އެޑްވަޓޯރިއަލް

އެކަކަށްވެސް ނުވި: ވިލިމާލެ ތަރައްގީ ކުރާނީ އުޝާމް!

މާލޭގެ އަވަށެއް ކަމުގައިވިޔަސް މުޅިން އެކަހެރިކޮށް އޮންނަ ވިލިމާލޭގެ ދިރިއުޅުމާއި މާހައުލަކީ ވަރަށް ވެސް ތަފާތު ހިތްގައިމު ކަމެކެވެ. އެ ހިތްގައިމު ކަމުގެ ތެރެއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ގިނަ މޫނުތަކެއް ނުކުމެފައިވެސް ވެއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ޝަރުއީ ދާއިރާއިން ފާހަގަކޮށްލެވުނު އަހުމަދު އުޝާމެވެ.

އުޝާމްގެ ތައުލީމީ ހަޔާތުގެ ބިންގާ އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލުން އަޅާފައިވާއިރު، އޯލެވެލަށްފަހު އޭނާ ނުކުތީ އެއާ މޯލްޑިވްސްގެ ވަޒީފާއަކަށެވެ. އެއަށްފަހު ދިރާގުގައި ވެސް ވަޒީފާ އަދާކުރި އެވެ. ތައުލީމަށް ހުންނަ ޝައުގުގެ ބޮޑުކަމުން މަތީ ތައުލީމް ހޯދުމަށް ރާއްޖެއިން ބޭރަށް އުޝާމް ދިޔަ އެވެ. އެ ދަތުރަށްފަހު ރާއްޖެ އައިސް އޭނާ މަސައްކަތް ކޮށްފައިވަނީ ރައީސް އޮފީހުގެ ވަޒީފާއެއްގަ އެވެ. ގާނޫނީ ދާއިރާއަށް އުޝާމްގެ ޝައުގުވެރިކަން ފެށުނީ އެހާ ހިސާބުންނެވެ. އެއީ އާ ގާނޫނު އަސާސީ އެކުލަވާލަން ރާއްޖެ ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ.

އޭރު ވެސް އޭނާގެ ހިތުގައި ގާނޫނީ ދާއިރާއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮތެވެ. އެހެންވެ ރައީސް އޮފީހުގެ ވަޒީފާ ދޫކޮށް އޭނާ ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކުރަން ރާއްޖެއިން ބޭރަށް ދިޔަ އެވެ. އެ ތައުލީމް އޭނާ ހޯދީ މެލޭޝިއާ އަދި އިނގިރޭސިވިލާތުންނެވެ. އެއަށްފަހު އުޝާމް ރާއްޖެ އައިސް މަސައްކަތް ކުރަން ފެށީ ބަންޑާރަ ނައިބު އޮފީހުގަ އެވެ. އެއީ 2009 ވަނަ އަހަރު އެވެ. ބަންޑާރަ ނައިބު އޮފީހުގައި އޭނާ މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް މަސައްކަތް ކުރި އެވެ. ވަކިވިއިރު ހުރީ ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމުގަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގައި އުޝާމް ހޭދަ ކުރި 10 އަހަރަކީ ވަރަށް ޗެލެންޖިން މަސައްކަތްތަކެއް އޭނާއަށް ކުރެވުނު އަހަރުތަކެއްގެ ގޮތުގައި ސިފަކުރެ އެވެ. އެ 10 އަހަރަކީ ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް ރާއްޖެއަށް ތަފާތު ރާޅުތައް އެރި އަހަރުތަކެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަމައަށް ބަންޑާރަ ނައިބުގެ އެންމެ މުހިންމު އެއް ތަނބަކީ އޭނާ އެވެ.

"އެ ދުވަސްތަކުގައި ވަރަށް މުހިންމު މަސައްކަތަތެއް ކުރެވުނު، މުހިންމު ގާނޫނުތަކެއް އެކުލަވާލެވުނު، ގާނޫނު ނިޒާމް ބައްޓަން ކުރުމަށްޓަކައި މި 10 އަހަރުގެ ތެރޭގައި ކުރެވުނު ކޮންމެ ކަމެއްގައި ވެސް އަޅުގަނޑުގެ ކޮންމެ ވެސް ވަރެއްގެ ބައިވެރިވުން އޮންނާނެ، ރާއްޖޭގައި ހިނގާދިޔަ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި ވެސް އަޅުގަނޑުމެންގެ ދައުރު އޮންނާނެ،" އުޝާމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ކޯޓުތަކަށް ހުށަހެޅި ދުސްތޫރީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ދިފާއުގައި އުޝާމް ކޯޓަތަކަށް އެތައް ފަހަރަކު ވަޑައިގަތެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގައި ބޮޑެތި އާބިޓްރޭޝަން މައްސަލަތައް ކުރިއަށް ދިޔައިރު އޭގައި ކޮނޑު އަޅައިގެން ދައުލަތް ދިފާއު ކުރެއްވީ ވެސް އުޝާމެވެ. އެ ސަރުކާރުގެ ދުވަސްތަކަކީ އުޝާމަށް ވެސް ވަރަށް އުނދަގޫ ދުވަސްތަކެކެވެ. ގާނޫނީ ގޮތުން ސުވާލު އުފެދޭ އެތައް ކަމެއް ހިނގައިގެން ދިޔައިރު ވެސް އޭނާ ވަޒީފާ ދެމިހުރުމަކީ ފާޑުކިޔުން ވެސް އަމާޒުވި ކަމެކެވެ. އެކަމަކު، އޭގެ ޖަވާބު އޭނާ އަތުގައި އެބަ އޮތެވެ.

"ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުން ސިޔާސީ މަގާމެއް ނޫން، އަޅުގަނޑުމެން އެތާ ކުރަނީ ސިޔާސީ މަސައްކަތެއް ނޫން، އަޅުގަނޑަކީ ދުވަހަކު ވެސް ސިޔާސީ ކަންކަމުގައި އިންވޯލްވި މީހެއް ނޫން، އަޅުގަނޑުމެން ކުރަނީ ވަރަށް ޓެކްނިކަލް މަސައްކަތެއް، މުޅި ގައުމުގެ މަސްލަހަތު ހިމެނޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަން ޖެހެނީ،" އުޝާމް ވިދާޅުވި އެވެ.

"އެހެންވީމަ އެ އަޅާ ކިޔަން އެބަ ޖެހޭ، އަޅުގަނޑުމެން ކުރާ މަސައްކަތް ދޫކޮށްލާފަ ދިޔުމުން ދެން ދިމާވާނެ މައްސަލަތަކާ، ވަރަށް މުހިންމު މައްސަލަތަކެއް ކުރިއަށް ދިޔައީ، މިސާލަކަށް ޖީއެމްއާރް މައްސަލަ، އެއީ އަޅުގަނޑު އެންމެ ފެށުނީންސުރެ ހޭންޑްލް ކުރި މައްސަލައެއް، އެހެން އެ މައްސަލަތައް ހުއްޓާ އަޅުގަނޑު، ޒިންމާދާރު މަގާމެއްގައި ހުންނަ މީހަކު ނުކުމެގެން ދިޔައީމަ ދެން ދިމާވާނެ މައްސަލަތައް މާބޮޑު ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވުނީ،"

އެހެންވިޔަސް މަގާމުގައި ހުރެގެން ކަންކަން އިސްލާހު ކުރުމަށް އުޝާމް ގެންދިޔައީ ކުރެވުނު މަސައްކަތެއް ވިއްޔާ ކުރަމުންނެވެ. އިސްލާހު ކުރުމަށް އިސްވެރިންނަށް ލަފާ ވެސް ދެމުންނެވެ. ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުން ފަދަ ކަންކަމާ ފާޅުގައި އުޝާމް ދެކޮޅު ނުހެއްދެވިޔަސް އެކަމުގެ ހިތްހަމަނުޖެހުން ބަންޑާރަ ނައިބުގެ އޮފީހުގައި ފާޅުކުރެއްވި އެވެ.

އޭނާ ގަބޫލުކުރެއްވި ގޮތުން ކޯޓުގައި މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމަކީ ގޯހެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ކޯޓަތަކަށް ވަޑައިގެން ވަކާލާތު ނުކުރެއްވީ ވެސް ގަބޫލު ނުކުރެވޭ ކަންކަން ހުރެގެނެވެ.

ރައީސް ޔާމީންގެ ސަރުކާރު ނިމި، އާ ސަރުކާރު އައުމާއެކު އިސްތިއުފާ ދެއްވަން އުޝާމް ހުންނެވީ ވިސްނައިގެންނެވެ. އެކަމަކު، އޭނާ މަގާމުން އިސްތިއުފާ ނުދެއްވާ މަޑުކޮށްލީ ރައީސް ސޯލިހުގެ ފަރާތުން އެގޮތަށް މެސެޖެއް ލިބުމުންނެވެ. އުޝާމް އިސްތިއުފާ ދެއްވީ އާ ޑެޕިއުޓީ އެޓާނީ ޖެނަރަލް އައްޔަންކޮށް އިސްތިއުފާ ދެއްވިއަސް މައްސަލައެއް ނެތް ކަމަށް ރައީސް އޮފީހުން އެންގުމުންނެވެ. އެ މަގާމު ދޫކޮށް އުޝާމް ދެން ކުރިމަތިލީ، އޭނާގެ އެންމެ ލޯބިވާ ރަށް ކަމަށްވާ، ވިލިމާލެއަށް ޚިދުމަތްކުރުމަށެވެ. ވިލިމާލެއަށް ދީމާވެފައިވާ ދަތިތަކަކީ، އުޝާމް ދެކޭ ގޮތުގައި، ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރެވިގެން ނޫނީ ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ. އޭނާގެ ދާއިރާއަށް ހިދުމަތް ކުރުމަކީ އުޝާމްގެ އެންމެ ޅައިރުގެ ވެސް އަމާޒެކެވެ. އަދި އެ ދާއިރާގެ ގިނަ ބަޔަކުވެސް އެދި އެދި ހުރި ކަމެކެވެ.

އުޝާމްގެ ތަސައްވަރު ވިލިމާލެއަށް ވަރަށް ބޮޑު!

އުޝާމަކީ މީގެ އެތައް އަހަރެއް ކުރިން ވިލިމާލެއަށް ދިރިއުޅުން ބަދަލުކުރި ޒުވާނެކެވެ. އާއިލާއާއެކު އުޝާމް ދިރިއުޅުއްވީ އެ ރަށުގަ އެވެ. އޭނާގެ ޅަފުރާގެ ގިނަ ހަނދާތައް ގުޅިފައިވަނީ ވެސް އެ ރަށާ އެވެ. އެ ރަށަށް އުޝާމްގެ ދިރިއުޅުން ބަދަލުކުރެއްވި އިރު އެއީ މިހާރަށްވުރެ ވެސް ހާލުގައި އޮތް ރަށެކެވެ. ފެރީ ބާއްވާ މިންވަރު މަދުވުމުން ވަޒީފާއަށް މާލެ ގޮސް، އަނބުރާ ގެއަށް ނުދެވި މަގުމަތީ ދަންވަރު ވެސް އުޅެން ޖެހުނެވެ.

ފަތިހު ޑިއުޓީއަށް ރޭގަނޑުގެ މާކުރިން މާލެ އައިސް ވެސް އުޅެން ޖެހުނެވެ. ސިއްހީ ހިދުމަތާއި ތައުލީމް ހިދުމަތް ވެސް އެހާ ދަށެވެ. ފުޓްބޯޅަ ދަނޑަކީ މީގެ 10 އަހަރު ކުރީގެ ދަނޑެކެވެ. ކުދިން ގޮވައިގެން ދާނެ ޕާކެއް ފަދަ ތަނެއް ވެސް ތަރައްގީއެއްވެފައެއް ނެތެވެ.

އުޝާމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް މިހާ ދުވަސްވީއިރު ވެސް އެ ދަތިތަކަށް ވަރަށް ކުޑަ ލުޔެއް ނޫނީ ލިބިފައިނުވުމެވެ. އޭނާ ވިލިމާލެ ދާއިރާއަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަނީ އެ ދަތިތަކަށް ހައްލު ހޯދުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމުގެ އުއްމީދުގަ އެވެ.

ވިލިމާލޭގެ ހޮސްޕިޓަލާއި ސްކޫލާއި ފެރީގެ ނިޒާމަށް އުޝާމްގެ ޕްލޭނެއް އެބަ އޮތެވެ. ވިލިމާލެ އާއި އެއާޕޯޓާ ސީދާ ފެރީ ގުޅާލުމުގެ ވިސްނުން ވެސް އޭނާގެ އެބަ އޮތެވެ. ހުސްބިންތައް ތަރައްގީ ކުރާނެ ގޮތް ވެސް އޭނާ ހޯދާނެ އެވެ. ހިތްހަމަ ޖައްސާލެވޭނެ ރަށަކަށް އުޝާމް ވިލިމާލެ ހަދާނެ އެވެ. ހަމައެހެން، ރައްޔިތުންނަށް ޖަވާބުދާރީވުމަށް އުޝާމްގެ ދާއިމީ އޮފީހެއް ހަދާނެ އެވެ. އަދި ރަށްވެހި ބައްދަލުވުން ގަވައިދުން ބާއްވާނެ އެވެ.

ސިޔާސީ މައިދާނަށް ޕާޓީއެއްގެ އެހީއަކާ ނުލާ އުޝާމް ނުކުތީ މިދިޔަ 10 އަހަރު އޭނާއަށް ފެނުނު މަންޒަރުތަކުންނެވެ. ޑިމޮކްރަޓިކް އުސޫލުން ހިންގާ ޕާޓީއެއް ނުފެންނަ ކަމަށާއި ފެންނަނީ ކޮންމެ ވެސް މީހެއްގެ ފަހަތުން ހިނގާ ޕާޓީތަކެއްކަން އޭނާ ފާހަގަކުރި އެވެ. ސިޔާސީ މައިދާނުގައި ބަލިވުމުން ވެސް ފަހަތަށް ޖެހި، އާ މީހުންނަށް ނޫނީ އާ ލީޑަޝިޕަކަށް ފުރުސަތު ދޭ ތަން ނުފެނުމަކީ ޕާޓީ ނިޒާމް ފެއިލްވަމުންދާ ސަބަބުކަން އުޝާމް ދެކެ އެވެ.

"ކޮން ޒަމާނަކުންތޯ އަޅުގަނޑުމެން، ޒުވާނުންނަށް ގައުމުގެ ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ލިބޭނީ، މިނިސްޓަރުކަން ވެސް ކުރަން ޖެހެނީ އެއް ބައެއް، ނައިބު ރައީސްކަން ވެސް ކުރަން ޖެހެނީ އެއް ބައެއް، މީގެ 15 އަހަރު ކުރިން ވެސް ފެނުނު ބޭފުޅުން މިހާރު ވެސް ފެންނަނީ، އެހެންވެ ސިޔާސީ ޕާޓީއަކާ ގުޅިގެން ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ ފުރުސަތެއް މިއަދު ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ" އުޝާމް ވިދާޅުވި އެވެ.

އުޝާމް ބޭނުން ވަނީ ދާއިރާގެ ރައްޔިތުންގެ އަޑު އިއްވައިދީ، ދާއިރާއަށް ރަނގަޅު ގޮތްތައް ހޯދައިދިނުމުގައި އުޅުމަށެވެ. އަދި ގައުމުގެ ފައިދާއަށް މަސައްކަތް ކުރުމެވެ. ޕާޓީތަކާއި ލީޑަރުންގެ ފައިދާއަށް މަސައްކަތް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމަށްފަހު ދައުރު ހަމަނުވަނީސް ޕާޓީއަކާ ނުގުޅޭނެ ކަމުގެ ޔަގީންކަން އުޝާމް ދެ އެވެ. އުޝާމް ވިދާޅުވާ ގޮތުގައި އެއީ ގަބޫލު ކުރާ ކަމެއް ނޫނެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބު ވެއްޖެނަމަ ހުންނަން ޖެހެނީ އެގޮތުގަ އެވެ. މިވީހާ ތަނަށް އެގޮތުގައި ހިފަހައްޓާލެވުނު މެންބަރެއް ނެތެވެ.

އުޝާމަކީ އިޖުތިމާއީ ކަންކަމުގައި އެންމެ ކުރިން ވެސް އުޅޭ ފަރާތެކެވެ. ވިލިމާލޭގައި އެންމެ ފުރަތަމަ އުފެއްދި ވަށި ޖަމިއްޔާގެ ކަންކަމުގައި އުޝާމް ހަރަކާތްތެރިވި އެވެ. އިޖުތިމާއީ ގިނަ ކަންތަކެއް ކުރި އެ ޖަމިއްޔާގެ މަސައްކަތާއެކު އެކަމަށް އޭނާގެ ޝައުގު ބޮޑުވި އެވެ. ހިތާނަ ކޭމްޕް ބޭއްވުމަކީ އެ ޖަމިއްޔާއިން ގަވައިދުން ކުރި ކަމެކެވެ. ފަހުން އުޝާމާއި އެކުވެރިންތަކެއް އިސްކޮށް ތިބެ ވަނީ ވިއެންސާ ކިޔާ ޖަމިއްޔާއެއް އުފައްދާފަ އެވެ. ޒުވާނުންގެ އެ ޖަމިއްޔާއިން ވެސް ވިލިމާލޭގައި އިޖުތިމާއީ އަދި ކުޅިވަރުގެ ގިނަ ކަންތައްތަކެއް ކުރި އެވެ. މިހާރު ވިލިމާލެ ޒުވާނުންގެ ޖަމިއްޔާތަކަށް ވެސް އުޝާމް އެހީވެ އެވެ.

އުޝާމްގެ ވަރަށް ގާތް ގިނަ ރައްޓެހިން ވެސް ވިލިމާލޭގައި ދިރިއުޅޭއިރު އޭނާ ގަބޫލު ކުރާ ގޮތުގައި ވިލިމާލޭގެ ތަރައްގީއަށް ކުރަން ޖެހޭ ކަންކަމަކީ އެ ތަނުގެ މީހުން އިސްނައިގެން ކުރަން ޖެހޭނެ ކަމެކެވެ. އެކަމަށް އިތުރު ބަޔަކު ނާންނާނެ ކަމަށެވެ. އުޝާމް ގަބޫލުކުރާ ގޮތުން ވިލިމާލެއަށް އަންނަން ޖެހޭ ތަރައްގީ ނައިސް އޮތީ ވެސް އެހެންވެ އެވެ. މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބެން ޖެހޭނީ ދާއިރާއަށް ނިސްބަތްވާ، ދާއިރާގެ ކަންކަން ގާތުން އެނގޭ މީހުން ކަމަށް ވެސް އުޝާމް ގަބޫލުކުރެ އެވެ.

އޭގެއިތުރުން މަޖިލިސް މެންބަރުންނަކީ ހަމައެކަނި ބަޓަނަށް ފިތާލަން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް އޭނާ ދެކެ އެވެ. މަޖިލީހުގައި ތިބެން ޖެހޭނީ އެ ތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ފެންވަރު ހުރި ގާބިލް ތައުލީމީ މީހުން ކަމަށް ވެސް އުޝާމް ދެކެ އެވެ. މިހާރު ވެސް ބޮޑު މައްސަލަތަކެއް ތެރޭގައި އޮތީ ބަޓަނަށް ފިތާލަން ތިބޭ މެންބަރުން ގިނަވީމަކަމަށް އުޝާމް ވިދާޅުވެ އެވެ.