ވިޔަފާރި

އެސްޑީއެފްސީގެ ލޯނު ރާއްޖޭގެ 144 ރަށަކަށް

Jan 18, 2021
3

އެސްއެމްއީ ޑިވްލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ލޯނު މިހާތަނަށް 144 ރަށަށް ދޫކޮށްފި އެވެ.

ސަރުކާރާއި ބައެއް ސިޓީ ކައުންސިލްތައް ހިއްސާ ވެގެން އުފައްދާފައިވާ ބޭންކް، އެސްޑީއެފްސީގެ މިދިޔަ އަހަރުގެ މާލީ ކާމިޔާބުތަކުގެ މައްޗަށް ނެރެފައިވާ ނޫސް ބަޔާނެއްގައިވާ ގޮތުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީ އިން ވަނީ ލޯނު ދޫކޮށްފަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ލުޔެއްހޯދުމުގެ ގޮތުން މިދިޔަ އަހަރު ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތް ތަކެއް ކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީ ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްޑީއެފްސީ އިން ވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދީފަ އެވެ.

އެސްޑީއެފްސީ އިން ވަނީ 2،205 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނުއެހީ ދޫކޮށްފަ އެވެ. އަދި މި ލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުން ތަކުން އަރައިގަތުމަށް ވަނީ އެހީއަކަށްވި އެވެ.

އެ ބޭންކުން ބުނި ގޮތުގައި މީގެ އިތުރުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު ލޮކްޑައުންނަށްފަހު ކުންފުނީގެ އޮޕަރޭޝަންސް ފަށާ، ކޮވިޑުގެ ނާޒުކު ހާލަތުގައި ވެސް އިތުރު 305 ފަރާތަކަށް ޖުމްލަ 420 މިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށެވެ.

"އެގޮތުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝިއަލް ވިޔަފާރިތަކަށެވެ. އަދި ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތީން އެސްޑީއެފްސީއިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތަކެވެ،" އެސްޑީއެފްސީ އިން ބުނެފައިވެ އެވެ.