ކޮވިޑް-19 އާ ގުޅިގެން ދައުލަތުން ސިއްހީ ކަންކަމަށް ކުރި ހަރަދު ދަށްވެ، އިގްތިސޯދު ހިންގަން ކުރާ ހޭދަ މަތިވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 ގެ ބަލިން ސަލާމަތް ވުމަށްޓަކައި ސިއްހީ ކަންކަމަަށް ކުރަމުންދާ ހަރަދު ނިމިދިޔަ ހަފުތާގައި ވަނީ 0.04 ޕަސެންޓުގެ ދަށްވެފަ އެވެ. މިދިޔަ ހަފުތާގެ ނިޔަލަށް ސިއްހީ ކަންކަމަށް 1.3 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
ސިއްހީ ދާއިރާއަށް ކުރި ހޭދައިގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިންގާފައިވަނީ ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗް އަށެވެ. އެ ހޮސްޕިޓަލަށް 2.6 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. މި ބައިން އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައިވާ ވުޒާރާއަކީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެ ތަނަށް 871.4 މިލިއަން ރުފިޔާ ވަނީ ހޭދަވެފަައިވެ އެވެ. އަދި މިހާތަނަށް ސިއްހީ ކަންކަމަށް ކުރި ހޭދައިގެ ތެރެއިން 524.5 މިލިއަން ރުފިޔާ ރާއްޖެ އަށް ބޭނުންވާ ސާމާނު ހޯދަން ކޮށްފައިވެ އެވެ.
ސިއްހީ ހަރަދު ދަށްވަމުންދާ ކަމަށް ދައްކަނީ ކޮވިޑް-19 ގެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިއުމާއި މި ކަމަށް އޯޑަރު ކުރި ގިނަ ސާމާނު ރާއްޖެ ގެނެސްފައިވާތީ ކަމަށް ބެލެވެ އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން ދަނީ އިގްތިސޯދު ހިންގަން ވެސް ބޮޑު ހޭދައެއް ކުރަމުންނެވެ. މި ހާލަތުގައި ވިޔަފާރިތަކަށް އެހީވާން ދޫކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. އިކޮނޮމިކް ރިލީފަށް ކުރި ހޭދަ މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަށް ވަނީ އޭގެ ކުރިއާ އަޅާ ބަލާއިރު 1.5 ޕަސެންޓް މަތިވެފަ އެވެ.
އިކޮނޮމިކް ރިލީފުގެ ގޮތުގައި ވަޒީފާ ގެއްލި އަދި ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދަނީ 5،000ރ. ގެ އެލަވަންސެއް ދެމުންނެވެ. އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި މިހާތަނަށް 125.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި ކަރަންޓާއި ފެން ބިލަށް ދިން ޑިސްކައުންޓަށް 62.8 މިލިއަން ރުފިޔާ ހޭދަކުރި އެވެ. މީގެ އިތުރުން ވިޔަފާރި ތަކަށް ލޯނު ދިނުމާއި ލޯނު ފަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ވެސް ބޭންކްތައް މެދުވެރިކޮށް ސަރުކާރުން ދަނީ ހިންގަމުންނެވެ.
ކޮވިޑް-19 ގެ ހެލްތް ބަޔާއި އިކޮމިކް ބައި އެއްކޮށް ބަލާނަމަ މިހާތަނަށް ކުރި ހޭދައިގެ ޖުމްލަ އަދަދު 2.6 ބިލިއަން ރުފިޔާ އަށް ވުރެ މަތިވެ އެވެ.
ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް ލިބިފައިވާ ގެއްލުން ތަކުން ވިޔަފާރިތައް ސަލާމަތް ކުރަން ހާއްސަ އިސްކަމެއް ދޭނެ ކަމަށް ބުނެފަ އެވެ. ވިޔަފާރިތަކަށް އިތުރު އެހީތެރިކަން ދީ ސަރުކާރުން މިކަމަށް އިންޓަވިން ކުރުން އިތުރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.