އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ފަލަސްތީންގެ ގާޒާއަށް ބޮން އަޅައިފި އެވެ. އިޒްރޭލުން ބުނި ގޮތުގައި ބޮންއެޅީ ހަމާސްގެ އަމާޒު ތަކަށެވެ. އެއީ ރޮކެޓް އުފައްދައި އަދި ރައްކާކުރާ ގުދަނެއް ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ.
އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދެކުނު ގާޒާގެ ޚާން ޔޫނިސް ސަރަހައްދަށް ބޮން އެޅީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ޚަބަރުތައް ބުނާ ގޮތުން އެ ސަރަހައްދުގެ އަމާޒަކަށް އަސްކަރީ ބޯޓުތަކުން އެތައް ފަހަރަކު ބޮން އެޅި އެވެ.
ބޮންއަޅަން ޖެހުނު ސަބަބެއް ކަމަށް އިޒްރޭލުގެ ދިފާއީ ބާރުތަކުން ބުނީ ހަމާސްއިން އިޒްރޭލަށް ރޮކެޓު ހަމަލާތަކެއް ދިނުމުން ކަމަށެވެ.
އިޒްރޭލުން ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވިކަން އަދި ރިޕޯޓް ކޮށްފައެއް ނުވެ އެވެ.
ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ފޮނުވި ރޮކްޓެއް އަޔަން ޑޯމްއިން މަތަކުރި ކަމަށް އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް) އިން ވަނީ ބުނެފަ އެވެ. އަދި ބުނީ ހަމާސްގެ ރޮކެޓެއް އިޒްރޭލުގެ އެއްވެސް ތަނަކަށް ފޯރާފައި ނުވާ ކަމަށެވެ.
އިޒްރޭލު ސިފައިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ފަލަސްތީންގެ އާންމުންނަށް އަނިޔާކޮށް ގެއްލުން ދިނުމުގައި އަވަދިނެތި އުޅެ އެވެ. މި ރޯދަމަހު ވެސް އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުރީ ހަމަ އެފަދައިން ނެވެ.
މިދިޔަ ހުކުރު ދުވަހު ފަތިހު އިޒްރޭލު ސިފައިން ފަލަސްތީންގެ އަގްސޯ މިސްކިތަށް ވަދެގަނެ ނަމާދަށް ތިބި މީހުން ކޮއްޕައި ރުޅިވެރި ކަމާއެކު ފައިންތަޅައި ވަނީ ވަރަށް ބޮޑަށް އަނިޔާ ކޮށްފަ އެވެ. ނަމާދު ހޯލަށް ސްޓަން ގްރޭނޭޑް އުކައި ނޭވާލާން ދަތިވާ ވަރަށް ކަރުނަ ގޭސް ވެސް ވަނީ ޖަހާފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަނީ ބެނެޓް ވިދާޅުވި ގޮތުގައި އިޒްރޭލު - ފަލަސްތީން ހަމަނުޖެހުމުގެ އަސްލަކީ ހަމާސް އެވެ. އެހެންކަމުން ފަލަސްތީންގެ އާންމުންނަށް ލިބޭ ގެއްލުންތަކަށް ހަމާސް ޒިންމާ ވާން ޖެހޭނެ އެވެ.
ފަލަސްތީންގެ ގާޒާއަށް ފާއިތުވި އަހަރު ވެސް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ވަނީ ދީފަ އެވެ. މެއި 10 ވަނަ ދުވަހު ފެށި ހަމަލާތައް ހުއްޓާލަން އެއްބަސްވީ މެއި 21 ގައެވެ. އެ ހަމަލާތަކުގައި 254 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 66 ކުދިންނާއި 39 އަންހެނުން ވެސް ހިމެނެ އެވެ.