އިންކަމް ސްޕޯޓުގެ ގޮތުގައި ވަޒީފާ ގެއްލި އަދި ވަޒީފާއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދު 120 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ލިބިފައިވާ ގެއްލުމުން ލުޔެއް ދިނުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން، މިހާތަނަށް އިންކަމް ސްޕޯޓުގެ ގޮތުގައި މިހާތަނަށް 129.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ފައިސާ މިހާތަނަށް 11,072 މީހާތަނަށް 30,395 ފަހަރު އެކި ފަރާތްތަކަށް ދީފައިވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ނެރުނު އިކޮނޮމިކް ރިލީފް ޕެކޭޖުގައި ހިމަނައިގެން ދޭން ފެށި، އިންކަމް ސްޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ.
ސަރުކާރުން އިންކަމް ސަޕޯޓް ދޫކުރަން ފެށުމާ ގުޅިގެން، ވޯލްޑް ބޭންކުން ވެސް ވަނީ 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 197 މިލިއަން ރުފިޔާ) ދޫކުރަން ނިންމާފަ އެވެ. ވޯލްޑް ބޭންކުގެ މި އެހީ ލިބުމާއެކު ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުނަށް އެލަވަންސް ދިނުމުގެ ގާބިލުކަން ލިބިގެން ދާނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ. ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ. ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ ޓޫރިޒަމް އިމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 11،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ "ނޯޕޭ ލީވް" ދީ ގެއަށް ފޮނުވާލާފަ އެވެ.