ދުނިޔެ

ޕޫޓިން ޖީ20 ސަމިޓަށް ދަންޏާ ޒެލެންސްކީ ވެސް ދާންވާނެ: ވައިޓް ހައުސް

އިންޑޮނީޝިއާގެ ބާލީގައި ނޮވެމްބަރު 15 އިން 16 އަށް އޮންނަ "ގްރޫޕް އޮފް 20" ނުވަތަ ޖީ20 ސަމިޓްގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބައިވެރިވެ ވަޑައިގަންނަވާ ނަމަ ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވެސް ވަޑައިގަންނަވަން ވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ޔުކްރޭން އަކީ ޖީ20 ގުރޫޕްގައި ހިމެނޭ ގައުމެއް ނޫނެވެ. އެހެން ނަމަވެސް އަރައިގެން އަންނަ އިގުތިސޯދެއް ގޮތުގައި ބައިވެރިވެވިދާނެ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފަ އެވެ.

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ -- ޖޮކޮވީ ވެސް ވަނީ ޒެލެންސްކީއަށް ދައުވަތު ދެއްވި ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، ޒެލެންސްކީ ދެއްވި ޖަވާބެއް ކަމަށް ޖޮކޮވީ ވިދާޅުވީ އެއްޗެއް ދަންނަވަން އެނގިވަޑައި ގަންނަވާނީ ރަޝިއާގެ ވަފުދަށް ބައްލަވާފައި ކަމަށެވެ.

ވައިޓް ހައުސްގެ ބަޔާނަކާ ހަވާލާދީ ބްލޫމްބާގު ނިއުސްއިން ބުނި ގޮތުން ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޒެލެންސްކީ އިންޑޮނީއާއަށް ދަތުރުކުރެއްވުމާ މެދު އެމެރިކާއިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ޒެލެންސްކީ މުޅިން ކަހަލަ ގޮތަކަށް ބައްދަލުވުން ތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ ވީޑިއޯ މެދުވެރިކޮށެވެ. ބެލެވޭ ގޮތުގައި ޒެލެންސްކީ ޖީ20 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ވީޑިއޯ ލިންކް ބޭނުން ކުރައްވަ ފާނެ އެވެ.

އިންޑޮނީޝިއާއަށް ވަޑައިގެން ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަކީ ޕޫޓިންއަށް ކުރައްވަން ކެރިވަޑައި ގަންނަވާނެ ކަމެއް ނޫން ކަމަށް ޖޯ ބައިޑަންއާ ހަވާލާދީ ވައިޓް ހައުސްގެ ނޭޝަނަލް ސެކިޔުރިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ހަނގުރާމަ ހިނގަނިކޮށް ގައުމު ދޫކުރައްވައި އެހާ ދުރަށް ވަޑައިގަތުމަކީ ޕޫޓިން ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ބައިޑަން ވިދާޅުވި ކަމަށް ބަޔާނުގައި ވެއެވެ.

އިންޑޮނީޝިއާގެ ރައީސް ޖޮކޮވީ ވިދާޅުވި ގޮތުގައި ޕޫޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ޕޫޓިން އާއި ޖޮކޮވީ މިދާކަށް ދުވަހު ފޯނުން މަޝްވަރާ ކުރައްވައި ސަމިޓްގެ ތައްޔާރީތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުންގެންދާ ހަމަލާތަކާ ހެދި، ޕޫޓިން ޖީ20 ސަމިޓަށް ވަޑައިގެންނެވި ނަމަވެސް ޕްރެޝަރު ޖެހިވަޑައިގަންނަވާނެ އެވ. އެމެރިކާ އާއި ބައިވެރިން މިހާރު ވެސް ތިބީ ޕޫޓިންއާ ލަދުގަންނަވާލަން ފޫގަޅައިގެންނެވެ.