ދުނިޔެ

ލަންކާ ފްލައިޓްތައް ޖަފްނާއިން އިންޑިއާއަށް

ލަންކާއަށް ދިމާވެފައި އޮތް އިގުތިސޯދީ ދަތި ހާލަތާ ގުޅިގެން ޓޫރިޒަމް ސިނާއަތު އޮތީ ވަޅުޖެހި އަރައި ނުގަނެވިދާނެ ކަމަށް ބިރުހީވެފަ އެވެ.

ލަންކާ އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލާ ޚަބަރަށް ވިދާޅުވި ގޮތުގައި ޓޫރަޒަމް ސިނާއަތު ހިމާޔަތް ކުރުމަށްޓަކައި، އަވަސް އަދި ދެމެހެއްޓެނިވި ފިޔަވަޅުތަކަކަށް ވަނީ ބޭނުންޖެހިފަ އެވެ.

އޭވިއޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި އުތުރު ޖަފްނާއިން އިންޑިއާއަށް ފްލައިޓްތައް އޮޕަރޭޓްކުރަން ކުރަންޖެހޭ ތައްޔާރީތައް މިހާރު ހުރީ ފައިނަލުގަ އެވެ.

ލަންކާގެ އިގުތިސޯދު ދިރާސާކުރާ މީހުން ބުނާ ގޮތުން ޓޫރިޒަމް ސިނާއަތު ފަށައިގަނެވިއްޖެ ނަމަ އިގުތިސޯދަށް މަޑުމަޑުން ލުއި ލިބޭނެ އެވެ. އެގޮތުން ކައިރި ގައުމުތަކަށް ޓޫރިސްޓުން އުފުލުމަކީ ލަންކާއަށް އޮތް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިގުތިސޯދީ މައްސަލަތަކާ ގުޅިގެން ލަންކާގައި އާންމުން ގަޑުބަޑު އުފައްދާފައި ނުވާ ހިސާބުބުތަކުން ޓޫރިސްޓުންނަށް ޗުއްޓީ އިންތިޒާމްކޮށް ދިނުމަކީ ވެސް އޮތް ފުރުސަތެކެވެ.

އޭވިއޭޝަން މިނިސްޓަރު އުއްމީދު ކުރައްވާ ގޮތުގައި އަހަރުގެ ބާކީ އޮތް ބައިގައި ލަންކާއަށް 800،000 ޓޫރިސްޓުން ޝައުގުވެރި ކުރުވިދާނެ އެވެ.

ނިމާލް ވިދާޅުވި ގޮތުގައި ޖަފްނާގައި އޮތީ ކުޑަ ރަންވޭ އެކެވެ. އެހެންކަމުން ބޮޑެތި ބޯޓުތަކަށް އޮޕަރޭޓެއް ނުކުރެވޭނެ އެވެ. ޖަފްނާއިން ޓޫރިޒަމް ފަށާނަމަ ބޭނުންކުރަން ޖެހޭނީ 75 ގޮނޑީގެ ކުދި ބޯޓު ކަމަށްވެސް ވިދާޅުވި އެވެ.

އެނޫން ގޮތެއްގައި އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެހީގައި ރަންވޭ ބޮޑުކުރުމެވެ. އެކަމަށް ވަގުތު ނެގި ނަމަވެސް، އިގުތިސޯދަށްޓަކައި ކަމެއް ނުކޮށް ތިބެވޭކަށް ނެތެވެ.

އިދާރާތަކުން ލަފާކުރަނީ އަންނަ މަހުގެ ފަހުކޮޅު ފްލައިޓްތައް އޮޕަރޭޓްކުރަން ފެށޭނެ ކަމަށެވެ. އެހެންނަމަވެސް އަދި ވަކި ތާރީޚެއް ކަށަވަރުކޮށް ވިޔަފާރިއަށް ހުޅުވައް ނުލަ އެވެ.