ދުނިޔެ

ރަޝިއާ، ޔުކްރޭން ސުލްހަ ކުރެވޭތޯ ބަލާނަން: ޖޯކޯ ވިޑޯޑޯ

މަޝްވަރާއަށް ފުރުސަތު ދެއްވުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަދި ޔުކްރޭންގެ ރައީސް ވޮލޮދިމިއާ ޒެލެންސްކީ އަށް ދަންނަވާނެ ކަމަށް އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގައި އޮންނަ މިއަހަރުގެ "ޖީސެވަން" ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައި ގަތުމުގެ ކުރިން ނޫސްވެރިންނަށް ވިޑޯޑީ ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޔުކްރޭން އެއްގަލަކަށް އެރުވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވިޑޯޑީ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް ވެސް ޕޫޓިންނަށާއި ޒެލެންސްކިއަށް އޭނާ ދަންނަވާނެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައަށް ހަތަރު މަސް ފުރިއްޖެ އެވެ. އެކަމަކު އަދި ވެސް ހަނގުރާމަ ނިމުމުގެ ކުޅަވަރެއް ނުފެނެ އެވެ. ހަނގުރާމައިގެ ކޮލެއް މެދެއް ނުފެނި މިހާރު ވަނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދު ތަކަށް ހަމަލާތައް ފެތުރިފަ އެވެ.

ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް ފަހުން އޭޝިއާ ގައުމެއްގެ ލީޑަރަކު ޕޫޓިން އަދި ޒެލެންސްކިއާ ބައްދަލު ނުކުރައްވަ އެވެ. އެހެންކަމުން، އެކަން ހާސިލް ކުރެއްވި ލީޑަރެއް ގޮތުގައި އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ ނަން ތާރީހުގައި ލިޔެވިގެން ދާނެ އެވެ.

ޖޯކޯ ވިޑޯޑޯ ވިދާޅުވި ގޮތުގައި ހަނގުރާމަ ދިގުލައިގެން ދިއުމުގައި އޮތް ކަންބޮޑުވުމަކީ ދުނިޔޭގެ ކާބޯތަކެތީގެ މާކެޓަށް ބުރޫއެރުމެވެ.

ރަޝިއާ އަދި ޔުކްރޭނަކީ ދުނިޔޭގެި އިގުތިސޯދަށް ވަރަށް މުހިންމު ދެގައުމަށް ވެފައި ސަޕްލައި ހުއްޓިއްޖެ ނަމަ ފަގީރު ގައުމުތަށް ބަނޑަށް ޖެހި އާބާދީން ގިނަ ބަޔަކު މަރުވުން ގާތް ކަމަށް ވެސް ވިދާޅުވި އެވެ.

ދުނިޔެއަށް ހަކަ ސަޕްލައި ކުރުމުގައި ރަޝިއާގެ ދައުރާ މެދު ޖޯކީ ވިޑޯޑޯ ވިދާޅުވީ އިންޑޮނީޝިއަށް ހަކަތަ ކަށަވަރުން ވެސް އޮތީ ފިކުރު ބޮޑު ކަމަކަށް ވެފައި ކަމަށެވެ.

މިއަހަރު ނޮވެމްބަރުގައި އިންޑޮނީޝިއާގައި އޮނަން "ޖީ ޓްވެންޓީ" ސަމިޓްގެ ރިޔާސަތު ބަލަހައްޓާވާނީ އިންޑޮނީޝިއާގެ ރައީސްގެ ހައިސިއްޔަތުން ވިޑޯޑޯ އެވެ.

ޖޯކޯ ވިޑޯޑީ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ސަމިޓަށް ވަޑައިގަތުމަށް ރަޝިއާގެ ރައީސަށާއި ޔުކްރޭންގެ ރައިސަށް ދައުވަތު އަރުވާނެ އެވެ.

އެހެން ނަމަަވެސް، ދުނިޔޭގެ ނުފުޒުގަދަ ގައުމުތަކުން މިކަމުގައި އިންޑޮނީޝިއާއަށް ޕްރެޝަރުކޮށް ޕޫޓިއަށް ދައުވަތު ނުދެއްވުމަށް އޮތީ ގޮވާލާފަ އެވެ.