ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އިކޮނޮމިކް ރިލީފް: ވިޔަފާރިތަކަށް 844 މިލިއަން ރުފިޔާ

Oct 20, 2020

ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން " އިކޮނޮމިކް ރިލީފް" ގެ ގޮތުގައި ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު 844 މިލިއަން ރުފިޔާއަށް ވުރެ މަތި ވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ދައްވެފައި ވާތީ ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަ ކުރަން ކުދި އަދި މެދުފަންތީގެ ވިޔަފާރި އާއި ބޮޑެތި ވިޔަފާރިތަކަށް ވެސް ސަރުކާރުން ދަނީ " ކޮވިޑް-19 އިނޮމިކް ރިލީފުގެ" ގެ ގޮތުގައި ލޯނު ދެމުންނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް އިން ވަނީ 384 ވިޔަފާރި އަކަށް ލޯނު ދޫކޮށްފަ އެވެ. މި ވިޔަފާރި ތަކަށް 544.8 މިލިއަން ރުފިޔާއާ އަށް މިލިއަން ޑޮލަރު (123,2 މިލިއަން ރުފިޔާ) ދޫކޮށްފައިވެ އެވެ. ބޮޑު 579 ވިޔަފާރިއެއް މި ލޯނަށް ކުރިމަތިލާފައި ވެއެވެ. އޭގެ ތެރެއިން 410 ފަރާތެއް އެޕްރޫވް ކޮށްފައިވާއިރު، 16 ފަރާތެއް ތަފާތު ސަބަބުތަކަށްޓަކައި ރިޖެކްޓް ވެފައިވެ އެވެ. އަދި 18 ވިޔަފާރިއަކަށް ލޯނު ދިނުމުގެ މަރުހަލާގައިވެ އެވެ. މި އެޕްލިކޭޝަންތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަ ނުވާ 135 ހުށަހެޅުން ވެސް ހިމެނެ އެވެ.

އެސްޑީއެފްސީން 300 މިލިއަން ރުފިޔާ

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ކެޓަގަރީގައި ހިމެނޭ ވިޔަފާރިއަކަށް 300 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި މި ލޯނަށް 3،745 ފަރާތުން ހުށަހަޅާފައިވާއިރު، އެއީ 566.7 މިލިއަން ރުފިޔާގެ ލޯނެވެ. އެ ލޯނަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 609 ފަރާތެއްގެ އެޕްލިކޭޝަން އެކި ސަބަބުތަކާ ހުރެ ރިޖެކްޓް ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެސްޑީއެފްސީ މެދުވެރިކޮށް ޓޫރިޒަމް ސިނާއަތުގެ ކުދި އަދި މެދުފަންތީގެ 229 ވިޔަފާރި އަކަށް 52.7 މިލިއަން ރުފިޔާ ދޫކުރަން އެޕްރޫވްކޮށްފައި ވެއެވެ. އަދި ޓޫރިޒަމް ސިނާއަތާ ގުޅުން ބޮޑު ދަތުރުފަތުރުގެ ދާއިރާގެ 76 ވިޔަފާރިއަކަށް 19.4 މިލިއަން ދޫކުރަން ދަނީ ތައްޔާރު ވަމުންނެވެ. އަދި ދަނޑުވެރިކަމުގެ 13 ވިޔަފާރިއަކަށް 2.2 ދޫކުރަން ތައްޔާރުވާއިރު، ތަކެތި ގަނެ ވިއްކުމުގެ 772 ވިޔަފާރިއަކަށް 184.4 ދޫކުރަން ނިންމާފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަމިއްލަ މަސައްކަތް ކުރާ 1،856 މީހަކު މި ލޯނަށް އެދި ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން 621 ފަރާތަކަށް 18.5 މިލިއަން ރުފިޔާގެ ލޯނު ދީފައިވެ އެވެ

އެސްޑީއެފްސީގެ ލޯނުގެ އަދަދާއި ދާއިރާތައް

  • ޓޫރިޒަމް: 229 ވިޔަފާރިއަށް 52.7 މިލިއަން
  • ކޮންސްޓްރަކްޝަން: 191 ވިޔަފާރިއަށް 54.6 މިލިއަން
  • ދަތުރުފަތުގެ ދާއިރާ: 76 ވިޔަފާރިއަށް 19.4 މިލިއަން
  • ދަނޑުވެރިކަން: 13 ވިޔަފާރިއަށް 2.2 މިލިއަން
  • ކޮމާސް: 772 ވިޔަފާރިއަށް 184.4 މިލިއަން
  • މަސްވެރިކަން: 21 ވިޔަފާރިއަށް 4.1 މިލިއަން
  • ތަކެތި އުފެއްދުން: 110 ވިޔަފާރިއަށް 18 މިލިއަން
  • އަމިއްލަ މަސައްކަތް: 621 ފަރާތްއަށް 18.5 މިލިއަން

ބީއެމްއެލް އިން ދޫކުރާ ލޯނު ދެނީ ރިސޯޓު ނޫން ކެޓަގަރީގެ ވިޔަފާރިތައް ނަމަ އެނުއަލް ޓާން އޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީގެ އާމްދަނީއެއް ލިބޭ ވިޔަފާރިތަކަށެވެ. އަދި އެއްވެސް މާލީ އިދާރާއެއްގައި ދައްކަންޖެހި ނުދައްކާ ހުރި ލޯނު ނުވަތަ ފައިނޭންސިން ފެސިލިޓީއެއް ނެތުމާއެކު މިދިޔަ އަހަރު އެ ވިޔަފާރި އަކަށް ފައިދާވެފައިވުމަކީ ވެސް ޝަރުތެކެވެ. އަދި ރިސޯޓު ތަކަށް ވެސް މި ލޯނު ދިނުމުގެ އެއް ޝަރުތަކީ ވެސް ދައްކަންޖެހި ނުދައްކާ ހުރި ޖޫރިމަނާގެ ގޮތުގައި ލޯން ނުވަތަ ފައިނޭންސިން ފެސިލިޓީއެއް ނެތުމާއެކު ކުރިޔަށް އޮތް ތިން އަހަރަށް ލަފާކުރާ ކޭޝްފްލޯ ޕޮސިޓިވް ކަމަށް ދެއްކުމެވެ. ރިސޯޓު ކެޓަގަރީގެ ވިޔަފާރި ތަކަށް މި ލޯނު ދެނީ 7.7 މިލިއަން ރުފިޔާ އެވެ. އަދި އެ ނޫން ވިޔަފާރިތަކަށް ދެނީ އެއް މިލިއަން ރުފިޔާ އެވެ. މި ލޯނު ދައްކަން ތިން އަހަރު ލިބޭއިރު އިންޓްރެސްޓަކީ ހަ ޕަސެންޓެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި އާއި އަމިއްލަ މަސައްކަތްތެރިންނަށް އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދެނީ ފާއިތުވެރިދިޔަ އަހަރު އާމްދަނީގެ 10 ޕަސެންޓު އެންމެ ގިނަ ވެގެން ދެނީ 500،000ރ. އެވެ. އަދި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދެނީ 18،000ރ. އެވެ. މި ލޯނުގެ އިންޓްރެސްޓަކީ ވެސް ހަ ޕަސެންޓެވެ.