ދުނިޔެ

އިންޑޮނީޝިއާގައި ޓޫރިސްޓް ބަހެއް ބިލްބޯޑެއްގައި ޖެހި 14 މަރު

އިންޑޮނީޝިއާގައި ހައިވޭއެއްގައި ބާރަށް ދުއްވާފައި ދިޔަ ޓޫރިސްޓް ބަހެއް ބިލްބޯޑެއް -- މަގުތަކުގެ ކައިރިފަށުގައި އުފުލާފައި ހުންނަ ބިޔަ އިސްތިހާރު ބޯޑެއްގައި ޖެހި އެކްސިޑެންޓްވެ 14 މީހަކު މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓޫރިސްޓް ބަސް ދަތުރުކުރީ ޓޫރިސްޓުން ގޮވައިގެން ރިޒޯޓަކަށެވެ. މި ހާދިސާގައި މަރުވި މީހުންގެ ގައުމުތަކެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.

ފުލުހުންނާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނާ ގޮތުން އެކްސިޑެންޓްވާން މެދުވެރިވި ސަބަބު އަދިވެސް ނޭނގެ އެވެ. އެހެން ނަމަވެސް، މަންޒަރު ދުށް މީހުންގެ އެހީގައި އަދި ލިބެން ހުރި ސީސީޓީވީ ވީޑިއޯތަކުން ސަބަބު ހޯދަން ދަނީ މަސައްކަތް ކުރެވެމުންނެވެ.

ޚަބަރުތައް ބުނާ ގޮތުން ޑްރައިވަރު އިނީ އަމަލުވެފަ އެވެ. އޭނާ ފެންނަނީ އެކަހަލަ ގޮތަކަށެވެ. އެހެން ނަމަވެސް، ފުލުހުން އަދި ޑްރައިވަރާ ސުވާލު ނުކުރާ ކަމަށް ވެއެވެ. ފުލުހުން ބުނާ ގޮތުން ޑްރައިވަރަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

އިންޑޮނީޝިއާ އަކީ އާބާދީ ބޮޑު ގައުމަކާ ބަލާއިރު ޓްރެފިކް ގަވާއިދު ދޯހަޅި ގައުމެއް ކަމަށް ބުނެވެ އެވެ. އިންޑޮނީޝިއާގައި ހިނގާ ބޮޑެތި އެކްސިޑެންތައް ހިނގަން މެދުވެރިވާ ސަބަބަކީ ވެސް މަގުމަތީގެ އަޚުލާގެވެ.

ފުލުހުން ބުނާ ގޮތުން އެކިވަރުގެ އަނިޔާ ލިބިފައި ތިބި 19 މީހަކު އަވަސް ފަރުވާދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންދެވިފަ އެވެ. އަނިޔާ ލިބުނު މީހުންނަށް ތަފާތު ހަތަރު ހޮސްޕިޓަލެއްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.