ދުނިޔެ

އަހަރީ ބަންދުގައި އެކްސިޑެންޓްތައްވެ ތައިލެންޑުން މަރުވި މީހުން 400 އަށްވުރެ މަތި

Jan 4, 2019

ބެންގްކޮކް (ޖެނުއަރީ 3) - އާ އަހަރުގެ ބަންދުގެ ތެރޭގައި ތައިލަންޑުގައި ހިނގި އެކްސިޑެންޓުތަކުގައި 463 މީހުން މަރުވެފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

ތައިލަންޑުގެ ކަމާބެހޭ އިދާރާތަކުން ބުނިގޮތުގައި، ޑިސެމްނަރު 27 އިން ޖެނުއަރީ 2 އާއި ދެމެދު ހިނގި މަގުމަތީ ހާދިސާތަކުގައި އިތުރު 4،000 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ގައުމުގައި އެންމެ ނުރައްކާތެރި ހަތް ދުވަހުގެ ގޮތުގައި ބަޔާންކޮށް ސަމާލުވާން އެންގި ނަމަވެސް، އާ އަހަރު ދުވަހުގެ ރޭ އެކަނިވެސް 89 މީހުން މަރުވެފައިވާއިރު، 700 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ކަމާބެހޭ އިދާރާއިން އިތުރަށް ބުނީ ގާތްގަނޑަކަށް 30 ޕަސަންޓު އެކްސިޑެންޓް މެދުވެރިވެފައިވަނީ މަސްތުގެ ހާލަތުގައި އުޅަނދު ދުއްވައިގެން ކަމަށެވެ.

ތައިލަންޑް އަކީ ނުވަ ވަނައަށް މަގުތައް އެންމެ ނުރައްކާތެރި ގައުމު ކަމުގައި ދުނިޔޭގެ ސިއްހަތާއިބެހޭ ޖަމިއްޔާއިން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.