ޓޫރިސްޓުންގެ އަތުން އަގުނަގައިގެން ކަނޑު އަޑިއަށް ދަތުރުކޮށްދޭ އެމެރިކާގެ އޯޝަންގޭޓް ކުންފުނިން -- ވަކި މުއްދަތެއް ނެތް ގޮތަށް ދަތުރުތައް މެދުކަނޑާލައިފި އެވެ.
އެ ކުންފުނީގެ ވެބްސައިޓްގައި މިކަން މިހާރު އޮތީ އިއުލާން ވެސް ކޮށްފަ އެވެ.
"އޯޝަންގޭޓް އެކްސްޕެޑިޝަން" އިން ދަތުރުތަކަށް މިހާ ބޮޑު ބަދަލެއް މި ގެނައީ ޖޫން 18 ގައި ފަސް ޓޫރިސްޓަކު ގޮވައިގެން -- އުތުރު އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް މަޝްހޫރު ޓައިޓޭނިކް ދޮށަށް -- ދަތުރުކުރި އެ ކުންފުނީގެ ކުޑަ އުޅަނދެއް ކަމަށްވާ ޓައިޓަން ކަނޑުގެ ޕްރެޝަރުގައި ފިތި އޭގައި ތިބި ހުރިހާ މީހުން މަރުވުމާ ގުޅިގެންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން ޓައިޓަން އުޅަނދު ކަނޑު ޕްރެޝަރަށް ކެތްނުކުރެވުނީ މަރާމާތުކޮށް ބެލެހެއްޓުމުގައި އޯޝަންގޭޓް އިން ފަރުވާކުޑަކޮށް އިހުމާލުވެފައި ވުމުންނެނެވެ. އަދި އުޅަނދު މަރާމާތުނުކޮށް ތަކުރާރުކޮށް ދަތުރުކުރުމުގެ ސަބަބުންނެވެ.
ކަނޑުގެ އެހާ ފުނަށް ދަތުރުކުރުމަށްފަހު އެނބުރި ފެނުން މައްޗަށް އުޅަނދު ދިއުމުން ވަރަށް ރަނގަޅަށް ބަލައި އުޅަނދުގައި ހުރި ހުރިހާ ނިޒާމެއް ރަނގަޅަށް މަސައްކަތްކުރާކަން ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް މިކަމުގެ އިލުމު ހުރި މީހުން ބުނެ އެވެ.
އޯޝަންގޭޓް އެކްސްޕެޑިޝަނުން ބުނާ ގޮތުން ޓައިޓަން އަކީ 14،000 ފޫޓު އަޑިއަށް ފީނުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެވެ. އެހެން ނަމަވެސް، މީހުން ސަލާމަތްކުރަން ކުރި މަސައްކަތްތަކުގައި އުޅަނދު ފެނުނީ 12،500 ފޫޓު އަޑީގައި ބައިތައް ވަކިވެފައި ވަނިކޮށެވެ.
ޓައިޓަންގައި ކަނޑު އަޑިއަށް ޓައިޓޭނިކް ބަލަންދާ ކޮންމެ މީހެއްގެ އަތުން އޯޝަންގޭޓް އެކްޕެޑިޝަނުން 250،000 ޑޮލަރު ނަގަ އެވެ. ޓައިޓަން ކަނޑު އަޑިއަށް ފެތުނީ ޖެހިޖެހިގެން -- ސާވިސްކުރުމެއް ނެތި ކުރި 14 ވަނަ ދަތުރު ގައެވެ.
މި އުޅަނދުގެ ބައިތައް މިހާރު ވަނީ ފެނުން މައްޗަށް ނަގާފަ އެވެ. ދިރާސާކުރާ މީހުން މިހާރު ބަލަމުން ދަނީ އުޅަނދަށް ދިމާވި އަސްލު މައްސަލަ އެވެ. އަދި ކަނޑުގެ ޕްރެޝަރަށް ކެތްނުކުރެވުނީ ސިދާ ކޮން ސަބަބަކާތޯ އެވެ.
ޓައިޓަން ފެތެން ދިމާވީ އޯޝަންގޭޓް އެކްސްޕެޑިޝަންގެ އިހުމާލުންތޯ ބަލައި އެ ކުންފުނީގެ އިސް ވެރިންނާ މެދު ފިޔަވަޅު އެޅުމަކީ އަދި ދެކެވޭ ވާހަކަތަކެއް ނޫން ނަމަވެސް، އެ މީހުންނަށް ކޮންމެވެސް ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
އޯޝަންގޭޓްގެ ދަތުރުތައް ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓުވާލާފައިވަނީ ތަހުގީގަށް ކަމަށް ގަބޫލުކުރެވެ އެވެ. ޓޫރިސްޓުންގެ އިތުބާރު ހޯދުމަށްޓަކައި މިނިވަން ތަހުގީގެއް އެ ކުންފުންޏަށްވެސް މުހިންމުވާނެ އެވެ.