ދުނިޔެ

ތައިލޭންޑްގެ ބޮޑުވަޒީރުގެ މަގާމަށް ތަކުސިން ޝިނަވާތުގެ ދަރިކަނބަލުން

ތައިލޭންޑްގެ ބޮޑުވަޒީރުގެ މަގާމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ތަކުސިން ޝިނަވާތުގެ ދަރިކަނބަލުން ޕޭޓޯންގްޓާން ޝިނަވާތު އައްޔަންކޮށްފި އެވެ.

ޕޭޓޯންގްޓާން ޝިނަވާތު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރެވުނީ އެ މަގާމުގައި ކުރިން ހުންނެވި ސެތާ ތަވީސީން އެ ގައުމުގެ ދުސްތޫރީ ކޯޓަކުން ވަކިކުރުމާ ގުޅިގެންނެވެ.

ސެތާ ތަވީސީންއަށް ބޮޑުވަޒީރުގެ މަގާމު ގެއްލިވަޑައިގަތީ އެނާގެ ކެބިނެޓުގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ ވަޒީރަކު ހިމެނުމާ ގުޅިގެންނެވެ.

ތައިލޭންޑް ގާނޫންހަދާ މަޖިލީހުން އުމުރުން 37 އަހަރު ޒުވާން ޕޭޓޯންގްޓާންއާ ބޮޑުވަޒީރުގެ މަގާމު މި ހަވާލުކުރީ މަޖިލީހުގެ ވަރަށް ބޮޑު އަޣުލަބިއްޔަތަކާ އެކު އެވެ. މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 497 މެމްބަރުންގެ ތެރެއިން، 247 އަށް ވުރެ ގިނަ މެމްބަރުން ވަނީ އޭނާއަށް ތާއީދުކުރައްވާފަ އެވެ. ބޮޑުވަޒީރުގެ މަގާމަށް ހޮވެނީ މަދުވެގެން 247 މެމްބަރުންގެ ތާއީދުންނެވެ.

ޕޭޓޯންގްޓާން އަކީވެސް އެ މަގާމުގައި ކުރިން ހުންނެވި ސެތާ ތަވީސީން ނިސްބަތްވާ ފިއު ތައި ޕާޓީގެ މެމްބަރެކެވެ. ތައިލޭންޑްގައި މިހާރު ވެރިކަންކުރާ ޕާޓީ އަކީ މިއީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޮޑުވަޒީރުގެ މަގާމުގައި ދެމިހުންނެވުމަށްޓަކައި ޕޭޓޯންގްޓާންއަށް އޭނާގެ ބައްޕަ -- ތަކުސިންގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންވާނެ އެވެ.

އޭޝިއާގެ ބާރުގަދަ އިގުތިސާދެއްގެ ގޮތުގައި ތައިލޭންޑް ކޮޅަށްޖަހައި ސިޔާސީ ގޮންޖެހުންތަކުން ސަލާމަތްވެވަޑައިގަތުމަށް އޭނާގެ ބައްޕަގެ ސަރުކާރުގެ ކެބިނެޓް ވަޒީރުންގެ ލަފާހޯއްދަވާނެ ކަމަށް ބެލެވެ އެވެ.

އަނެއްކޮޅުން ތައިލޭންޑަކީ އަސްކަރީ ނުފޫޒު ގަދަ ގައުމެކެވެ. ދޭތެރެ ދޭތެރެއިން ވެރިކަމުގެ ބާރުގެ ތެރެއަށް އަސްކަރިއްޔާ ވަދެގަނެ ބޮޑުވަޒީރުން މަގާމުން ދުރުކުރުމުގެ ކިތަންމެ ރެކޯޑެއް ތައިލޭންޑްގައި އޮވެ އެވެ.