުރެވޭނެ އުސޫލު
- ގްރޭސް ޕީރިއަޑް ހަމަވެފައިވާ ފަރާތްތަކަށް (މާޗް އިން ހަ މަސް ދުވަހުގެ މުއްދަތަށް)
- ގްރޭސް ޕީރިއަޑް ހިނގަމުންދާ ލޯނުތައް
- ހަވާލު ނުކޮށް ހުރި ލޯނުތައް
- އޯވަޑިއު ޕޭމަންޓް ހުރި ފަރާތްތަކުން ގްރޭސްޕީރިއަޑް އިތުރު ކުރާނަމަ، ގްރޭސްޕީއަޑް މުއްދަތު ބަލާހައިގެން އެއް އަހަރު ދެއްކޭނެ
- ލޯނުގެ ހަވާލު ކުރާތާ ތިން މަހުގެ ތެރޭގައި އެއްވެސް މުވައްޒަފަކު ވަކިކޮށް، ނުވަތަ މުސާރަ 5،000ރ. އަށް ދަށްކޮށްފައިވާނަމަ
- އެ ވިޔަފާރިއަކުން ނަގާ ލޯނަށް ގްރޭސް ޕީއަޑު އިތުރެއް ނުވާނެ
ފިނޭންސް މިނިސްޓްރީން ބުނީ މަސް ދުވަހުގެ ތެރޭގައި ލޯނު ނަގާފައިވާ ފަރާތްތަކަށް ގްރޭސް ޕީރިއަޑް އިތުރު ކުރުމުގެ އެޕްރޫވަލް ޓާމްސްއާއެކު ކަސްޓަމާ ޕޯޓަލް އިން އަންގާނެ ކަމަށެވެ. އަދި އެދޭތާ މަސް ދުވަހުގެ ތެރޭގައި ލިޔުންތައް ބަލައިގަނެ ލިޔުންތައް ހަމަ ކުރާނެ ކަމަށެވެ.
އެސްޑީއެފްސީ އިން މިހާތަނަށް 2,108 ފަރާތަކަށް 355.4 މިލިއަން ރުފިޔާ އެސްއެމްއީ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.