ދުނިޔެ

ބައިޑަން ޖީ20 ސަމިޓްގައި ޕޫޓިންއާ ބައްދަލު ކުރައްވަފާނެ ކަމުގެ އިޝާރާތެއް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވަފާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.

ވައިޓް ހައުސްގެ ގޯތި ތެރޭގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ޖީ20 ސަމިޓްގައި ޕޫޓިންއާ ބައްދަލުކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އެއީ ނުވާނެ ކަމެއް ކަމަށް ބައިޑަން ވިދާޅެއް ނުވެ އެވެ.

ބައިޑަން ވިދާޅުވި އެއްޗެއް ވިދާޅުވީ ކޮން މާނައެއްގައި ކަމެއް ނޭނގެ އެވެ. ވިދާޅުވީ "ދަޓް ރިމައިންސް ޓްބީ ސީން -- ބައްދަލު ކުރައްވައިފި ނަމަ ފެންނާނެ" އެވެ.

ބައެއް ޚަބަރުތަކުގައި ބައިޑަން ތަރުޖަމާކޮށްފައި ވަނީ "އަދި ވަކި ގޮތެއް މުޅިން ނުނިންމަން" ކަމަށެވެ. ބައެއް މީހުންގެ ނަޒަރުގައި ބައިޑަން އެ ވިދާޅުވީ ޕޫޓިންއާ ބައްދަލު ކުރެއްވުމާއި ނުކުރެއްވުމާ ދެމެދުގައި އޮތް ފިކުރެއްގެ ވާހަކަ އެވެ.

ބައިޑަން ނޫސްވެރިޔާއަށް ދެއްވި ޖަވާބުގެ މުހިންމު ކަމަކީ ޕޫޓިންއާ މި ވަގުތު ބައްދަލު ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޚުދު ބައިޑަން ވެސް ދެކެވަޑައިގަންނަވާ ކަމެވެ. އެހެން ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުން ރަޝިއާ ޔުކްރޭނަށް އަރަައިގަތުމުގެ ސަބަބުން، ރަޝިއާ އެކަހެރިކުރަން އެމެރިކާ ގެންގެޅޭ ފިކުރަށް -- ސިޔާސަތަށް އެއްވެސް ބަދަލެއް އަދި ނުގެނެ އެވެ.

އެމެރިކާގެ އޮފިޝަލުން ދެކޭ ގޮތުގައި ޔުކްރޭން ހަނގުރާމައިގެ ސަބަބުން އަދި ރަޝިއާ އާއެކު ރަސްމީ ވާހަކަތަކެއް ނުދެއްކޭނެ އެވެ. އަދި ކުރިން އޮތް ހާލަތަށް ދެ ގައުމުގެ ގުޅުން ބަދަލެއް ވެސް ނުކުރެވޭނެ އެވެ.

ބައިޑަން އާއި ޕޫޓިން އެންމެ ފަހުން ސީދާ ބައްދަލު ކުރެއްވީ ޖޫން 2021 ގައި ސްވިޒަލޭންޑްގެ ޖެނީވާގަ އެވެ.

މި އަހަރުގެ ޖީ20 ސަމިޓް އޮންނާނީ ނޮވެމްބަރު 15 އިން 16 އަށް އިންޑޮނީޝިއާގެ ބާލީގަ އެވެ. މި ސަމިޓަށް ޕޫޓިން އާއި ޔުކްރޭންގެ ރައީސް ޒެލެންސްކީ އަށް ވެސް ވަނީ ދައުވަތު އަރުވާފައިވެ އެވެ. އެހެން ނަމަވެސް، ޒެލެންސްކީއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ގައުމު ދޫކުރައްވައި ބާލީއަށް ވަޑައިގަތުން މިވަގުތު ފަސޭހައެއް ނޫނެވެ.

އަނެއްކޮޅުން ރަޝިއާގެ ވަފުދުން ބާލީއަށް ނުދާ ނަމަ އެ ނޫން ގޮތަކަށް ވިސްނަވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި ކަމަށް ޚަބަރުތައް ބުނެ އެވެ.