ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްއަށް އޮތް އުފަލަކީ ޑިމޮކްރެޓުންގެ ބޮޑު ތާއީދެއް ލިބުން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި ގާތްގަނޑަކަށް ހުރިހާ މެންބަރުންގެ ތާއީދު ލިބެމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ވިލިމާލޭގައި މިއަދު ދޮރުން ދޮރަށް ހިންގެވުމަށް ނޫސްތަކަށް މައުލޫމާތު ދެއްވަމުންނެވެ.

ޑިމޮކްރެޓްސް އަކީ މިއަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން އުފެއްދި ޕާޓީ އެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާދަކުރައްވާ 15،600 ވޯޓު ހޯއްދަވައި ތިންވަނަ ހޯއްދެވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހާއި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ޑިމޮކްރެޓުން މިހާރު ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމާފަ އެވެ.

ޑިމޮކްރެޓުންގެ ވެރިންގެ ގޮތުގައި ތިއްބެވި އިސް ބޭފުޅުން ފާޅުގައި ގެންދަވަނީ ރައީސް ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ޑިމޮކްރެޓުންގެ އާންމު ބައެއް މެންބަރުން ގެންދަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

ރައީސް ސޯލިހް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ކުރެވޭ މަސައްކަތްތަކުން ޑިމޮކްރެޓުންގެ ތާއީދު ލިބެމުންދާ ކަމަށާއި ޑިމޮކްރެޓުންގެ ހުރިހާ މެންބަރުންގެ ތާއީދުވެސް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އެއާއެކީގައި މިއިންތިހާބު ކާމިޔާބުކުރަން ދެވަނަ ބުރު ކާމިޔާބުކުރަން ވަރަށް ބޮޑަށް ފަސޭހަވެގެން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޑިމޮކްރެޓުން ހުށަހަޅާފައިވާ ހުށަހެޅުމަށް އެމްޑީޕީން ތާއީދުކޮށްފައިވާތީ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައިވާތީ ރައީސް މިއަދު ވަނީ އެކަމުގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ މިއީ ކުއްލި ނިންމުމެއް ނޫން ކަމަށާއި ރިޔާސީ އިންތިހާބަށްފަހު ނިޒާމީ ވޯޓަކަށް ދާން ކުރިންވެސް ވާހަކަ ދެކެވިފައި އޮންނާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.