ކަނޑަށް ވެއްޓުނު ސްރިވިޖަޔާ އެއާގެ ބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑާ އަތުޖެހިއްޖެ ކަމަށް އިންޑޮނީޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އިންޑޮނީޝިއާގައި އޮޕަރޭޓްކުރާ ސްރިވިޖަޔާ އެއާގެ މަދިންދާބޯޓު 62 މީހުންނާއެކު ވެރިރަށް ޖަކާޓާއިން ފުރިތާ އިރުކޮޅެއްގެ ތެރޭގައި ޖާވަ ކަނޑަށް ވެއްޓުނީ މިއަހަރު ޖެނުއަރީ ނުވަ ވަނަ ދުވަހު އެވެ. އެ ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފަ އެވެ.
ކޮކްޕިޓް ވޮއިސް ރެކޯޑާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންނާ ބައްދަލު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ސްރިވިޖަޔާ ބޯޓް ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި ކަޅުފޮށި ހޯދަން ޑައިވަރުން ކުރި މަސައްކަތުން "ފްލައިޓް ޑާޓާ ރެކޯޑާ" ވަނީ ފެނިފަ އެވެ. އެހެން ނަމަވެސް "ކޮކްޕިޓް ވޮއިސް ރެކޯޑާ" ނުފެނި މިވަނީ ދިގުލާފަ އެވެ.
އޮފިޝަލުން ބުނާ ގޮތުން ކޮކްޕިޓް ވޮއިސް ރެކޯޑާ ހޯދަން ކުރި މަސައްކަތްތައް ދިގުލައިގެން ދިއައީ ކަނޑުގެ އެސަރަހައްދު ކިލަނބުވެފައި އެއީ ދޭތެރެ ދޭތެރެއިން ވަރަށް އޮއިބާރުވާ ސަރަހައްދަކަށް ވާތީ އެވެ.
މަތިންދާ ބޯޓްތަކަށް ދަތުރުމަތީގައި ދިމާވާ މައްސަލަތައް ރެކޯޑްކުރަން ބޭނުން ކުރެވޭ ބްލެކް ބޮކްސްގަައި ދެބާވަތެއްގެ މައުލޫމާތު ރެކޯޑްކުރެ އެވެ. ފްލައިޓަށް ދިމާވާ މައްސަލަތައް، އިންޖީން، ހާޑްވެއާ އަދި ފިނިހޫނުމިން ފަދަ މައުލޫމާތު ރެކޯޑްކުރެވެނީ ފްލައިޓް ޑާޓާ ރެކޯޑަރުގަ އެވެ. ކޮކްޕިޓް ވޮއިސް ރެކޯޑާ ޚާއްސަކުރެވެނީ ކޮކްޕިޓް ތެރޭގައި ޕައިލެޓް، ކޯޕައިލެޓް އަދި ކުރޫން ވެސް ހިމެނޭ ގޮތުން ދެކެވޭ ވާހަކަތަކާއި އަޑުތައް ރެކޯޑްކުރުމަށެވެ.
ސްރިވިޖަޔާ ބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑާ އަތުޖެހުނު ނަމަވެސް އެއޮތީ ބޭނުންހިފޭ ހާލަތުގައި ކަމެއް ނޭނގެ އެވެ. މިކަމާ ބެހޭ ގޮތުން މިނިސްޓްރިގެ އޮފިޝަލަކާ ކުރި ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.