ޣައްޒާގައި ހަނގުރާމަކުރަމުން ގެންދާ އިޒުރޭލު ސިފައިންގެ އާއިލާތައް ބުނާ ގޮތުން އެ މީހުންގެ ދަރިން ބޭކާރު ހަނގުރާމައެއްގައި މަރުވާކަށް ގާތްތިމާގެ އެކަކުވެސް ބޭނުމެއް ނުވެ އެވެ.
އާއިލާތަކުގެ އިލްތިމާސަކީ ހަތިޔާރު ތިރިކޮށް، ހަނގުރާމަ ހުއްޓާލުމަށްފަހު އެނބުރި ގާތްތިމާގެ މީހުންގެ ގާތަށް އައުން ކަމަށް އިޒުރޭލުގެ ނޫސްތަކުން ބުނެ އެވެ.
އާއިލާތަކުގެ ފަރާތުން އިޒުރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓްއަށް ފޮނުވާފައި އޮތް ސިޓީއެއްގައިވެސް ވަނީ މިފަދައިން ސަރުކާރަށް ގޮވާލާފަ އެވެ. އަދި އިތުރު އެންމެ ހިނދުކޮޅެއްވެސް ހަނގުރާމާގައި ގެއްލުވާނުލައި ހަތިޔާރު ބަހައްޓައި ލަސްނުކޮށް އެނބުރި އާއިލާތަކުގެ ގާތަން އައުމަށްވެސް ވަނީ އެދިފަ އެވެ.
އިޒުރޭލު ސިފައިން ޣައްޒާގައި މިހާރު ކުރަމުން ގެންދާ ހަނގުރާމައަށް އެއްވެސް ވަރެއްގެ ތާއީދެއް ނެތް ކަމަށް އާއިލާތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލު ސިފައިން ޣާއްޒާއަށް ފޮނުވާފައި ތިބި ބޭނުމާ މެދު ސިފައިންގެ ތެރޭގައިވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. ހާލަތާ ނުގުޅޭ ވަރުގަދަ ހަމަލާތައް ރެފިއުޖީ ކޭޕްތަކަށް ދިނުމަށް އަމުރުކުރުން ގަބޫލުނުކުރާ ކަމަށް ބައެއް ސިފައިން ބުނާ ކަމަށް ހަބަރުތައް ބުނެ އެވެެ.
އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތައް ފަށަން މެދުވެރިވި ސަބަބަކީ މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސްގެ މުޖާހިދުން އިޒުރޭލުގެ އަވަށްތަކަށް އަރައިގަތުމެވެ.
އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ކުށްވެރިކޮށް ބައިނަލްއަގްވާމީ މަސްރަހުގައިވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ޒަޔަނިސްޓް ދައުލަތަށް އަމާޒުވެފަ އެވެ.
އިޒުރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 37،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިއީ އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުންކުރުމުގެ ނަތީޖާ އެވެ. އާރެއް ބާރެއް ނެތް ބަޔަކާ ދެކޮޅަށް އިޒުރޭލުން ވަނީ ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްފަ އެވެ.
ޣައްޒާ ހަނގުރާމާގައި ފާއިތުވި އަށެއްކަ މަސް ދުވަހުގެ ތެރޭގައި ޣައްޒާގެ އުމްރާނީ ތަރައްގީ ވަނީ މުޅިން ސުންނާފަތިކޮށްފަ އެވެ.
ޣާއްޒާ ކުރިން އޮތް ހާލަތަށް ގެނައުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަކުރަން ޖެހޭނެ އެވެ. މި އަދަދު ތަފްސީލުކޮށް ބުނަން އެނގޭނީ ހަނގުރާމަ ހުއްޓާލުމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.