ދުނިޔެ

ޖީ20 ސަމިޓަށް ދާނަން: އޮސްޓްރޭލިއާ

އިންޑޮނީޝިއާގެ ބާލީގައި މިއަހަރު ނޮވެމްބަރުގައި އޮންނަ ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވެއްޖެ އެވެ.

އަލްބަނީޒް ވިދާޅުވީ ގޮތުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ޖީ20 ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް، ސަމިޓަކީ އޮސްޓްރޭލިއާއަށް ދޫކޮށްލެވެން ނެތް ފުރުސަތެކެވެ.

ދުނިޔޭގައި މިހާރު އޮތް ހާލަތަށް ބަލާއިރު ޖީ20 ބައްދަލުވުމަކީ ވަރަށް މުހިންމު ބައްދަލުވުމއެް ކަމަށް އަލްބަނީޒް ވިދާޅުވި އެވެ. އަދި އިގުތިސޯދީ ގޮތުން ދުނިޔެ މުޅިން އާ ބަދަލުތަކަކަށް މިސްރާބު ޖަހާފައި އޮތް އިރު މަޝްވާރާތައް ވަރަށް މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

އަލްބަނީޒް ވިދާޅުވި ގޮތުގައި ސަމިޓް ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެ ދެއްވާނެ އެވެ. އިންޑޮނީޝިއާގެ ރައީސް ޖޯކީ ވިޑޯޑޯއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

މިއަހަރުގެ ޖީ20 ސަމިޓްގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބައިވެރިވެ ވަޑައިގަތުމަކީ އެމެރިކާއަށާއި އިނގިރޭސިވިލާތަށް އަދި ޔޫރަޕިއަން ޔޫނިއަނަށް އޮތް ބިރެކެވެ. އެ ގައުމުތަކުން ގެންދަނީ އިންޑޮނީޝިއާގެ ރައީސަށް ޕްރެޝަރު ކޮށްގެން ޕޫޓިންއަށް ދެއްވަން އޮތް ދައުވަތަށް ހުރަސްއަޅަމުންނެވެ.

ދުނިޔޭގެ ނުފޫޒުގަދަ ބައެއް ގައުމުތަކުން ބުނާ ގޮތުން ސަމިޓްގައި ޕޫޓިން ބައިވެރިވާ ނަމަ އެ ގައުމުތަކުން ބައިވެެރިއެއް ނުވާނެ އެވެ. އޮސްޓްރޭލިއާގައި ކުރިން ހުންނެވި ބޮޑުވަޒީރު ސްކޮޓް މޮރިސަން ވެސް އޮތީ ސަމިޓްގައި ބައިވެރިވެ ވަޑައިނުގަންވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ކަން އޮއްވައި އޮސްޓްރޭލިއާގެ ވެރިކަން ބަދަލުވެ މިހާރު ހުންނެވީ އާ ބޮޑުވަޒީރެކެވެ. އެންތަނީ އަލްބަނީޒް ވިދާޅުވި ގޮތުގައި ވިޔަފާރި އާއި މޫސުމާއި އަދި އެހެނިހެން ކުރިއެރުންތަކަށް ފުރުސަތު ދިނުމުގައި އޮންނަން ވާނީ ހަމަހަމަ އުސޫލެކެވެ.

އިންޑޮނީޝިއާގެ ރައީސް ވިދާޅުވި ގޮތުގައި ސަމިޓުގައި ބައިވެރިވުމާއި ނުވުމަކީ އެބައެއްގެ ކަމެކެވެ. ސަމިޓް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރަޝިއާގެ ރައީސަށް ދައުވަތު ދެއްވުމަކީ އޭނާއަށް ކުރަން ޖެހިވަޑައި ގަންނަވާ ކަމެއް ކަމަށް ވެސް ޖޯކީ ވިޑޯޑީ ވިދާޅުވި އެވެ.