ލަންކާގެ ފަތުރުވެރިކަމާ ބެހޭ އިދާރާތަކާ ހަވާލާދީ މަރުކަޒީ ބޭނުންކުން ބުނާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުން އެއްބިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މިއީ ފާއިތުވި އަހަރާ ބަލާއިރު 103 ޕަސެންޓްގެ އިތުރުވުމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލަންކާއަށް ފަތުރުވެރިން އެތެރެވި ނިސްބަތްވެސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި 635،784 ފަތުރުވެރިން ވަނީ އެ ގައުމަށް ޒިޔާރަތްކޮށްފަ އެވެ.
މި އަހަރުގެ މާޗުގައި ލަންކާއަށް 209،181 ފަތުރުވެރިން އެތެރެވެފައިވާއިރު މިއީ ކުރީ އަހަރާ އަޅާބަލާއިރު 66 ޕަސެންޓްގެ ކުރިއެރުމެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
މަރުކަޒީ ބޭނުންކުން އާންމުކޮށްފައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ. ފަތުރުވެރިން ލަންކާއަށް އެތެރެވާ ނިސްބަތުގައިވެސް ތަފާތު ބޮޑު އިތުރުވުމެއް އުޅޭ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ފަތުރުވެރިކަމުގެ ސަބަބުން ލަންކާއަށް އިންޕޯޓް އެކްސްޕޯޓްވެސް މައްޗަށް ޖެހޭނެ ކަމަށް ދައްކަ އެވެ. ހޮޓާތަކަށް ބޭނުންޖެހިފައި އޮތް ނިސްބަތް އިތުރުވުމުގެ ސަބަބުން ލޯކަލް މާކެޓްގައި އެނދުގެ އަގުތައް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހަބަރުތައް ބުނެ އެވެ.
ލަންކާއަށް އިގުތިސާދީ ގޮތުން ކުރިމަތިވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް އެންމެ ބޮޑަށް މާކެޓްކުރާ އެއް ސިނާއަތަކީ ފަތުރުވެރިކަމެވެ. އަމިއްލަ އުފެއްދުންތެރިކަމާއި އަދި ލަންކާއަށް ހާއްސަ ސައިފަތަކީ ވެސް މި މަރުހަލާގައި ހިސާބު ޖަހައިގެން ކުރިއެރުން ހޯދާ ވަސީލަތްތަކެކެވެ.
ދުނިޔެއަށް ކުރިމަތިވި ކޮވިޑާ ގުޅިގެން ލަންކާ އޮތީ ގާތްގަނޑަކަށް ބަނގުރޫޓުވެ ބަނޑަށް ޖެހިފަ އެވެ. އަދި ސިޔާސީ ގޮތުން އެ ގައުމަށް ކުރިމަތިވި ހާލާތްތަކާ ގުޅިގެން -- މިއިން ޒަމާނަކުވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނަަމަވެސް އައިއެމްއެފާއި ވޯލްޑް ބޭންކް ފަދަ ދުނިޔޭގެ މާލީ އިދާރާތަކުގެ އެހީގައި ލަންކާ އަންނަނީ މަޑުމަޑުން ކޮޅަށް ތެދުވަމުންނެވެ.
ކޮވިޑްގެ ކުރިން ލަންކާ ސަރުކާރުން ނަގާފައި ހުރި ލޯނުތަކަށް ވެސް ލުއި ގޮތްތައް ހޯދައި، ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަން އަންނަނީ ހޯދަމުންނެވެ.
މާލީ އިދާރާތަކުން ލަންކާ ސަރުކާރަށް އޮތް އިތުބާރު ބޮޑުކުރުމަށްޓަކައި އެ އިދާރާތަކުން ބުނާ ބަދަލުތައްވެސް ތަންފީޒުކުރަން ވަނީ ފަށާފަ އެވެ. މިއީ އިންވެސްޓަރުންނަށް ވެސް ލިބޭ އިތުބާރަކަށް ވާނެ އެވެ.