ދުނިޔެ

ހުއްޓިފައި އޮތް ކްރޫޒްލައިނާގައި ތިބި މީހުން ސަލާމަތް ކުރަނީ

ނޯވޭގެ ހުޅަނގު ފަރާތުން އައްސޭރިފަށުގައި އިންޖީނު މައްސަލަ ދިމާވެފައި އޮތް ކްރޫޒްލައިނާ ކަނޑުމަތީ ބޯޓެއްގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވާކަމުގައި ރިޕޯޓުތައް ބުނެއެވެ.

"ވައިކިން ސްކައި" ގެ ނަން ދެވިފައިވާ ކްރޫޒްލައިނާ އިން ހޮނިހިރު ދުވަހު ޓްރޮމްސޯ އިން ސްޓްރަވަންޖޯ އަށް ކުރި ދަތުރު މަތީގައި ވަނީ ބޯޓުން ކަރަންޓު ކެނޑިފަ އެވެ. އަދި ބޯޓު އެއްގަމަށް ބީހެން ފެށުމުން އެ ބޯޓުން ވަނީ އެހީގެ ސިގްނަލް ފޮނުވާފަ އެވެ.

ކްރޫޒްލައިނާ ހުއްޓިފައި އޮތީ ވަރަށް ދަތި ހިސާބެއްގައި އަދި ކިރިޔާ އެހިސާބުގަ ހުރި ބޮޑެތި ގާތަކަށް ނާރާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

މި އުޅަނދުގެ ތިން އިންޖީނު މިހާރު ރަނގަޅުކުރެވި ޓަގުބޯޓުތަކުގެ އެހީގައި އެންމެ ގާތުގައި އޮތް ބަނދަރަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ. މިހާތަނަށް މި އުޅަނދުން 300 އަށްވުރެ ގިނަ މީހުން ސަލާމަތް ކުރެވިފައި ވެއެވެ. މި އުޅަނދުގައި ގިނައިން ތިބީ ޔޫއެސް އަދި ބްރިޓިޝް ރައްޔިތުން ނެވެ.

"އެރޭ ކަނޑުމަތި ވަރަށް ގަދަވި. ބޯޓު ދިޔައީ އެނބުރެމުން އެނބުރެމުން. ދެން އަހަރެމެން ދިޔައީ ހެނދުނުގެ ނާސަތާއަށް. މެންދުރު އަޅުވާ ފިލްމު ބަލަން ދަނިކޮށް ކުއްލިއަކަށް ކަރަންޓު ދިޔައީ އަހަރެމެން ސަލާމަތް ކުރީ ހެލިކޮޕްޓަރެގައި"، އަނބި މީހާ އެސްތާ ގޮވައިގެން ދެކުނު އިންގްލޭންޑުން ދަތުރު ކުރަމުން އައި ޑެރެކް ބްރައުން ކިޔާދިނެވެ.

ކްރޫޒްލައިނާގައި ދަތުރުކުރި ޖެނެޓް ނޯވޭގެ މީޑިއާ އެންއާރްކޭ އަށް ކިޔާދިންގޮތުގައި އޭނާއަށް އެހާ ބިރުވެރި ކަމެއް ފެނިފައެއް ނުވެ އެވެ. ހެލިކޮޕްޓަރުގައި އެއްގަމަށް ގެނައި ދަތުރުވެސް އޭނާ ބިރުން ފިއްކަނޑުވާލި އެވެ.

ވީޑިއޯ ފުޓޭޖުން ބޯޓު ދެއަތަށް ކިރެމުން ދިޔައިރު ބޯޓުގައި ހުރި ފަރުނީޗަރުތައް އެއްކޮޅުން އަނެއްކޮޅަށް ދެމެމުން ދިޔަތަން ފެނެ އެވެ.

މީހުން ސަލާމަތް ކުރުމަށް 5 ހެލިކޮޕްޓަރާ އެކީ ކަނޑުމަތީގެ ބައެއް ބޯޓު އެސަރަހައްދަށް ފޮނުވާފައި ވެއެވެ. މީގެ ތެރެއިން އެއް ބޯޓުގެ އިންޖީނު ހުއްޓުމާއި ގުޅިގެން ލައިފް ބޯޓަށް މަޖުބޫރުވެގެން ވަނީ އަނބުރާ އައިކޮޅަށް ގެންދަން ޖެހިފަ އެވެ.

"ކަންތައް ގޯސްވާން ބާކީ އޮތީ ކުޑަ ވަގުތު ކޮޅެއް. ކްރޫޒްލައިނާގެ އިންޖީނުތައް ރަނގަޅު ކުރެވި ނަގިލި ވައްޓާނުލެވުނު ނަމަ އެމީހުން ގާތަކަށް އެރީސް"، އަފްޓަންޕޯސްޓެން ނޫހަށް މައުލޫމާތު ދެމުން ކްރޫޒްލައިނާ ގާތަށް އެންމެ ފުރަތަމަ ވާސިލްވެވުނު މަސް ބޯޓުގެ ކައްޕި، ޖެން އެރިކް ފިސްކާސްޓްރާންޑް ކިޔާދިނެވެ.އޮލާވް މަގްނޭ ސްޓްރޮމްޝޮމް، އެ ސަރަހައްދުގައި ޓުއަރިސްޓް އުޅަނދު ދުއްވާ ކައްޕިއެއް ބުނާގޮތުގައި އެ ހިސާބަކީ "ކަނޑުމަތީ ބޯޓުތަކުގެ ގަބުރުސްތާނެ" ކެވެ.