ދުނިޔެ

ޗައިނާގައި ބެލްޓް އެންޑް ރޯޑް ފޯރަމެއް 2023 ގައި

ޗައިނާގައި ބެލްޓް އެންޑް ރޯޑް އިންޓަނޭޝަނަލް ފޯރަމެއް 2023 ގައި ބޭއްވުމަކީ ކުރައްވާ އުންމީދެއް ކަމަށް ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ތައިލޭންޑްގެ ވެރިރަށް ބޭންކޮކްގައި މިހާ ކުރިއަށްދާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ސަމިޓް -- އޭޕެކް ސަމިޓްގެ ހަވާސާގައި ވާހަކަދައްކަވަމުން ޝީ ވިދާޅުވި ގޮތުގައި އޭޝިއާ ޕެސިކް ސަރަހައްދުގެ އިތުރުން ބެލްޓް އެންޑް ރޯޑް މުޅި ދުނިޔެއަށް ފަތުރާލުމަކީ އޮތް އުންމީދެއް ކަމަށެވެ.

ޝީ ވިދާޅުވީ ބެލްޓް އެންޑް ރޯޑުން މުޅި ދުނިޔެއަށް ފުރުސަތު ހުޅުވާލަނީ ތަރައްގީއަށް އޮތް ފުރުސަތުގައި އެންމެން ޝާމިލްކޮށް ހިއްސާވުން ފުޅާކުރެއްވުމަށް ކަމަށެވެ.

ޝީ ދެކެވަޑައިގަންނަވާ ގޮތުގައި އިގުތިސާދީ ސިޔާސަތުތައް ހަރުދަނާކޮށް ސަރަހައްދީ އުފެއްދުންތެރިކަން އިތުރުކުރުން ވަރަށް މުހިންމެވެ.

ވިޔަފާރީގެ ދާއިރާތަކުގައި އިންވެސްޓްމަންޓްތައް އާންމުކޮށް ހުޅުވާލުމާއި މިހާރު ވެސް ހުރި ފުރުސަތުތަކަށް މަގުފަހިކޮށްދިނުމަކީ ވެސް ބޭނުންތެރި ކަމެއް ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ޝީ ވިދާޅުވި އެވެ.

ބެލްޓް އެންޑް ރޯޑް ފޯރަމް އާންމު ގޮތެއްގައި އޮންނަނީ ގައުމުތަކުގެ ވެރިންގެ -- ސިޔާސަތު ކަނޑައަޅައި ބަދަލު ގެންނަން ކެރިވަޑައިގަންނަވާ މަންދޫބުންގެ މެދުގަ އެވެ. މި ސިޔާސަތުގައި ޗައިނާގެ ވިސްނުމަކީ އިގުތިސާދަށް ފުރުސަތު ހުޅުވާލުމާ އެކު އުފެއްދުންތެރިކަން އިތުރުކުރުމެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި ބެލްޓް އެންޑް ރޯޑް މަޝްރޫއު ފަށަން ޖެހުނީ ފުރުސަތު މަދު ގައުމުތަކަށް މަގު ދެއްކުމަށެވެ. އަދި ގެތިފައި އޮތް ވިޔަފާރި ނެޓްވޯކަކުން އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ޗައިނާއިން އިސްނަގައިގެން ހިންގާ މި މަޝްރޫއުގައި 60 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ. މީގެތެރޭގައި އޭޝިއާ އާއި ޔޫރަޕް އަދި އެފްރިކާ ބައްރުގެ ގައުމުތައް ވެސް ހިމެނެ އެވެ.

މި މަޝްރޫރުއުގެ ދަށުން އިގުތިސާދީ ޕްރޮޖެކްޓްތައް ހިންގުމަށް ލޯނު ހޯދައި ދިނުމާއި މާލީ އިދާރާތަކުގެ އެހީތެރިކަން ފޯރުކޮށްދިނުން އަދި ފަންނީ ލަފާދިނުން ވެސް ހިމެނެ އެވެ.

ހުޅަނގުން ގަބޫލުކުރާ ގޮތުގައި މިއީ ފަގީރު ގައުމުތަށް ދަރުވާލުމަށް ޗައިނާއިން ހިންގާ މަޝްރޫއެކެވެ. އެހެން ނަމަވެސް ބަޔަކު ނުދަރާ ގޮތަށް ހުޅަނގު އިސްވެ މި ކަހަލަ މަޝްރޫއެއް ދުވަހަކު ވެސް ހިންގާފައެއް ނުވެ އެވެ. އަދި ހިންގާކަށް ނުވެސް އުޅެ އެވެ. ހުޅަނގުން އުޅެނީ އެމީހުންނަށް އެމީހުންނާއިގެން ސަލާމަތް ނުވެވިގެންނެވެ.