ދުނިޔެ

ޕޫޓިން ޖީ20އަށް ވަޑައިގަންނަވާނަމަ ސަމިޓްގައި ބައިވެރިނުވާނަން: ޒެލަންސްކީ

އިންޑޮނީޝިއާގައި މި މަހު 15 އިން 16 އަށް އޮންނަ ޖީ20 ސަމިޓަށް ޔުކްރޭން ދާނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަޑައިނުގަންނަވާނަމަ ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޔުކްރޭން އަކީ ޖީ20 ގުރޫޕްގައި ހިމެނޭ ގައުމެއް ނޫނެވެ. އެހެން ނަމަވެސް ސަމިޓް ބާއްވާ ގައުމުގެ ހައިސިއްޔަތުން ސަރުކާރު ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނަވާ ބޭފުޅަކު އެދިވަޑައިގަންނަވާނަމަ އިތުރު ގައުމުތަކަށް އަދި ވަކިވަކި ސަޚުސިއްޔަތުތަކަށް ވެސް ދައުވަތު އެރުވެ އެވެ.

ޖީ ޓްވެންޓީ ސަމިޓް މިފަހަރު ބާއްވަނީ އިންޑޮނީޝިއާގެ އެވެ. އެހެންކަމުން ދައުވަތުގެ ލިސްޓަށް ނަން އިތުރުކުރެއްވުމުގެ ބާރު އެ ގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯއަށް އޮތީ ލިބިފަޑައިގެންފަ އެވެ.

އަނެއްކޮޅުން، ޔުކްރޭނަށް -- ޚާއްސަކޮށް ޒެލެންސްކީއަށް ދައުވަތު އެރުވުމަކީ އެމެރިކާގެ ޕްރެޝަރަށް ކުރަން ޖެހިފައި ވެސް އޮތް ކަމެކެވެ.

ޖޯކޯ ވިޑޯޑޯ ޔުކްރޭނަށް ވަޑައިގެން ޒެލެންސްކީއަށް ދައުވަތު އެރުވުމުން އެއިރު ވަކި ގޮތެއް އިޚުތިޔާރު ނުކުރައްވަ އެވެ. ވިދާޅުވީ ގޮތެއް އަދި ނިންމެވިދާނެ ކަމަށާއި ވަގުތު އޮތް ކަމަށެވެ.

އެހެން ނަަމަވެސް ޒެލެންސްކީ މިހާރު ވިދާޅުވަނީ ޕޫޓިން ވަޑައިގަންނަވާ ނަމަ އޭނާ ޖީ20އަށް ވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެއީ އަމިއްލަ ނަފުސާއި ގައުމުގެ ހައިސިއްޔަތަށް ވެސް އޮތް ނިންމެވުން ކަމަށެވެ.

ޖީ20 ސަމިޓަށް ދައުވަތު އެރުވުމުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް ވަކި ގޮތެއް ނުނިންމަވަ އެވެ. އެހެން ނަމަވެސް ރަޝިއާ ސަރުކާރުގެ ވިސްނުން އޮތީ ސަމިޓްގައި ބައިވެރިވާ ގޮތަށެވެ. ވަޒީރުގެ ބަސްމަގު ގެންގުޅުއްވީ މިފަދައިންނެވެ.

ބެލެވޭ ގޮތުގައި ޖީ20 ސަމިޓަށް ޕޫޓިން ވަޑައިގަންނަވާނެ އެވެ.