ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް އިއްވާފައި އޮތް އަށް އަހަރުގެ ޖަލު ހުކުމް -- ޝާހީ ގަރާރަކުން އެއް އަހަރަށް ކުރުކޮށްފި އެވެ.
ތަކްސިން ޝިނަވަތުރާ ޖަލުގައި ހުންނަވަން ޖެހޭ މުއްދަތު އެއް އަހަރަށް ބަދަލުރީ މާފަށް އެދި ސަރުކާރާށް ސީޓީއެއް ފޮނުއްވުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ތަކްސިން ފެބްރުއަރީ 9، 2001 ގައި ތައިލޭންޑްގެ ބޮޑުވަޒީރުގެ މަގާމަށް ހޮވި ވަޑައިގެން މަގާމުގައި ހުންނަވަނިކޮށް ހިނގާދިޔަ ހާދިސާތަކެއްގައި އަސްކަރިއްޔާއިން ވަނީ އޭނާގެ ސަރުކާރު ވައްޓާލާފަ އެވެ.
އެއަށް ފަހު ތަކްސިންގެ މައްޗަށް މަގާމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނެންގެވުމާއި އަމިއްލަ މަސްލަހަތު އޮންނަ ކަންކަމަށް އިސްކަން ދެއްވި ކަމުގެ ތުހުމަތުގައި އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
ތަކްސިން ތައިލޭންޑް ދޫކުރައްވައި އަމިއްލައަށް އަރުވާލެވިގެން 15 އަހަރު ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ތައިލޭންޑަށް ވަޑައިގަތުމާ އެކު އެއާޕޯޓުން އެނާ ހައްޔަރުކުރި އެވެ. އަދި އޭނާގެ މައްޗަށް އޮތް ޖަލު ހުކުމް ތަންފީޒުކުރުމަށް ޖަލަށް ގެންދިއަ އެވެ.
ތަކްސިންއަށް މާފުދެއްވައި ޖަލު ހުކުމް ވަރަށް ބޮޑު ބައެއް އުނިކޮށްދެއްވައި ނެރުއްވި ޝާހީ ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ އަކީ ގައުމުގެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވި ބޮޑުވަޒީރެކެވެ.
އޭނާ އަކީ ރަސްކަމުގެ ތަޚުތަށް އިހުތިރާމާއި ގަދަރު ކުރެއްވުމުގައި އިޚުލާސްތެރި ބޮޑުވަޒީޜެއްކަން ވެސް އޮތީ ފާހަގަކޮށްފަ އެވެ.
ތަކްސިންއަށް މާފުދެއްވުމުގެ އެއް އަސްލަކީ ކުށަށް އިއުތިރާފުވެ ވަޑައިގަތުމާއި ބޮޑުވަޒީރުގެ ދައުރުގައި ގޯސްތަކެއް ހެއްދެވުނުކަން ގަބޫލުކުރެއްވުން ކަމަށް ވެސް ޝާހީ ބަޔާނުގައި ބުނެފައިވެ އެވެ.
އޭނާ މިހާރު ހުންނެވީ އުމުރުން ދުވަސްވެ ބަލިވެފައި ކަމަށާއި ސިއްހީ މާހިރެއްގެ ލަފާގެ މަތިން ވަރުވާ ބޭނުންވާ ބަލިތަކެއް ތަހަމައްލުކުރައްވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ތައިލޭންޑްގެ ޚަބަރުތައް ބުނާ ގޮތުން ގައުމު ދޫކުރައްވައި ބޭރުގައި 15 އަހަރު ހޭދަކުރެއްވި ނަމަވެސް ތަކްސިންއަށް އޮތް ތާއީދަށް ފަނޑުކަމެއް ނާދެ އެވެ.
އޭނާ އަކީ އަދިވެސް އާންމުން ބަލައިގަންނަ ލީޑަރެއް ކަމަށާއި ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވުމަށް -- މިފަދަ ގޮތެއް އޭނާ އިޚުތިޔާރު ކުރައްވައިފި ނަމަ -- އާންމުންގެ ތަނަވަސް އަޣްލަބިއްޔަތު އޭނާއަށް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.