އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ކުރީގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ހައްޔަރުކުރަން، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަމުރު ނެރެފި އެވެ.
ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އެދިވަޑައިގެން އައިސީސީގެ ޕްރޮސެކިޔުޓަރު ކަރީމް ޚާން ހުށަހެޅުއްވީ ފާއިތުވި މޭމަހު އެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ފަލަސްތީންގެ ގައްޒާގައި ހިންގަނީ ގަތުލުއާންމެއް ކަމަށް ވިދާޅުވެ، މި މައްސަލަ ބައްލަވައި ގޮތެއް ނިންމަވައި ދެއްވުމަށް ވެސް ކަރީމް ޚާން އެދިވަޑައިގެންނެވި އެވެ.
އިޒުރޭލުން ފަލަސްތީންގައި ހިންގަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ފެނިވަޑައިގަންނަވާތީ، އިޒުރޭލުގެ ވެރިން -- ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ދިފާއީ ވަޒީރުގެ މަގާމުގައި އޭރު ހުންނެވި ގަލަންޓް ހައްޔަރުކުރަން ޕްރޮސެކިޔުޓަރު އެދިވަޑައިގަތީ އެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯތުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން، ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރަން އަމުރު ނެރުނީ އެ ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުންނެވެ. އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް އިޒުރޭލުގެ ވެރިން ޒިންމާވާން ޖެހިވަޑައިގަންވާ ކަމަށް ވެސް އައިސީސީގެ އަމުރުގައި އޮތީ ބުނެފަ އެވެ.
ޣައްޒާގެ އާންމު ރައްޔިތުން ބަނޑަށް ޖެއްސުމުގެ ނިޔަތުގައި އެހީ ފޯރުކޮށްދޭ ލޮރީތަކަށް ސިފައިން ލައްވައި ހުރަސްއެޅުމާއި، ބައިނަލްއަގްވާމީ ގާނޫންތަކާ ޚިލާފަށް ވަކި ނަސްލަކާ މެދު އަމަލުކުރަން އިޒުރޭލުގެ ވެރިން އަމުރުކުރައްވާފައިވާ ކަމަށްވެސް އައިސީސީން ބުންޏެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ގައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައި ތިބިހާ ބަޔަކަށް އެހީތެެރިވުމުގެ ފުރުސަތު އިޒުރޭލަށް ލިބިފައި އޮތްއިރު -- އެފަދަ އެއްވެސް ކަމަކަށް މަގުފަހިކޮށްދީފައި ނުވުމަކީ ވެސް އިޒުރޭލުގެ ވެރިންނާ މެދު ބައިނަލްއަގްވާމީ ގާނޫންގެ ދަށުން ދައުވާކުރެވޭނެ ކަމެއް ކަމަށް ވެސް އައިސީސީން ވަނީ ބުނެފަ އެވެ.
ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ހުއްޓުވައި، އަދި ގޭންގްތައް ލައްވައި އެހީގެ ޣާފިލާތައް ލޫޓުވުމަކީ ވެސް އިޒުރޭލުގެ ވެރިން ކުރައްވައިވާ ބޮޑު ކުށެއް ކަމަށްވެސް ބައިނަލްއަގްވާމީ ކޯޓުން ވަނީ ބުނެފަ އެވެ.
އިޒުރޭލުގެ ވެރިންނަށް ދައުވާލުރުމަށް އިތުރު ހެކި ބޭނުންނުވާ ވަރަށް ކްރިމިނަލް ކޯޓަށް ހެކި ލިބިފައި ހުރި ކަަމަށްވެސް އައިސީސީން ބުންޏެވެ. މިހާރު ލިބިފައި ހުރި ހެކިތަކުން ވެސް، ގަތުލުއާންމު ހިންގުމުގެ ފަހަތުގައި އިޒުރޭލުގެ ވެރިން ތިއްބެވިކަން ސާބިތުކުރެވޭނެ ކަމަށްވެސް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.