ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ހަަތަރު އަހަރު ބަންދުކޮށްފައި ބޭއްވުމަށްފަހު އުތުރު ކޮރެއާގެ ސިޓީއެއް ފަތުރުވެރިންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.
ޗައިނާގެ ޓްރެވެލް އޮޕަރޭޓަރުންގެ މަޢުލޫމާތުން އެނގޭ ގޮތުގައި މި އަހަރުގެ ޑިސެމްބަރު މަހު ހުޅުވާލުމަށް ނިންމާފައިވަނީ އުތުރު ކޮރެއާގެ ސަމްޖިޔޯން ސިޓީ އެވެ.
އުތުރު ކޮރެއާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ޕެކްޓް ފަރުބަދައިގެ ފައިވައްތަރުގައި އޮންނަ ސަމްޖިޔޯން ސިޓީއަކީ ފިނި މޫސުމުގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ.
ދުނިޔެއާ ވަރަށް ބޮޑަށް އެކަހެވެރިގެން އުޅޭ ގައުމެއް ކަމަށްވާ އުތުރު ކޮރެއާގެ ސަމްޖިޔޯން ސިޓީ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ކުރިން ވިދާޅުވެފައިވެ އެވެ.
އުތުރު ކޮރެއާގެ ސިޓީއެއް ފަތުރުވެރިންނަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް ބުނި ނަމަވެސް ބައެއް މީހުން މި ވާހަކަތައް ގަބޫލެއް ނުކުރެ އެވެ.
އެމެރިކާގައި ގާއިމުވެ ތިބޭ އެނަލިސިސް ފާމެއް ކަމަށްވާ ކޮރެއާ ރިސްކް ގްރޫޕްގެ ސީއީއޯ ޗަޑް އޮކެރޯލް ވިދާޅުވީ އުތުރު ކޮރެއާގެ ސިޓީއެއް ފަތުރުވެރިންނަށް ހުޅުވާލަނީ ކަމަށް ބުނެ ފަތުރާ ވާހަކަތައް ގަބޫލުކުރެވޭނީ އޭނާއަށް އަމިއްލަ ލޮލުން އެ މަންޒަރު ފެނުމުން ކަމަށެވެ. ސަމްޖިޔޯން ސިޓީގައި ކުރިއަށްދާ ތަރައްގީގެ މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.
އުތުރު ކޮރެއާ އިން ވަނީ ދެކުނު ކޮރެއާ ފިޔަވާ ކޮންމެ ގައުމެއްގެ ފަތުރުވެރިޔަކަށްވެސް އެ ގައުމަށް ދަތުރުކުރުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު އެމެރިކާ އިން ވަނީ އެ ގައުމުގެ ރައްޔިތުން އުތުރު ކޮރެއާ އަށް ދިއުން މަނާކޮށްފަ އެވެ.