ދުނިޔެ

ކޮލޮމްބޯ، މޮސްކޯ ދަތުރުތައް އަލުން ފަށަނީ

އޮކްޓޯބަރު މެދާ ހިސާބުގައި ކޮލޮމްބޯ، މޮސްކޯ ދަތުރުތައް އަލުން ފެށޭވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ލަންކާގެ ޓްރާންސްޕޯޓް އެންޑް ހައިވޭ މިނިސްޓަރު، ބަންޑުލާ ގުނަވަރުދަނާ ވިދާޅުވެއްޖެ އެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑަށް ފަހު ލަންކާގެ އިގުތިސާދު އޮތީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ބަނދަރުތައް ބަންދުކޮށް ބޭރުގެ އެއާލައިންތަައް ހުއްޓުވާލުމާ ގުޅިގެން ލަންކާއަށް ބޭރު ފައިސާ ލިބޭނެ ގޮތް ހުސްވެ ގައުމު ވަނީ ބަނގުރޫޓުވެފަ އެވެ.

އެހާލަތުގައި ލަންކާ އޮއްވައި ރަޝިއާގެ ރަސްމީ އެއާލައިން އޭރޯފްލޮޓް، ދަތުރުތައް ނޮވެމްބަރު 4، 2021 ގައި ލަންކާއަށް ފަށައި ވަނީ ބައިނަލްއަގްވާމީ ފަތުރުވެރިންނަށް އެ ގައުމަށް އެތެރެވުމަށް މަގުފަހިކޮށްދީފަ އެވެ.

އެހެން ނަމަވެސް، ޖޫން 2، 2022 ގައި، 200 ދަތުރުވެރިންނާ އެކު ބަންޑާރަނައިކެ އިންޓަނޭޝަލް އެއާޕޯޓުން މޮސްކޯއަށް ފުރަން ތައްޔާރަށް އޮތް އެއާބަސް އޭ330 ގެ އޭރޯފްލޮޓް މަތިންދާބޯޓު ވަނީ ހިފަހައްޓާފަ އެވެ.

އޭރޯފްލޮޓް މަތިންދާބޯޓު ހިފަހައްޓަން ޖެހުނީ ކޮލަމްބޯ ކޮމާޝަލް ކޯޓުން ނެރުނު އަމުރަކަށް ތަބާވުމަށް ކަމަށް އޮފިޝަލުން އެއިރު ވިދާޅުވި އެވެ. އެހެން ނަމަވެސް، ގުނަވަރުދަނާ ވެސް ހިމެނޭ ގޮތުން އޮފިޝަލުން މިހާރު ވިދާޅުވަނީ އެއީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ލަންކާ އާއި މޮސްކޯއާ ދެމެދު މަޝްވަރާކޮށް މިހާރު މައްސަލަ ހައްލުކޮށްފައިވާ ކަމަށްވެސް ގުނަވަރުދަނާ ވިދާޅުވި އެވެ.

"ރައީސް އަނިލް އަދި ސަރުކާރުގެ ހުރިހާ ވަޒީރުންގެ ކިބައިން ޔަގީންކަން މިހާރު ވަނީ ލިބިފައި،" ގުނަވަރުދަނާ ވިދާޅުވި އެވެ.

"އޭރޯފްލޮޓަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ލަންކާ ސަރުކާރުން ކަށަވަރުކޮށްދޭނެ" ކަމަށް ގުނަވަރުދަނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ގުނަވަރުދަނާ ވިދާޅުވި ގޮތުގައި ރަޝިއާ އިން ތެލާއި ގޮދަން އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާތައް ދަނީ ކުރިއަށެވެ.