ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ތާރީހު އަވަސް ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މޭ 16 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށް ވުމުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ވޯޓުލާން ދިޔުމަށް ދަތިތަކެއް ދިމާވެދާނެ ކަމަށް އެ ކޮމިޝަނަށް ފެންނާތީ އާއި ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށް ބޭނުންވާ ތަން ލިބުމުގައި ދަތިތަކެއް ދިމާވެފައިވާތީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް ހަމަޖެހިފައިވާ ތާރީހާއި ގަޑި ބަދަލުކޮށްފައިވާ ކަމަށެވެ.
މިހާރު މި އިންތިހާބު އޮންނާނީ މޭ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި އިންތިހާބުގައި ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ އެވެ. އެމްއެންޕީގެ އިން އާމިނަތު ޝީޒާ އެވެ.
ގުރުނެގުމުގައި ނާޒިމާއަށް ލިބިފައިވަނީ ކެންޑިޑޭޓް ނަންބަރު އެކެކެވެ. ޝީޒާއަށް ލިބިފައިވަނީ ދެ ނަންބަރެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުރި އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާރެތި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށައެޅުމުންނެވެ.