ދުނިޔެ

ލަންކާއަށް އޮގަސްޓް ފުރަތަމަ ދެހަފުތާގައި 16،643 ޓޫރިސްޓުން

ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނާ ގޮތުން ފާއިތުވި މަހުގެ ފުރަތަމަ ފަނަރާގައި ލަންކާއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ވުރެ މި މަހު ހަމަ އެ މުއްދަތުގައި ލަންކާއަށް އެތެރެވި ޓޫރިންޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

މި ހިނގާ އޮގަސްޓް ފުރަތަމަ އެގާރާގައި ލަންކާއަށް 16،000 ޓޫރިސްޓުން ޒިޔާރަތްކުރި ކަމަށް ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނެ އެވެ. އަދި އޮގަސްޓް މަހު މިހާތަނަށް 16،643 ޓޫރިސްޓުން ލަންކާއަށް ޒިޔާރަތްކުރި ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން އުއްމީދުކުރާ ގޮތުގައި އޮގަސްޓް ނިމޭ ހިސާބުގައި ލަންކާއަށް ބައި މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެ އެވެ. މި އަހަރުގެ ޖެނުއަރީ އެކަކުން 11 އަށް 475،131 ޓޫރިސްޓުން ޒިޔާރަތްކުރި ކަަމަށްވެސް ޓޫރިޒަމް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި ލަންކާގެ ބޯޑަރުތައް ބަންދުކުރަން ޖެހި އަދި އެ ހާލަތު ދިގުދެމިގެން ދިއުމުގެ ސަބަބުން ލަންކާގެ ފަތުރުވެރިކަން ވަނީ ސުމަކުން ފަށަން ޖެހިފަ އެވެ.

ލަންކާއަށް ކޮވިޑުގެ ހާލަތުން އަރައި ނުގަނެވިގެން އުޅެނިކޮށް އިގުތިސޯދީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓުނު ގޮތަށް އަދިވެސް އޮތީ އެ ހާލަތުގަ އެވެ.

ލަންކާއަށް ބޭނުންވާ ތެލާއި ކާބޯތަކެތި އަދި ބޭސް ގަންނަން ބޭނުންވާ ބޭރު ފައިސާގެ ބަޮޑުބައި ވަންނަނީ ފަތުރުވެރިކަމުންނެވެ. އެހެންނަމަވެސް ކޮވިޑާ ހެދި ފަތުރުވެރިކަން ވަޅުޖެހި ގައުމުގެ ހާލަތު ވަނީ މިއިން ޒަމާނަކު ވެސް އަރައިނުގަނެވޭހާ ދަށަށް ވެއްޓިފަ އެވެ.

އިގުތިސޯދީ ގޮތުން ލަންކާއަށް ބޮޑު ދަތުމަޑުކަމެއް ލައިގަތީ ސަރުކާރު ހިންގުމުގައި ގާބިލުކަމެއް ނެތުމުން ކަމަށް ބުނެ އާންމު ރައްޔިތުން މަގުތަކަށް ނުކުމެ އާންމުންގެ މުދަލާއި ގެދޮރުގައި ހުޅުޖަހައި ވަނީ ލޭއޮހޮރުވުން ހިންގާފަ އެވެ.

އާންމުންގެ ނުރުހުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއަށް ފޯރައި ނަފުސާއިގެން ސަލާމަތްނުވެވިދާނެ ކަމަށް ބައްލަވައި އިސްތިއުފާ ދެއްވައި ވަނީ ސިފައިންގެ ޚާއްސަ ހިމާތަޔަށް ވަޑައިގެންފަ އެވެ.

އަނެއްކޮޅުން ރައީސް ގޮޓާބޭ ރާޖަޕަކްސަ ވެސް ވަނީ ގައުމު ދޫކުރައްވައި ވަޑައިގެންފަ އެވެ. އަދި ފަހުން ސިންގަޕޫރަށް ވަޑައިގެން އިސްތިއުފާ ދެއްވައި މިހާރު ހުންނެވީ ތައިލޭންޑްގަ އެވެ.