ބޮލީވުޑް

"ޗަޕާކް"ގެ ޕޯސްޓަރާއެކު ދީޕިކާއަށް ތައުރީފު

މޭގްނާ ގުލްޒާރު ޑައިރެކްޓުކުރާ ފިލްމު "ޗަޕާކް"ގެ ފަސްޓް ލުކްގެ ގޮތުގައި ދީޕިކާ ޕަޑުކޯން ދައްކާލައިފި އެވެ.

މި ފިލްމަކީ، އެސިޑް ހަމަލާ އެއްގެ ޝިކާރައަކަށްވި އިންޑިއާގެ ލަކްޝްމީ އަގަރްވާލް އަށް ބިނާ ކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ޕޯސްޓަރު މިއަދު ރިލީޒް ކޮށްފައިވާ އިރު މި ފިލްމުގައި ލަކްޝްމީ އާއި ދީޕިކާ ފެންނަނީ ދާދި އެއްގޮތަކަށެވެ. އަދި، ފިލްމަށް ދީޕިކާ އަކީ އެންމެ ފުރިހަމަ ތަރިކަން ޕޯސްޓަރުން އެކަނިވެސް އެނގެ އެވެ.

މިއަދު ރިލީޒްކުރި މި ޕޯސްޓަރުގައި ދީޕިކާގެ މޫނަށް ގެނެސްފައިހުރި ބަދަލުން ފިލްމަށް އިންތިޒާރު ކުރެވެ އެވެ. އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވެފައިވާ މީހެއްގެ ގޮތުގައި ދީޕިކާ ފެނިގެންދާއިރު މިއީ އޭނާ ކުޅޭ އެންމެ ތަފާތު ކެރެކްޓާ ކަމަށް އޭނާ ބުންޏެވެ. އަދި މި ފިލްމުގައި އޭނާ ދައްކުވައިދޭ ކެރެކްޓާ އަކީ މުޅި އުމުރަށްވެސް އޭނާގެ ހަޔާތުގައި ހުންނާނެ ކެރެކްޓާ އެއް ކަމަށްވެސް ޕޯސްޓަރު ދައްކާލަމުން ކުރި ޓްވީޓުގައި ބުންޏެވެ.

ޕޯސްޓަރު އާންމުކުރުމާއެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދީޕިކާއަށް ވަނީ ތައުރީފްކޮށްފަ އެވެ. އަދި އެ ފިލުމަށް އިންތިޒާރުގައި ތިބި ކަމަށް ބުނެފަ އެވެ.

މިއީ ލަކްޝްމީގެ ހަޔާތަށް ބިނާކޮށް ހަދާ ފިލްމަކަށްވިޔަސް ފިލްމުގައި ދީޕިކާ ފެންނާނީ މާލްތީގެ ނަމުގަ އެވެ. ފިލްމުގެ ޝޫޓިން މިއަދު ފަށާފައިވާ އިރު ފިލްމު ސްކްރީނުތަކަށް ގެންނާނީ އަންނަ އަހަރު ކުރީކޮޅު އެވެ.