ދުނިޔެ

"ޓޮންގާއަށް އަދިވެސް އެހީފޮނުވޭ ގޮތެއް ނުވޭ"

ޓޮންގާއަށް ބޭނުންވާ ޒަރޫރީ ހުރިހާ ވަސީލަތަކާއެކު އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރު ކަމަށް ނިއުޒިލޭންޑް ފޮރިން އެފެއާޒް މިނިސްޓަރު ނަނަޔާ މަހޫޓާ ވިދާޅުވެއްޖެ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ފެނާއި ޖެނަރޭޓަރާއި ފަސްޓްއެއިޑް ކިޓްތައް އަދި އިންސާނީ އެހީތެރި ކަމަށް ބޭނުވާ ހުރިހާ ސާމާނަކާއެކު އަސްކަރީ މަތިންބޯޓް އޮތީ ފުރަން ތައްޔާރަށެވެ.

ޓޮންގާގައި މިދިއަ ހޮނިހިރު ދުވަހު އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ބޯދުމާއެކު ބުރައިގެން ދިޔަ އަޅިތައް 12 މޭލު އުހަށް ފެތުރިގެން އަރާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެރި ބިޔަ ސުނާމީގައި އަބާދީ މަދު ބައެއް ހިސާބުތައް މުޅިން ގިރި ހުސްވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޓޮންގާގެ ހާލަތު ބެލުމަށް ނިއުޒިލޭންޑާއި އޮސްޓްރޭލިއާ އަދި އިންޑޮނީޝިއާއިން ވެސް ވަނީ އަސްކަރީ އުޅަނދުތައް ސަމާލު ކޮށްފަ އެވެ.

ނިއުޒިލޭންޑުން ބުނާ ގޮތުން ކަނޑުމަގުން އެހީފޯރުކޮށް ދިނުމަށް އަސްކަރިއްޔާއިން ވަނީ މަސައްކަތް ފަށާފަ އެވެ. އަދި އެހީގެ ފުރަތަމަ ޝިޕްމަންޓްގައި 680،000 ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ޓޮންގާއަށް އެހީ ގެންގޮސްދޭ ބޯޓުފަހަރަށް މަގު ތަނަވަސް ކުރުމަށް ރަންވޭ ސާފުކުރާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން މިހާރު ފެންނަ ކަމަށް ޚަބަރުތައް ބުނެ އެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ޓޮންގާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އިންޓަނެޓް ވެސް ވަނީ ކަނޑައިގެން ގޮސްފަ އެވެ. ޓޮންގާއަށް އިންޓަނެޓް ދިނުމަށް ކަނޑު ހުރަސްކޮށް އަޅާފައި އޮންނަ ފައިބަރު ކޭބަލް ދެތިން ތަނަކުން ބުރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކަނޑު އަޑީގައި އޮތް ފައިބަރު ކޭބަލް ގުޅައި އިންޓަނެޓް ފޯރު ކޮށްދިނުމަށް ދެތިން ހަފުތާއެއް ނަގާނެ ކަމަށްވެ އެވެ. އެ މަސައްކަތްތައް ވެސް ކުރެވެން އޮތީ ސަރަހައްދުން ދުންފިލައި މީހުންނަށް ނޭވާލެވޭ ވަރުވުމުން ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ޓޮންގާ އަކީ އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގެ އަވައްޓެރިއެކެވެ. ޖަޒީރާ 176 ރަށެއް ހިމެނޭ ޓޮންގާގެ އާބާދީ އަކީ 104،000 މީހުންނެވެ.