އިންޑޮނީޝިއާ ޖާވާގެ ޖަލެއްގައި ރޯވެ ބުދަ ދުވަހު ހިނގި ބިރުވެރި ހާދިސާއެއްގައި 41 މީހުން މަރުވެ އެތައް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުން އަލިފާން ރޯވިއިރު ޖަލު ބަންދުގައި ތިބި ގިނަ މީހުން ތިބީ ނިދާފަ އެވެ. އަލިފާން ނިވާ ޓީމްތައް ލަސްތަކެއް ނުވެ ޖަލާ ހަމައަށް ފޯރި ކަމަށާއި ވެރިރަށް ޖަކާޓާއާ ދުރު ނޫން ޖަލަކަށް ނުވި ނަމަ ހާލަތު މާ ބޮޑަށް ވެސް ގޯސް ވީސް ކަމަށެވެ.
މިހާދިސާގައި 41 މީހަކު މަރުވެ އަލިފާނުގެ ސަބަބުން އަށް މީހަކު ވަރަށް ބޮޑަށް އަނދާފައިވާ ކަމަށްވެ އެވެ. ޖަކާޓާ ޕޮލިސް ޗީފް ފަދީލް އިމްރާން ވިދާޅުވީ ކުދި އަނިޔާ ލިބުނު މީހުންގެ ތެރޭގައި ވެސް 72 މީހަކު ހިމެނޭ ކަމަށެވެ.
ޕޮލިސް ޗީފް ނޫސްވެެރިންނަށް ވިދާޅުވި ގޮތުގައި ބޮޑަށް ފިހުނު މީހުން ޖެނެރަލް ހޮސްޕިޓަލަށް ބަދަލުކޮށް ކުދި އަނިޔާ ލިބިފައި ތިބި މީހުންނަށް ފަރުވާދޭން ހެލްތު ކްލިނިކްތަކަށް ވަނީ ފޮނުވާފަ އެވެ.
ޖަލުގައި އަލިފާން ރޯވި ސީދާ ސަބަބު އަދި ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ޝައްކު ކުރެވެނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށެވެ.