ދުނިޔެ

ރޯވި ތެޔޮ ޓޭންކަރުން ލަންކާއަށް 1.84 މިލިއަން ޑޮލަރު

Sep 28, 2020

ދެ މިލިޔަން ފީފާގެ ތެޔޮ ބަރު ކޮށްގެން ކުވޭތުން އިންޑިއާގެ ޕްރަދީޕް ބަނދަރަށް ދަތުރު ކުރަމުން ދަނިކޮށް ސްރީލަންކާގެ ކަނޑުގެ އައްސޭރިއާ ކައިރިން އަލިފާން ރޯވި ތެޔޮ ޓޭންކަރު "އެމްޓީ ނިއު ޑައިމަންޑް" ގެ ވެރިން ސްރީލަންކާއަށް ބަދަލު ދޭން ޖެހޭނެ ކަމަށް ބުނެ ފެށި ބަހުސަށް ފަހު އެ ބަދަލު ދޭން އެއްބަސް ވެއްޖެ އެވެ.

އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓަރު ކޮށްގެން ބޭނުން ކުރަމުން ދިޔަ، ޕެނަމާގައި ރަޖިސްޓްރީ ކޮށްފައިވާ އެ ބޯޓުގެ ވެރިފަރާތުން ފުރަތަމަ ބަހަނާއެއް ދަކައި ބަހުސަކަށް ދިޔަ ނަމަވެސް ބަދަލަށް ސްރީލަންކާއަށް 1.84 މިލިއަން ޑޮލަރު ދޭން މިހާރު ދެކޮޅެއް ނުހަދަ އެވެ.

ސްރީލަންކާގެ އެޓާނީޖެނެރަލްގެ އޮފީހާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ސްރީލަންކާ އިން އެދޭ މި ފައިސާއަކީ އެ ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށް ނިއްވާލުމުގެ އޮޕަރޭޝަނުގައި އެ ގައުމުގެ ކަނޑާއި ވައިގެ ސިފައިންނާއ ޕޯޓާއި މެރިން އެންވައިރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީން ދިން ހިދުމަތުގެ އަގެވެ. އޭގައި ކަނޑަށް ބޭރުވި ތެލުގެ ސަބަބުން ލިބުނު ގެއްލުން އަގުމަގުކޮށް ހިމަނާފައެއް ނުވެއެވެ.

ދަތުރު މަތީން ނިއުޑައިމަންޑްގެ އިނޖީނުގެ ބޮއިލަރެއް ގޮވައި އަލިފާން ރޯވީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ޓޭންކަރުގައި ރޯވި އިރު 23 ފަޅުވެރިން ތިއްބެވެ، އެއިން އެކަކު ވަނީ މަރުވެފަ އެވެ.