ހާބަރު ފުޑް ކޯޓުތައް ނެގުމަށް ފަހު ކުރެހި މަންޒަރާއި ރައްޔިތުންނަށް ލިބުނު ނަތީޖާ އުޑާ ބިމާހާ ތަފާތެވެ. ވިލިނގިލީ ފެރީ ޓާމިނަލްގައި ރައްޔިތުން ޕާކު ކުރަން ހުރި ސަރަހައްދު ހުސްކޮށްލުމަށް ފަހު، އެމްޓީސީސީގެ ބޮޑު ގުދަނެއް ހަދައިފި އެވެ. ދިރާގަށް ބިލު ދައްކާލަން އަންނަ ރައްޔިތު މީހާއަށް ޕާކުކޮށްލާނެ ތަނެއް ނެތެވެ. އެވަރު ނުވެގެން އެ އިމާރާތުގެ ބިއްދޮށުގައި 25 ބުރީގެ ބޮޑު ހޮސްޕިޓަލެއް އަޅާއިރު އެއާއެކު އަންނާނެ ޓްރެފިކާއި ޕާކިން މައްސަލަތަކަށް ހަދާނެ ގޮތެއް ހަމަޖައްސާނެ ގޮތެއް ނެތެވެ.
މިއީ އޭގެ އަސަރު ރައްޔިތުންނަށް ސީދާ ކުރާނެ ބޮޑެތި މައްސަލަތަކެވެ. ނަމަވެސް މީގެ ކުރިން ސިޔާސީ މީހެއްގެ ފަރާތުން މިފަދަ ވާހަކައެއް އަޑެއް ނީވެ އެވެ. މިނިވަންކަމާއި ފާޅުކަން ބޮޑު ގޮތެއްގައި އެ ވާހަކަ ދައްކާލަން ނުކެރުނީ ކަމަށް ވެދާނެ އެވެ. ނުވަތަ އެ މިންވަރަށް ރައްޔިތެއްގެ އިހުސާސް ދެނެގަނެވިފައި ނުވަނީ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް މިއީ މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ މިނިވަން ކެންޑިޑޭޓު އިސްމާއިލް މުޚްތަބާ "އަވަސް"އާ ހިއްސާ ކުރެއްވި އެ ދާއިރާގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކެކެވެ.
"ރައްޔިތުން ބޭނުންވަނީ ސިޔާސީ ކަންކަމާ އެއްކޮށް ހުސްވުމުގެ ބަދަލުގައި މިކަންކަމާ މަޖިލީހުގައި ވަކާލާތު ކުރާނެ މީހެއް، ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކުގައި އަސާސީ ކަންތައްތައް ފުއްދައިދޭ މީހެއް، އެކަން ކުރެވޭނީ މިނިވަނަކަށް. އެކަން ކޮށްދޭން އަޅުގަނޑު ނިކުމެ މިހުރީ،" މަޑުމައިތިރި ކަމާއެކު ވާހަކަދައްކަވާ މުޚްތަބާ ވިދާޅުވި އެވެ.
މުހްތަބާ ވިދާޅުވި ގޮތުގައި އޭނާގެ އުޅެ ބޮޑުވި މާފަންނު ދެކުނު ދާއިރާގައި ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލު ޖެހިޖެހިގެން އޮތުމާއެކު އައިޖީއެމްއެޗްގެ ޓްރެފިކް ވެސް އެ މަގަށް ވަންނާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑެވެ. އެ މަގުގައި އެމްބިއުލެންސްތަކާއި ބޮޑެތި އެސްޓީއޯ ގުދަންތަކަށް ދާ ކޮންޓެއިނަރުތަކާއި އެމްޕީއެލްގެ ބޮޑެތި ލޮރީތައް ހުރަސް ކުރާއިރު އެ މަގު އޮންނަނީ "ނައިޓް މާރުކޭޓް" އަކަށް ވުރެ ހާލު ދެރަކޮށް ކަމަށް މުހްތަބާ ވިދާޅުވި އެވެ. އަދި އޭނާގެ އަމިއްލަ ތަޖުރިބާއާ ވެސް އެކުގައި އޭނާ ވިދާޅުވީ އެކަމަކީ ރައްޔިތުން ވަރަށް ބޮޑަށް ހައްލެއް ބޭނުންވާ ކަމެކެވެ.
"ވިލިނގިލިން ތާޖުއްދީންއަށް އަންނަ ބެލެނިވެރިން ވެސް ރޮއެ އާދޭސް ކުރަނީ ހެޔޮ ނުވާނޭ ކޮންމެވެސް ގޮތެއް ހަދައިދޭށޭ، ސްކޫލުތަކުގެ އިސްވެރިންނޭތިއީ ކަމެއް ކޮށްދެއްވާށޭ. އެހެންވީމަ އަޅުގަނޑަށް މި ފުރުސަތު ލިބިއްޖެއާ އެސްޓީއޯ ފުށް ގުދަންތަކަށް އެދާ ކޮންޓެއިނަރު ލޮރީ އާއި އެމްޕީއެލްގެ އެ ބޮޑެތި ލޮރީތައް ސްކޫލު މަގަށް ނޭރޭ ގޮތަށް އަޅުގަނޑު ހަދައިދޭނަން، ސްކޫލު ކުދިންތައް ސްކޫލުތަކަށް ދާ ގަޑިތައް ސިޓީ ކައުންސިލާއި ޕޮލިހުންނާ ޑިސްކަސްކޮށްގެން ނަމަވެސް ކޮންމެވެސް ކަހަލަ ފަރަގެއް ސްކޫލުތަކުގެ ގަޑިއަށް ގެނެސްގެންވެސް ލުއިތަކެއް ގެނެވިދާނެ،" މުޚްތަބާ ވިދާޅުވި އެވެ.
"ހައްލު ކުރަން ހުރި މައްސަލަތައް ގިނަ"
ދާއިރާގެ އިތުރުން ޖުމުލަކޮށް ހުރިހާ ރައްޔިތުންނަށް ވެސް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ވެސް މުހްތަބާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ސިއްހީ ބޮޑެތި މައްސަލަތައް ދިމާވެގެން އެހީއެއް ބޭނުންވާ މީހާއަށް ލޯނެއް ނެގޭނެ އެއްވެސް ގޮތެއް ނޯވެ އެވެ. އަދި އެއީ ޑޯޓުޑޯއަށް ދިޔައިރު ގިނަ ރައްޔިތުންތަކެއް ކުރި ޝަކުވާއެއް ކަމަށް މުޚްތަބާ ވިދާޅުވި އެވެ. އަދި އާސަންދަ ހިދުމަތް އޮންނަ ގޮތާ މެދު ވެސް ރައްޔިތުން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ ގިނަ ބައެއްގެ ތެރެއަށް ވަޒީފާގެ ބިރުވެރިކަން އުފެދޭ ދުވަސްކޮޅެއް އަންނަ ކަމަށް މުހްތަބާ ވިދާޅުވި އެވެ. އެއީ ކެމްޕެއިނުގެ ދުވަސްވަރެވެ. ވަޒީފާއެއް ހޯދުމަށް ބޭނުންވާ މީހާ ސިޔާސީ މީހެއްގެ ފަހަތުން އާދޭސް ކުރަން ޖެހުމުގެ ސަގާފަތާ ހެދި ދެވަނަ ފަހަރަށް އޭނާ އިންތިހާބު ވާން ބޭނުންވާ ހިސާބުން ތަފާތު ބިރުތައް ދައްކަމުން އަންނަ ކަމަށް މުޚްތަބާ ވިދާޅުވި އެވެ. އަދި އެއީ ގާނޫނުގެ ތެރެއިން ވެސް ހައްލު ކުރެވިދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އެބައާދޭ އެކި ފަރާތްތަކަށް ފޯނުކޯލުތަކެއް، ވަޒީފާގައި ހުންނަން ބޭނުންހޭ ބުނަނީ، އެހެންވީމަ ގާނޫނީ ގޮތުން އަޅުގަނޑުމެން އެބަ ޖެހޭ ވަޒީފާތަކަށް ވެސް އެ ބާރުވެރިކަމެއް ދޭން، އަދި އެ ވަޒީފާތައް ދޭ ގޮތް ވެސް ރަނގަޅަށް ބެލެހެއްޓެން،" މުޚްތަބާ ވިދާޅުވި އެވެ.
ގޯތި ގެދޮރުގެ މައްސަލައަކީ އެންމެ ބޮޑު އަނެއް މައްސަލަ އެވެ. ރައްޔިތުންގެ އެންމެ މާޔޫސް ކުރުވާ މައްސަލައެވެ. މުހްތަބާ ވިދާޅުވި ގޮތުގައި 10، 15 ފްލެޓު ގަންނަ ފަރާތަށް އެ ފްލެޓު ލިބުނު ގޮތް ރައްޔިތުންގެ މަޖިލީހަށް ބެލެން ޖެހޭނެ އެވެ. އެއީ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައިވީ ނަމަވެސް އެ މީހަކު ހާޒިރު ކުރެވެން ޖެހޭނެ އެވެ.
ފްލެޓުގެ ކަންތައްތަކަކީ ވީހާވެސް ދެފުށް ފެންނަ ގޮތައް ކުރިޔަށް ގެންދަން ޖެހޭ ކަމެއް ކަމަށް މުޚްތަބާ ވިދާޅުވި އެވެ. ޕޮއިންޓު ދޭ އުސޫލުތަކާއި ޕޮއިންޓުތަކުގެ މައުލޫމާތަކީ ސިއްރު ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި ހައްގުތައް ކަށަވަރުކޮށްދީ، ވަކި ބަޔަކަށް ހާއްސަ ކުރުމެއް ނެތި އިންސާފުވެރިކަމާއެކު ފްލެޓުތައް ދޭން ޖެހޭ ކަމަށް މުހްތަބާ ވިދާޅުވި އެވެ.
"މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތައް ސިއްރުކޮށްފައި މި އޮންނަނީ، ޝާރުއީ ދާއިރާގެ ބޮޑެތި ކޭސްތައް ސިއްރުކޮށްފައި މި އޮންނަނީ. ހަމައެގޮތަށް ޕޮއިންޓް ސިސްޓަމްވެސް މި އޮންނަނީ ސިއްރުކޮށްފައި. ލިސްޓެއް ކުއްލިއަކަށް އައިމަ މި ފެންނަނީ. މި ސިއްރު ކުރުން ހުއްޓާލަން ޖެހޭ، މިއީ ގައުމީ ނުރައްކަލަށް ދާފަދަ ކަންކަމެއް ނޫން،" މުޚްތަބާ ވިދާޅުވި އެވެ.
މިނިވަނެއް، ރައްޔިތުންގެ ކެންޑިޑޭޓެއް!
މުޚްތަބާގެ ސިޔާސީ ވިސްނުން އެހެން ކެންޑިޑޭޓުންނާ ވަރަށް ތަފާތެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މީގެ ކުރީގެ އިންތިހާބުތަކުން ވެސް ފެންނަ މަންޒަރަކީ ރައްޔިތުން އަބަދުވެސް ހޮވަމުން އަންނަނީ އެ މީހުންނަށް ފެންނަ އެންމެ ރަނގަޅު ކެނޑިޑޭޓުންނެވެ. އަދި ހާއްސަކޮށް މިނިވަންކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ ޒުވާނަކު ދާއިރާއަށް ނިކުތުމަކީ ރައްޔިތުން އެންމެ ބޭނުންވާނެ ގޮތް ކަމަށް މުޚްތަބާ ވިދާޅުވި އެވެ.
"2008 ގައި އަދި އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވެސް އާންމުން އަތަށް ބާރު ލިބުމުން ޕަބްލިކް ނަގަނީ ރަނގަޅު މީހުން، ކިތަންމެ ބައިވަރު ކުލަތަކެއްގެ ދިދަ ހުއްޓަސް ރައްޔިތުން ނަގަނީ ރައްޔިތުން ބޭނުންވާ ރަނގަޅު މީހެއް. އެހެންވެ އަޅުގަނޑަށް ވިސްނުނީ ވަކި ކުލައެއް ނެތަސް ރަނގަޅު ތައުލީމީ މީހެއް ނިކުމެއްޖެއާ އެ ފުރުސަތު ޕަބްލިކް ދޭނެއޭ، ރައްޔިތުންގެ އަޑު މަޖިލީހުގައި އޭގެ އެންމެ ރަނގަޅު ގޮތުގައި ނިންމޭނީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މި ދާއިރާގައި އުޅޭ މީހަކަށް އިހުސާސް އެނގޭ މީހަކަށް،" މުޚްތަބާ ވިދާޅުވި އެވެ.
މިނިވަން ކޮންމެ ކެންޑިޑޭޓަކު މަޖިލީހަށް ވަނުމަށްޓަކައި "މިނިވަން ޓެގު" ވިއްކުމަށް ފަހު، މަޖިލީހަށް ވަންނަ ގޮތަށް ޕާޓީތަކ ގުޅެ އެވެ. އެކަން މުހްތަބާ ގަބޫލު ކުރެ އެވެ. އަދި އެކަން ނުކުރާނަމޭ ބުންޏަސް ރައްޔިތުން މިހާރު ގަބޫލެއް ވެސް ނުކުރާނެ ކަމަށް މުޚްތަބާ ވިދާޅުވި އެވެ.
ނަމަވެސް މުހްތަބާ އެސްޓީއޯގައި ބެންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރެއްވި އަހަރުތަކުގައި އައި ސިޔާސީ ނުފޫޒުތަކުގެ ވާހަކަ އޭނާ ވަނީ ކޮންމެވެސް ވަރަކަށް އަލި އަޅުވާލައިފަ އެވެ. އޭނާ ވިދާޅުވީ "ސިޔާސީ ނުފޫޒެއްގައި ޖެހޭނަމަ މިއަަދު ހުންނާނީ ޖެހިފަ" އެވެ. ބެންކްގެ މަގާމް ދޫކޮށްލީ ވެސް މަގާމުގައި އިނދެގެން އެފަދަ ނުފޫޒުތަކުގައި ޖެހުން ނޫން ގޮތެއް ނެތުން ކަމަށް ވެސް މުޚްތަބާ ވިދާޅުވި އެވެ.
"އެހެންކަމުން ދެން ވެސް އަޅުގަނޑު ހުންނާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި، އަދި މަޖިލީހަށް ގޮސް ކުރާނީ ވެސް އެ ދުވަހަކު ރައްޔިތުން އަޅުގަނޑު ކައިރީ ބުނާ މަސައްކަތެއް،" މުޚްތަބާ ވިދާޅުވި އެވެ.