ލައިފްސްޓައިލް

1.3 މިލިއަން ޑޮލަރުގެ ސެންޓުފުޅިއެއް

ދުނިޔޭގެ އެންމެ އަގު ބޮޑު ސެންޓު ފުޅި ދުބާއީގައި ލޯންޗުކޮށްފި އެވެ. މި ސެންޓް ފުޅީގެ އަގަކީ 1.3 މިލިއަން ޑޮލަރެވެ.

"ޝުމުޚް ސްޕިރިޓް އޮފް ދުބާއީ" ގެ ނަން ދީފައިވާ މި ސެންޓުފުޅު ވަނީ ގިނީސް ވޯލްޑް ރެކޯޑްސްގައި ގިނަ ރެކޯޑްތަކެއް މުގުރާލާފަ އެވެ. އަގު ބޮޑު 3،571 ޖަވާހިރާއި 18 ކެރެޓުގެ ރަނާއި މުތް އަދި ފަސް ކިލޯއަށް ވުރެ ގިނަ އިން ސާފު ރިއްސާއި އެނޫންވެސް އަގު ހުރި ބާވަތްތައް މި ސެންޓް ފުޅީގެ ޒީނަތަށްޓަކައި ހިމަނާފައި ވެއެވެ. އިތުރަށް ފުރިހަމަ ކުރުމަށް، ސެންޓު ފުޅި ބައިންދާފައިވަނީ ދެ މީޓަރުގެ ދިގު ލެދާ ކުޝަންއެއްގަ އެވެ.

ސެންޓުފުޅި ތައްޔާރު ކުރަން ތިން އަހަރުގެ ދިރާސާ އާއި 494 ސެންޓު ޓެސްޓް ކޮށްފައި ވެއެވެ. އެންމެ އަގު ބޮޑު ސެންޓު ފުޅީގެ ގޮތުގައި ރެކޯޑު ހަދާފަައިވާ މި ސެންޓު ފުޅީގެ ނަމުން ދޭހަ ކޮށްދެނީ "ހައްގު ވަނީ އެންމެ މަތީ ދަރަޖަ" ނުވަތަ "ޑިޒާވިންގް ދަ ހަޔެސްޓް" އެވެ.

މި ސެންޓުފުޅީގެ ޑިޒައިން ގުޅުވާފައިވަނީ އަރަބި ގައުމުތަކުގެ ސަގާފަތާ އެވެ. އެގޮތުން އަސްތަކާއި، ދޫނިތައް އަދި ފިނިފެންމަލުން ޖަރީކޮށްފައިވެ އެވެ.

ދެ ޖިންސަށް ވެސް ބޭނުން ކުރެވޭ މި އަގުހުރި ސެންޓުފުޅިއަކީ ރިމޯޓުން ވެސް ބޭނުން ކުރެވޭ ސެންޓު ފުޅިކެވެ. އަދި، މި ތަފާތު ޓެކްނޮލޮޖީގެ ސަބަބުން ރެކޯޑު ފޮތުން މި ސެންޓު ފުޅި ވަނީ ދެ ޖާގައެއް ހޯދާފަ އެވެ. އެއީ، ރިމޯޓް ކޮންޓްރޯލެއް ބޭނުން ކޮށްގެން އޮޕަރޭޓް ކުރެވޭ އެންމެ ދިގު ސެންޓުފުޅީގެ ޝަރަފާއި އެންމެ ގިނަ ޖަވާހިރު ހަރު ކޮށްފައިވާ ސެންޓުފުޅީގެ ޝަރަފެވެ.

ދުބާއި މޯލްގެ ފެޝަން އެވެނިއުގައި މާރިޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާރިޗު 30 ގެ ނިޔަލަށް މި ސެންޓު ފުޅި ޑިސްޕްލޭ ކޮއްފައި ހުންނާނެ އެވެ. މި ސެންޓު ޖެހުމުން އަގު ބޮޑު ސެންޓުގެ ވަސް ދުވާނެ އެވެ.