ޔަހޫދީ އަސްކަރިއްޔާގެ ފަނާކުރަނިވި ހަމަލާތަކުން ސުންނަފަތިކޮށްފައި އޮތް ފަލަސްތީންގެ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް -- ގައުމުތަކުން ދީފައި ހުރި ހަދިޔާތައް ހިފައިގެން މިސްރުގެ ރަފާހް ބޯޑަރު ހުރަސްކޮށް ލޮރީތައް ވަންނަން ފަށައިފި އެވެ.
މިސްރުގެ ރެޑް ކްރެސެންޓާ ހަވާލާދީ އެ ގައުމުގެ ޓީވީންވެސް ވަނީ ލޮރީތައް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަންނަ މަންޒަރުތައް ދުރަށް ދައްކާފަ އެވެ.
ހަމާސް އިން މި މަހު ހަތެއްގައި ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކުގެ ސަބަބުން ޔަހޫދީ ދައުލަތުން ދޭން ފެށި ފަނާކުރަނިވި ހަމަލާތަކަށް ފަހު ޣައްޒާގެ 2.4 މިލިއަން މީހުންގެ އާބާދީއަށް އެހީތެރިކަމެއް ފޯރުކޮށްދެވޭ ވަރު މިވީ 15 ދުވަސް ފަހުންނެވެ.
ހަމާސްއިން ޔަހޫދީ އާބާދީތަކަށް ވަދެގަނެ 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. މީގެތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.
ހަމަލާގެ ފުރަތަމަ ދުވަހު ހަމާސްއިން ޔަހޫދީން 200 އެއްހާ މީހުން ވަނީ އަސީރުންގެ ގޮތުގައި އަތުަލައިގަނެ ޣައްޒާއަށް ވައްދާފަ އެވެ. މީގެތެރެއިން ބައެއް މީހުން -- ޔަހޫދީ ދައުލަތަށް ނިސްބަތް ނުވާ މީހުން ދޫކުރާނެ ކަމަށް ހަމާސްއިން އޮތީ ބުނެފަ އެވެ.
ޔަހޫދީ އަސްކަރިއްޔާ އިން މިހާރު ވިސްނާފައި އޮތީ މުޅި ޣައްޒާ ހިސޯރުކޮށް ހަމާސްއަށް ތާއީދުކުރާ މީހަކު ހުރި ނަމަވެސް ޖަލަށް ލައި ބަންދުކުރުމަށެވެ.
ހަމާސްގެ ހަނގުރާމަވެރިއަކު ފެނިއްޖެނަމަ ހުރި ތަނެއްގައި ހުއްޓައި ބޮލަށް ބަޑިޖަހާ ގޮތަށް ޔަހޫދީން ވަނީ ރާވައި ނިންމާފަ އެވެ.
ޣައްޒާގެ ހާލަތު އޮތް ގޮތުން މި ވަގުތު އެހީއެއް ލިބެން އޮތް ހަމައެކަނި ދޮރޯއްޓަކީ މިސްރުގެ ރަފާހް ބޯޑަރެވެ.
އޭއެފްޕީ ބުނާ ގޮތުން ރަފާ ޓާމިނަލަށް މުދާ އުފުލާ ވިއްސަކަށް ލޮރީ ވަނީ ވަދެފަ އެވެ. އަދި އެހީތައް ބަރާކުރުމަށްފަހު ބައެއް ލޮރީތައް ޣައްޒާއަށް ވަނީ ދަތުރު ފަށާފަ އެވެ.
ޣައްޒާއަށް އެހީ ހިފައިގެން ދާ ލޮރީތަކާ އެކު އެމްބިއުލާންސާއި އދގެ އޮފިޝަލުން ދަތުރުކުރާ އުޅަނދުތައްވެސް ޣައްޒާއަށް ވަންނާނެ އެވެ.
ޣައްޒާއަށް ފޯރުކޮށްދޭން ހުރި ވަރަށް ގިނަ އެހީ -- ކާބޯތަކެއްޗާއި އަންނައުނު އަދި ބޭސްފަރުވާ ވެސް މި ލޮރީތަކުގައި އުފުލާނެ އެވެ.