ދުނިޔެ

ސިންގަޕޫރު މަތިންދާބޯޓެއްގައި އިނގިރޭސިއަކު މަރުވެއްޖެ

ލަންޑަންގެ ހީތުރޯ އެއާޕޯޓުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޫރު އެއާލައިންސްގެ މަތިންދާބޯޓެއްގައި އިނގިރޭސިވިލާތުގެ 73 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޮއިން 777 މަރުކާގެ މި މަތިންދާބޯޓު ކޮޅިނގަޑެއްގައި ޖެހި، ވަރަށް ބާރަށް ވަނީ ތިރިއަށް ވެއްޓިފަ އެވެ. ތިން މިނެޓެއް ހާއިރު ތެރޭގައި 6،000 ފޫޓަށް ވެއްޓިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ހާދިސާގައި މަތިންދާބޯޓު ތެރޭގައި ހުރި ބައެއް ތަކެތި އެފުށް މިފުށަށް ވަނީ ޖެހިފަ އެވެ. އަދި ހަރުކޮށްފައި ހުރި ފަރުނީޗަރު އުފުރައިގެން ގޮސް ދަތުރުވެރިންނަށް ވަނީ ވަރަށް ބޮޑެތި އަނިޔާވެފަ އެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށް ބުނާ މީހާވެސް މަރުވެފައި ވަނީ މަތިންދާބޯޓު ތިރިއަށް ވެއްޓިގެން ދިއައިރު އެވެ. އެއާލައިނުން ބުނާ ގޮތުން އޭނާ މަރުވި ކަމަށް ބެލެވެނީ ބިރުން ހިތްހުއްޓިގެންނެވެ.

ސިންގަޕޫރު އެއާލައިންސުން ބުނި ގޮތުން ފްލައިޓަށް އޮބިނޯންނަވަރު ވެގެން މަގުބަދަލުކުރަން މަޖުބޫރުވީ އެވެ. އެއަށްފަހު ތައިލޭންޑްގެ ބެންކޮކަށް ޖެއްސީ އެވެ.

މި ހާދިސާއާ ގުޅިގެން 18 މީހަކު ބެންކޮކްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރަން ޖެހުނެވެ. އަދި އިތުރު 12 މީހަކަށް ހޮސްޕިޓަލުން ފަރުވާދޭން ޖެހުނެވެ.

ސިންގަޕޫރު އެއާލައިނުން ބުނި ގޮތުން ދަތުރުވެރިންނަަށް ވަނީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އަދި ދަތުރުވެރިންނަށާއި ފަޅުވެރިންނަށް ވެސް ނަފުސާނީ ފަރުވާދޭން ޖެހުނު ކަމަށް ވެސް އެއާލައިނުން ފޭސްބުކުގައި ބުނެފައިވެ އެވެ.

މި މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އަމިއްލައަށް ހިނގާބިނގާވެ އުޅެވޭ ވަރު ވިމީހުންނާއި ކުޑަކޮށް ޒަޚަމްވެފައި ތިބި މީހުން އުފުލުމަށްޓަކައި ސިންގަޕޫރުން އެހެން މަތިންދާބޯޓެއް ފޮނުވަން އޮތީ ހަމަޖެހިފަ އެވެ.

ސިންގަޕޫރު އެއާލައިންސްގެ މަތިންދާބޯޓު ކޮޅިގަނޑުގައި ޖެހި ސީރިއަސްވާން ފެށުމުން ޕައިލެޓް ވަނީ "ސްކްއާކް ކޯޑް - 7700" ފޮނުވާފަ އެވެ.

މިއީ މަތިންދާބޯޓަށް ނުރައްކާވެއްޖެކަށް އޭޓީސީ ޓަވަރުތަކަށް އެންގުމަށް ފޮނުވާ ކޯޑެކެވެ. މި ކޯޑު ފޮނުވުމާއެކު އެ ބޯޓަކަށް އޭޓީސީ ޓަވަރުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭނެ އެވެ. އެ ހާލަތަކުން ސަލާމަތްވުމަށް ޕައިލެޓަށް އިރުޝާދު ދޭނެ އެވެ.