ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ މެދުގައި ގުރު ނަގައިފި އެވެ.
މި އިންތިހާބުގައި ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ އެވެ. އެމްއެންޕީގެ އިން އާމިނަތު ޝީޒާ އެވެ.
މިއަދު އޮތް ގުރުނެގުމުގައި ނާޒިމާއަށް ލިބިފައިވަނީ ކެންޑިޑޭޓް ނަންބަރު އެކެކެވެ. ޝީޒާއަށް ލިބިފައިވަނީ ދެ ނަންބަރެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުރި އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާރެތި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށައެޅުމުންނެވެ. އެކަމާއި ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.
ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލީވެސް ފޯމް ހުށައެޅުމުގެ ސުންގަޑި ހަމަވާން ސައުވީސް ގަޑިއިރަށްވެފައި ވަނިކޮށެވެ. އެހެން ކަމުން ވަގުތު ހަމަވުމުގެ ކުރީން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅިދާނެ ކަމާމެދުވެސް އޮތީ ސުވާލު އުފެދިފައެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުވީ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖެހިއިރުއެވެ. އެމްޑީޕީން ފޯމް ހުށައެޅީ އޭގެ 45 މިނެޓް ފަހުންނެވެ. އެހެން ކަމުން ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.