ދުނިޔެ

ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ދޫކޮށްލަން އަމުރުކޮށްފި

ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާތު ކަފަލާތުގެ އުސޫލުން ދޫކޮށްލަން އެ ގައުމުގެ ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ތަކްސިން، 74،ގެ މައްޗަށް އުފުލާފައި އޮތް ދެ ދައުވާއެއް -- ތައިލޭންޑްގެ ރަސްކަމަށް ފުރައްސާރަކުރެއްވުމާއި ދައުލަތުގެ ބާރުތަކަށް ނުފޫޒުފޯރުވައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރައްވައި ސަރުކާރުގެ މުއްސަސާތައް ހިންގުމަށް ދަތިކުރެއްވި މައްސަލަ އޮތީ ސާބިތުވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތަކްސިން ދެކުނު ކޮރެއާގެ ނޫހަކަށް 2015 ގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ބައެއް ބަސްތައް ސީދާ އަމަޒުކުރެއްވީ ތައިލޭންޑްގެ ތަހުތަށް ފާޑުވިދާޅުވުމަށެވެ.

ތައިލޭންޑްގައި ރަސްގެފާނަށް އޮންނަނީ ކަލެއްގެ ދަރަޖަ އެވެ. ޝާހީ ތަހުތުގެ ހިމާޔަތުގައި ބާރުގަދަ ގާނޫނުތައް ހަދައި ރަސްގެފާނަށް ބަދުބަސް ބުނުން އޮންނަނީ ވަރަށް ބޮޑު ކުށަކަށް ހަދާފަ އެވެ.

ތަކްސިން އަކީ ނުފޫޒު ގަދަ ވިޔަފާރިވެރި އެކެވެ. ތައިލޭންޑްގެ ފުލުހުންގެ ވަޒީފާގައި މަސައްކަތް ކުރެއްވުމަށްފަހު، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމު އޭނާ ހޯއްދެވީ 2001 ވަނަ އަހަރު އެވެ.

ތަކްސިންގެ ވެރިކަމުގައި ހިނގާދިޔަ މައްސަލަތަކެއްގެ ސަބަބުން އަސްކަރިއްޔާ އިން އޭނާގެ ވެރިކަން ވައްޓާލި އެވެ. އަދި އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް ގައުމު ދޫކުރައްވައި 15 އަހަރު ރަށުން ބޭރުގައި ހޭދަކުރެއްވި އެވެ.

ތަކްސިންގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން އޮތީ މަނާކޮށްފަ އެވެ.

ފަނައަހަރަށް ފަހު އޮގަސްޓް 2023 ގައި އެނބުރި ގައުމަށް ތަކްސިން ވަޑައިގަތުމުން ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ފުރަތަމަ ގެންދިޔައީ ޖަލަށެވެ. ޖަލުގައި ރަސްކަލެއްގެ ދަރަޖައިގައި ބެހެއްޓުމަށްފަހު، އޭނާގެ ބަލި ހާލަތު ހުރި ގޮތުން އުމުރުން 70 އިން މަތީގެ އުމުރު ފުރައަށް އޮންނަ އިނާޔަތްތައް އޭނާއަށް ދެވުނެވެ. އަދި ހޮސްޕިޓަލުގެ ވީއައިޕީ އެޕާޓްމަންޓަކަށް ބަދަލުކުރި އެވެ.

ތަކްސިންގެ މައްޗަށް އުފުލާފައި ހުރި ދައުވާތަކަށް އޭނާ އިންކާރުކުރި ނަމަވެސް އެކަން ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމަފަ އެވެ. އެހެންނަމަވެސް ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމީ އޭނާ ވަރަށް ބޮޑަށް އިސްލާހުވެފައިވާ ކަމަށް ބުނެ އެވެ.

ތައި ނޫސްތައް ބުނާ ގޮތުން ތަކްސިން ދޫކޮށްލުމުގައި ކޯޓުން އޭނާގެ ހާލަތަށް ވަރަށް ބޮޑަށް ބެލި އެވެ. އޭނާ މިހާރު އާއިލާއާ އެކު އުޅުއްވާ ކަމަށާއި ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނެވިކަން އޮތީ ފާހަގަކޮށްފަ އެވެ.

ކަފާލާތުގެ އުސޫލުން ތަކްސިން ދޫކޮށްލީ 13،590 ޑޮލަރު ދެއްކުމުންނެވެ. އަދި ރަށުން ބޭރަށް ވަޑައިގަންފާނެ ކަމަށް ބަލައި ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ތަކްސިން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިފަހަރު އަމުރުކުރި ނަމަވެސް އޭނާގެ މައްޗަށް ހުރި އިތުރު މައްސަލަތަކެއް ވެސް އަދި އޮތީ ކުރިއަށެވެ. ހަބަރުތައް ބުނާ ގޮތުން އަންނަ މަހު -- ޖުލައިގައި އޭނާ ކޯޓަށް ހާޒިރުކުރާނެ އެވެ.