ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ނިކުމެ ތިބި ޒުވާން ކެންޑިޑޭޓުންގެ ތެރޭގައި މެދުހެންވޭރަށް ވާދަ ކުރައްވާ ހ. ވާލީ ވިލާ، ހަސަން ޝިޔާމް ވަނީ ފާހަގަ ކޮށްލެވޭ ނަމަކަށެވެ. އޭނާއަކީ ސިޔާސީ ވެއްޓަށް އާ ނަމެއް ނަމަވެސް، ވިޔަފާރި ކޮމިޔުނިޓީގައި އޭނާގެ ނަން ހިނގަނީ ވީބީ ހަސަންގެ ގޮތުގަ އެވެ. އަމިއްލަ ވިޔަފާރީގެ ޗެލެންޖްތަކުގެ ތެރެއިން ނިކުމެ ހަސަން އަނެއްކާ ވެސް ކުރިމަތިލަނީ އޭނާގެ ހަޔާތުގެ އާ ތަޖުރިބާއަކަށެވެ. މިފަހަރު އޭނާގެ އަމާޒަކީ މެދުހެންވޭރުގެ ދާއިރާއަށް ހިދުމަތް ކުރުމެވެ. އެ ދާއިރާގެ ހިދުމަތްތެރި ދަރިއަކަށް ވުމެވެ.
"އަޅުގަނޑު މަޖިލީހަށް ވާދަކުރަން ވެގެން މެދުހެންވޭރުގެ ރައްޔިތިން ކައިރިއަށް ދިޔައިމާ އަޅުގަނޑަށް ފެނުނީ މި ދާއިރާގެ މައްސަލަތައް ހައްލުކުރަން އެއްގޮތަކަށް ވެސް މަސައްކަތް ކުރެވިފައި ނުވާކަން. ކޮންމެ ބަޔަކު ވެސް ޕާޓީ ހަދައިގެން ނިކުމެ އެ ބައެއްގެ އަމިއްލަ އެޖެންޑާ ކުރިއަށް ނެރެގެން މަސައްކަތް ކުރެވިފައި ހުރިތަން ފެނުނީ. ފަސް އަހަރަކުން އެއް އަހަރު މި އިންތިހާބު އަންނަ އިރު ފަރުދީ ގޮތުން އާއިލީ ގޮތުން ދާއިރާގެ ރައްޔިތުންނަށް ލާބައެއް ލިބިފައެއް ނެތް. އަޅުގަނޑު މި މަސައްކަތަށް ނިކުތް އެންމެ ބޮޑު ސަބަބަކީ އެކަން ބަދަލުކުރުން،" އުމުރުން 30 އަހަރުގެ ހަސަން ވިދާޅުވި އެވެ.
މެދުހެންވޭރު އެދެނީ ޒުވާނަކަށް
ހަސަން ފާހަގަ ކުރެވެނީ ސުކޫލް ދައުރުން ފެށިގެން ވެސް ލީޑަޝިޕް ދެއްކެވި ބޭފުޅެއްގެ ގޮތުގަ އެވެ. އިސްކަންދަރު ސްކޫލުން ސާނަވީ ތައުލީމު ހާސިލް ކުރައްވައި ދަރުމަވަންތަ ސްކޫލުން ސެކްންޑްރީ ތައުލީމު ހާސިލް ކުރެއްވި އިރު، އެ ސްކޫލްތަކުގައި ހަސަންއަކީ ނަން ވިދާލި ދަރިވަރެކެވެ. އެ ސްކޫލްތަކުގެ އެތްލެޓިކްސް އާއި ފުޓްބޯޅަ ޓީމްތަކުގެ މުހިންމު ނަމަކަށް ހަސަން އޮންނަނީ ވެފަ އެވެ. އަދި 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްގައި ވެސް ހަސަން ވަނީ ކުޅުއްވައި ކާމިޔާބުތަކާ ހަމަޔަށް ވަޑައިގެންފަ އެވެ. ޒުވާން ދުވަސްވަރުގެ އެ ހުރިހާ ތަޖުރިބާއެއްގެ ތެރެއިން ނިކުމެ ހަސަން އެ ހުންނެވީ އޭނާ އުޅެ ބޮޑުވި، ރައްޔިތުންގެ ހިދުމަތަށް ނިކުމެ އެވެ. ހާއްސަކޮށް ދާއިރާގެ ޒުވާނުންނަށް ކުރިމަތިވެފައި ހުރި ކަންކަން ހަސަންއަށް ވަނީ އަމިއްލައަށް ތަޖުރިބާ ކުރެއްވިފަ އެވެ. ޒުވާނުންނަށް ތައުލީމު ފުރުސަތު ފަހިވެފައި ނެތުމާއި ކުޅިވަރު ކުޅެލާނެ ފަހި މާހައުލެއް މެދު ހެންވޭރުގައި ނެތުމަކީ ހަސަންއަށް ޒުވާނުންގެ ފަރާތުން ތަޖުރިބާ ކުރެއްވުނު ކަންކަމެވެ. ޒުވާނުންގެ ޝަކުވާތައް އޮތީ އިންތިހާއަށް ބޮޑުވެފަ އެވެ. ދާއިރާގެ ޒުވާނުންނާ އެކު ކައިރިން މަސައްކަތްކޮށް އެ މީހުންގެ އިހުސާސްތައް އަޑުއަހައިގެން ކުރިއަށް ދިޔުމަށް ހަސަން ހުންނެވީ އަޒުމް ކަނޑައަޅައިގެން އެވެ. އޭނާގެ ކެމްޕޭންގައި ވެސް ޒުވާނުންގެ ފަރާތުން އެ އެއްބާރުލުން އިންތިހާއަށް އެބަ އޮތެވެ.
"ޒުވާނުންނަށް ރިވެތި ދިރިއުޅުމެއް އުޅެ ފަހުރުވެރި އާއިލާތަކެއް ބިނާކޮށް ދިނުމަކީ އަމާޒަކަށް ހަދާނަން. ދާއިރާގެ ޒުވާނުންގެ އަޑަކަށް އަހަރެން ވާނަން. އެ މީހުންގެ އިހުސާސްތައް ކައިރިން އަޑު އަހައި އެ ކަންކަން ހައްލުކޮށްދޭ މީހަކަށް އަހަރެން ވާނަން،" ހަސަންގެ ވައުދަކީމި އެވެ.
ދާއިރާގެ އިހުސާސް އިނގޭ! ހަސަނަށް ވާނެ
ިވީ މަހެއްހާ ދުވަހުގެ ތެރޭގައި މެދުހެންވޭރުގެ ހުރިހާ ގޭ ބިސީއަކަށް ދޮރުން ދޮރަށް ހަސަން ވަނީ ވަންނަވައިފަ އެވެ. އެ ކަމުން ހަސަނަށް ވަނީ ދާއިރާގެ އެކި އުމުރުގެ މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަވެ، އެ މީހުންގެ އިހުސާސާއި ޝަކުވާތަކުގެ ފުނަށް ދެވިފަ އެވެ. ހާއްސަ ގޮތެއްގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ވަޒީފާ ނެތުން އަދި ސިއްހީ ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތުމަކީ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތައް ކަމަށް ހަސަން ވިދާޅުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލަތައް ހައްލު ކުރަން ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ބޮޑު ދައުރެއް އަދާކުރެވޭނެ އެވެ. ހާއްސަކޮށް ވަކި ކުލައަކަށް ބުރަނުވެ، މިނިވަން މެންބަރެއްގެ ގޮތުގައި ހުރެގެން ރައްޔިތުންގެ އަޑު އިއްވައިގެން އެކަން ކުރެވޭނެ އެވެ. ރައްޔިތުންގެ ޝަކުވާތަކުގެ އަޑު މަޖިލީހުގައި އިއްވޭނީ، ވަކި ޕާޓީއެއްގެ ހިސޯރުން ސަލާމަތް ވެގެން ހުރެގެން ކަމަށް ހަސަން ގަބޫލު ކުރައްވަ އެވެ. މިނިވަން މެންބަރެއްގެ ގޮތުގައި ހަސަން ނިކުމެ ހުންނެވީ ވެސް އެ އަޒުމްގަ އެވެ.
"ރައްޔިތުން އުޅޭ ހާލު އަޅުގަނޑު ކައިރިން ދެކެފިން. އެ ކަންކަން އަޅުގަނޑަށް ތަޖުރިބާ ކުރެވިއްޖެ. މެދުހެންވޭރުގެ ރައްޔިތުންނަކީ އަމިއްލަ މަސައްކަތުން އަބުރުވެރި ދިރިއުޅުމެއް އުޅޭ ރައްޔިތުންތަކެއް އުޅޭ ދާއިރާއަކަށް ހެދުމަށް މަޖިލީހުގައި އަޑުއުފުލުލާނެ މީހަކަށް އަޅުގަނޑު ވާނަން. މެދުހެންވޭރުގެ ކޮންމެ އުމުރެއްގެ ކޮންމެ ކުލައަކަށް ސަޕޯޓް ކުރާ މީހެއް ނަމަވެސް އެ ރައްޔިތެއް ތަމްސީލް ކުރާނެ މެންބަރެއްގެ ގޮތުގައި ހުންނާނަން،" ހަސަން ވިދާޅުވި އެވެ.
އޭނާގެ އެ ވައުދުތައް ފުއްދުމުގައި ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން، އެ ގާބިލްކަން އެބަ ހުއްޓެވެ. ސިންގަޕޫރުގެ ރެފުލްސް އެކަޑަމީއިން ޓޫރިޒަމް އެންޑް ހޮޓަލް މެނޭޖަމަންޓުން ހަޔާ ޑިޕްލޮމާ ހާސިލްކުރައްވައި، ލަންޑަންގެ ނޮޓިންހަމް ޔުނިވަސިޓީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ބެޗްލާ ޑިގްރީއެއް ހާސިލް ކުރެއްވުމަށް ފަހު ހަސަން ވަނީ ވިޔަފާރީގައި ކާމިޔާބު ނަމަކަށް ވެފަ އެވެ. ހަސަން ދެން ބޭނުންވަނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ވާށެވެ. އެ މީހުންގެ އަޑު އިއްވާނެ މީހަކަށް ވާށެވެ. ފަނޑުވެފައިވާ މެދުހެންވޭރުގެ އަޑު އަލުން ގުގުމާލުމުގެ ފުރުސަތު ދާއިރާގެ ރައްޔިތުން އޭނާއަށް ދޭނެ ފުރުސަތަކަށް ހަސަން އެ ހުންނެވީ ކެތްމަދުވެފަ އެވެ.
"މި މަސައްކަތަށް އަޅުގަނޑު ނިކުމެ މި ހުރީ ރައްޔިތުންނާ އެކު ރައްޔިތުންގެ އަޑު އުފުލުމަށް. އެ ޔަގީންކަން އަޅުގަނޑު އަރުވަން. އިރާދަކުރެއްވިއްޔާ މިއީ މިފަހަރު މެދުހެންވޭރަށް ލިބިގެންދާނެ އާ އުންމީދެއް. އަޅުގަނޑަށް ފުރުސަތު ދެއްވާ،" ހަސަން ރައްޔިތުންނަށް ދެއްވާ މެސެޖަކީމި އެވެ.