ހަބަރު

މިނިވަން ކެންޑިޑޭޓުންގެ ދިފާއުގައި އުޝާމްގެ ރައްދުތަކެއް

މިނިވަން ނުވަތަ އަމިއްލަ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމެއް ކޮށް ދެވޭނެ ބައެއް ނޫން ކަމަށް ބުނާ ބުނުމަށް ވިލިމާލެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ރައްދު ދެއްވައި، އަމިއްލަ ކެންޑިޑޭޓުންގެ ދިފާއުގައިި ވާހަކަ ދައްކަވައިފި އެވެ.

ވިލިމާލޭގައި މިރޭ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ކެމްޕެއިން ހަރަކާތެއްގައި އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބާރުތަކެއް ލިބެނީ ގާނޫނު އަސާސީއިން ކަމަށާއި ގާނޫނު އަސާސީއިން ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ގާނޫނުތައް ހަދައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ އެންމެ މަތީ މަޖިލިސް ކަމަށެވެ. ގާނޫނު އަސާސީގެ އެ ބާބުގެ އެއްވެސް މާއްދާއެއްގައި ސިޔާސީ ޕާޓީއެއްގެ ވާހަކަ ވެސް ބުނެފައިނެތްކަން އުޝާމް ފާހަގަކުރެއްވި އެވެ.

"އެއްވެސް މާއްދާއެއްގައި ނޯންނާނެ ޕާޓީތަކުގެ ވާހަކައެއް، އެންމެ މާއްދާއެއްގަ ވެސް ނޯންނާނެ ޕާޓީތަކުގެ ވާހަކައެއް، އޮންނާނީ މެންބަރުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ހައްގުގައި ކަމަށް، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެގެން، އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސީ ލީޑަރުން މިފަދަ ވާހަކަ މި ދައްކަނީ ހަގީގަތް އޮޅުވާލުމަށްޓަކައި، އެއީ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިހްލާސްތެރިކަމާއި މިނިވަންކަމާއެކު މަސައްކަތް ކުރާނަމަ މިނިވަން މެންބަރަކު ހުށަހަޅާ އެއްޗަކަށް ވެސް ވޯޓު ދޭން ޖެހޭނެ،" އުޝާމް ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑު މަޖިލީހަށް ބޯހިޔާވަހިކަމުގެ ބިލެއް ހުށަހަޅާއިރު އެއީ ހުރިހާ ރައްޔިތުންނަށް ވެސް އެކަމުގެ ސަބަބުން ފައިދާއެއްވާ ކަމުގައިވާނަމަ ހުރިހާ މެންބަރުން ވެސް އެއަށް ވޯޓު ދޭން ޖެހޭނެ، އެއީ ވަކި ފިކުރަކަށް ވަކި ސިޔާސީ ޕާޓީއަކަށް ނުބަލާ، އެއާ ހިލާފަށް އަމަލު ކުރާނަމަ އެ އަމަލު ކުރެވެނީ މެންބަރުގެ ހުވައާ ހިލާފަށް، އެ ބޭފުޅުން ހުވާކޮށްފަ މި ބުނަނީ މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި، އެއްވެސް ސިޔާސީ ފިކުރަކަށް ބަލައިގެނެއް ނޫނޭ، މިނިވަން މެންބަރެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރާނީ ތިޔަ ބޭފުޅުންގެ ހައްގުގައި، ކަންކަން ރައްޔިތުންގެ މަޖިލީހަށް ގެންގޮސް އެކަންކަމަށް ހައްލު ހޯދައިދިނުމަށް،"

އުޝާމް ވިދާޅުވި އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ނިންމަން ޖެހެނީ ވަރަށް ބޮޑު އަދި އެހާމެ މުހިންމު ނިންމުމެއް ކަމަށެވެ. އެހެންވެ، އެ ނިންމުމުގެ ކުރިން ވިސްނާލަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެ ދުވަހަކީ ވަކި ޕާޓީއަކަށް ގޮނޑިތައް ހޯދައިދީ، ސިޔާސީ ވަކި ލީޑަރަކަށް ކުރި ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ދުވަހެއް ނޫން ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"މިއީ ރައްޔިތުންގެ މަޖިލީހުގައި ތިޔަ ބޭފުޅުން ތަމްސީލް ކުރާނެ މެންބަރުންތަކެއް ހޮވަންވީ ދުވަސް، އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ މުހިންމު ކަމެއް ނިންމާއިރު ވިސްނާލަން ޖެހޭ ކަންކަން އެބަހުރި އަޅުގަނޑުމެން ހޮވާ މެންބަރުންނަކީ އަޅުގަނޑުމެންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށް އެކަން ކުރުމުގެ ގާބިލްކަން ކުރި މެންބަރަކަށްވާން ޖެހޭ، ތިޔަ ބޭފުޅުން އެކަން ކުރާއިރު ގާބިލް ބޭފުޅަކަށް ވޯޓުލުން މުހިންމު، ހަމައެހެން ވިލިމާލޭގެ ހާލަތު އެނގޭ މީހަކަށް ވޯޓުލާން ޖެހޭ،" އުޝާމް ވިދާޅުވި އެވެ،

"ތިންވަނަ ކަމަކަށް އިއްޔެ ވެސް މިއަދު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ގުޅުން ބާއްވާނެ މީހަކަށް އަޅުގަނޑުމެން ވޯޓުލާންޖެހޭ، އަޅުގަނޑުމެން ގަބޫލުކުރަންވީ ސިޔާސީ ލީޑަރުންނަށްވުރެ އަޅުގަނޑުމެން ވިލިމާލެ ދާއިރާއަށް އިސްކަން ދޭނެ މެންބަރަކަށް، އިހްލާސްތެރިކަން ނެތް މީހަކަށް ދޭ ކޮންމެ ވޯޓަކީ ބާތިލް ވޯޓެއް، ކުރިއަށް އޮތް ތަނުގައި ވެސް އިހްލާސްތެރިކަން ބާއްވާނެ މީހަކަށް ވޯޓު ދޭންވީ،"

އުޝާމް ވަނީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު ކާމިޔާބުވިޔަސް އަދި ނާކާމިޔާބީއާ ކުރިމަތިވިޔަސް ވިލިމާލޭގައި ގަވައިދުން ދަރުސްތައް ބޭއްވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. އުޝާމް ވިދާޅުވީ އެއީ ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމެއް ކަމަށާއި އެހެންވެ ޕީސް ފައުންޑޭޝަނާއެކު އެކަން ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.