ދުނިޔެ

ކުރިއަށް އޮތް ދެތިން ދުވަހު ތެރޭގައި ޣައްޒާއަށް އެހީ ފޯރުކޮށްދެވޭނެ

ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީ އަސްކަރީ ޖެޓުތަކުން ދިން ފަނާކުރަނިވި ހަމަލާތަކުގައި އުސް އިމާރާތްތަކާއި ހޮސްޕިޓަލުތައް އަދި މިސްކިތްތަކާއި ސްކޫލްތައް ވަނީ ބިމާ ހަމަކޮށްފަ އެވެ.

ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ އިތުރުން ފެނާއި ކަރަންޓް ކަނޑާލައި އަދި ކާބޯތަކެތި ވެއްދުން މަނާކޮށްފައި އޮތް އޮތުމުގެ ސަބަބުން މުޅި ޣައްޒާ މިހާރު އޮތީ ބަނޑަށެވެ.

ޣައްޒާގައި ހަމާސް ކޮންޓްރޯލްކުރާ ހެލްތު މިނިސްޓްރީން ބުނާ ގޮތުން އިމާރާތްތަކުގެ ދަށުގައި އަދިވެސް މީހުން ތާށިވެފައި އެބަ ތިއްބެވެ. ޒަހަމްވެފައި ތިބި މީހުންނަށް ފަރުވާދޭވޭނެ ގޮތެއް ނެތި ކުނިވާން މަގުތަކަށް ދޫކޮށްލަން ވަނީ ޖެހިފަ އެވެ.

މިހާލުގައި އޮތް ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީ ދައުލަތުން މިހާތަނަށް އޮތީ ހުރަސްއަޅާފަ އެވެ. ނަމަވެސް ޔަހޫދީންނަށް ގައުމުތަކުން ކުރާ ޕްރެޝަރާ ހެދި އެހީ ވެއްދުމަށް ލުއިދިނުމަށް ޔަހޫދީ ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ހަބަރުތައް ބުނާ ގޮތުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޣައްޒާއަށް އެހީ ހިފައިގެން ލޮރީތައް ވަންނާނެ އެވެ.

ދުނިޔޭގެ ގައުމުތަކުން ޣައްޒާއަށް ފޮނުވި އެހީ ހިފައިގެން ދިޔަ ލޮރީތައް މިހާރު ތިބީ މިސްރުގެ ރަފާހް ބޯޑަރުގަ އެވެ. އެއީ ޔަހޫދީ ދައުލަތުން ހުއްދަ ދެންދެންނެވެ.

އެހީގެ ލޮރީތައް ޣާއްޒާއަށް ނުވަދެ ލަސްކުރީ އެހީ ހިފައިގެން ދަތުރުކުރާ ލޮރީތަކަށް ޔަހޫދީ އަސްކަރިއްޔާއިން ހުރަސްއަޅައި ހަމަލާދޭތީ އެވެ.

ޣައްޒާގައި ހަނގުރާމަ ކުރެެވެނީ ޔަހޫދީންނާ ހަމާސްއާ ދެމެދު ނަމަވެސް މި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި އޮތީ އާންމު ރައްޔިތުންނަށެވެ.

ޣައްޒާއަށް އެހީ ވެއްދެން ފެށުމުން މިސްރު ބުނާ ގޮތުން ހުރިހާ އެހީއެއް ވެއްދެންދެން ރަފާހް ބޯޑަރު ހުޅުވާފައި ބަހައްޓާނެ އެވެ. އެހީ ފޯރުކޮށްދޭ ގައުމުތަކުން އެހީ ހިފައިގެން ދަތުރުކުރާ ލޮރީތައް ރަފާހް ބޯޑަރަށް ޖަމާކުރުމަށްވެސް މިސްރުން އޮތީ ގޮވާލާފަ އެވެ.

ރަފާހް ބޯޑަރު ހުޅުވާފައި ބެހެއްޓުމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ޣައްޒާއަށް އެހީ ހިފައިގެން ވަންނަ އުޅަނދުތަކަށް ޔަހޫދީ ޖެޓަކުން ހަމަލާނުދޭނެކަން ޔަހޫދީ ސަރުކާރުން ކަށަވަރުކޮށްދޭން އޮތީ އަންގާފަ އެވެ.