ދުނިޔެ

ތެޔޮ ބަންޑުންވެ ތައި ގޮނޑުކޮށް ޚަރާބުވެއްޖެ

ކަނޑު އަޑީގައި އޮތް ތެޔޮ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ތެޔޮ ލީކުވެ އިރުމަތީ ތައިލޭންޑްގެ ގޮނޑުދޮށުގެ ހާލަތު މިހާރު އޮތީ ކާރިސާއަކަށް ބަދަލުވެފައި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އަސްކަރިއްޔާ އާއި ތިމާވެށީގެ ހިމާޔަތުގައި ވަކާލާތު ކުރާ ޖަމާއައްތަކުން އަދި ހިލޭސާބަހަށް މަސައްކަތްކުރާ އޭޖެންސީތަކުން ތެޔޮ ސާފު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އޮފިޝަލުން ވިދާޅުވާ ގޮތުން 18 އަކަކިލޯ މޭލަށް ތެޔޮގަނޑު އޮތީ ފެތުރިފަ އެވެ.

ތެޔޮ ލީކުވާން ފެށީ މިދިއަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އަދި ހާލަތު އިތުރަށް ގޯސްވިއަ ނުދީ މިހާރު ހިފެހެއްޓިފައި އޮތް ކަމަށް ވެސް ބުނެ އެވެ. ތަފާސްހިސާބުތަކާ ހަވާލާދީ އޮފިޝަލުން ވިދާޅުވާ ގޮތުން ކަނޑަށް ލީކުވި ތެޔޮ 50،000 ލީޓަރަށް ވުރެ ގިނަވާނެ އެވެ.

ތައިލޭންޑް ކަނޑުގެ ސިފައިން ބުނާ ގޮތުން އެމީހުންނަށް ކުރެވޭ މަސައްކަތަކުން ސާފު ކުރެވޭނާ މަދު މިންވަރެކެވެ. ލީކުވާ ތެޔޮ ހޮޅި އޮތީ ކަނޑު އަޑީގައި ކަމަށް ވުމުން ފަންނީ މީހުންގެ އެހީއާ ނުލައި ހާލަތު ބަދަލު ނުކުރެވޭނެ ކަމަށް ވެސް ސިފައިން ބުނެ އެވެ.

ހާލަތު މިހާރު އޮތީ ކުރިން ހީކުރެވުނު ވަރަށް ވުރެވެސް ބޮޑުވަރުވެފަ އެވެ. ތެޔޮ ކުންފުނީގެ އިންޖިނޭރުން ހޮޅި ބަންދުކުރި ނަމަވެސް، ލިކުވި ތެލުގެ ސަބަބުން ފަރަށާއި ގޮނދު ދޮށަށް ލިބިފައި ހުރި ގެއްލުން އާދައިގެ ހާލަތަކަށް ނުގެނެޥޭނެ އެވެ.

ތައިލޭންގެ ތިމާވެއްޓާ ބެހޭ އިދާރާއިން ބުނާ ގޮތުން ހާލަތު މެދުވެރިވި ސަބުން ބަލައި ޒިންމާކުރުވޭނެ އެވެ. އަދި ތިމާވެއްޓަށް ލިބިފައި ހުރި ގެއްލުމަށް ބަދަލު ހޯދޭނެ އެވެ.

އާންމު ފަރުދުންނަށް ލިބިދާނެ ގެއްލުމަކަށް ދައުލަތުން ސަމާލުވާނެ ކަމަށް ވެސް ތައިލޭންޑް އިދާރާތަކުން ބުނެ އެވެ.