ހަބަރު

މަނީއު: އޮސްޓްރިިއާގައި ފުޓްބޯޅަ ކުޅުނަސް، ހިިތް އޮތީ ރާއްޖޭގައި

ފުޓްބޯޅައިގައި ރާއްޖެއާ ވަދަވެރި ބައެއް ސަރަހައްދީ ޓީމުތަކުން، ގައުމުން ބޭރުގައި ދިރިއުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދިނުމަކީ އާންމުކަމެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދި އަފްގާނިސްތާންގެ ޓީމުގައި ވެސް ގައުމުން ބޭރުގައި ދިރިއުޅޭ ކުޅުންތެރިން ގިނަ އެވެ. ބައެއް ގައުމުތަކުން އެ ގައުމަށް ނިސްބަތްވާ، ގައުމުން ބޭރުގައި ދިރިއުޅޭ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން ދެ އެވެ. އެގޮތަށް ކުޅުންތެރިން ލިބުމަކީ އެ ގައުމުތަކަށް އޮތް އެޑްވާންޓޭޖަކަށް ވެސް ވެދާނެ އެވެ.

މި ރިޕޯޓްގައި މި ތައާރަފްކުރަނީ ރާއްޖެ އަށް ކުޅެން ފުރުސަތު ލިބިފައި އޮތް އޮސްޓްރިއާ އަށް ނިސްބަތްވާ ޒުވާން ކުޅުންތެރިއެކެވެ. ރާއްޖޭގައި ކުޅުމަށް ޝައުގުވެރިވާ ކުޅުންތެރިއެކެވެ.

މި ރިޕޯޓްގެ ބޭނުމަކީ އޭނާ އަށް ފުރުސަތު ދިނުމަށް ބާރު އެޅުމެއް ނޫނެވެ. މިގޮތަށް ރާއްޖެ އަށް ނިސްބަތްވާ ކުޅުންތެރިންތަކެއް ވެސް ތިބިދާނެކަން ފާހަގަކޮށްލުމެވެ.

މަނީއު ރައުފް ،17،ގެ ބައްޕަ އަކީ ދިވެއްސެކެވެ. މަންމަ ނިސްބަތްވަނީ އޮސްޓްރިއާއަށެވެ. އޮސްޓްރިއާ އަށް އުފަން މަނީއު ދިރިއުޅެމުން ދަނީ އޮސްޓްރިއާގަ އެވެ. އުމުރުން 12 އަހަރުން ފެށިގެން ފުޓްބޯޅަ އެކެޑަމީތަކުން ތަމްރީނު ހޯދަމުންދާ މަނީއު މިހާރު ކުޅެނީ އޮސްޓްރިއާގެ ތިން ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އެސްއާރް ޑޮނައުފެލްޑްގެ 18 އަހަރުން ދަށުގެ ޓީމަށެވެ. އެޓޭކިންގެ ކޮންމެ މަގާމަކަށް ވެސް ކުޅޭ، މަނީއު ފުޓްބޯޅައިގައި ބޮޑެތި އުންމީދުތަކެއް ކުރެ އެވެ. އެ އުންމީދުތައް އޮތީ ރާއްޖެއާ ވެސް ގުޅިފަ އެވެ.

އޮސްޓްރިއާ އަށް އުފަންވި ނަމަވެސް، މަނީއު ކޮންމެ އަހަރަކު ވެސް ޗުއްޓީގައި ރާއްޖެ އަށް އާދެ އެވެ. ރާއްޖެ އަންނަ ކޮންމެ ފަހަރަކު ވެސް، އޭނާ ގިނަ ދުވަސްތައް ހޭދަކުރަނީ އޭނާގެ ބައްޕަަ ނިސްބަތްވާ ވ.ފެލިދޫގަ އެެވެ. ރަށުގައި ގިނަ ދުވަސްތައް އޭނާ ހޭދަކުރާ އެއް ސަބަބަކީ މަސްވެރިކަމަށް ހުންނަ ޝައުގެވެ. ޗުއްޓީގައި މި ވަގުތު ވެސް މަނީއު ހުރީ ފެލިދޫގަ އެވެ.

"އޮސްޓްރިއާގައި ދިރިއުޅުނު ނަމަވެސް، އަހަރެން ހަނދާން ހުރޭ އަބަދު ވެސް އަހަރެން ރާއްޖެ އަށް ނިސްބަތްވާކަން. ގޮތަކަށް ބުނަންޏާ އަހަރެން ދެ ގައުމަށް ވެސް އެއްވަރަކަށް ލޯބި ޖެހިފައި އޮތީ. އޮސްޓްރިއާ އާއި ރާއްްޖެ ވަރަށް ތަފާތު. ރާއްޖެ އަށް އަންނަ ކޮންމެ ފަހަރު ވެސް ވަރަށް ހިތްހަމަޖޭ. ރަށަށް ގޮސް، މަހަށް ގޮސްލާ އުޅުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް. އަހަންނަކީ ހަމައެކަނި އޮސްޓްރިއާ މީހެއް ނޫން. ރާއްޖެ އަށް ވެސް އަހަރެން ނިސްބަތްވޭ،" ރެއާލް މެޑްރިޑަށް ސަޕޯޓުކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ މިސާލަކަށް ބަލާ މަނީއު ބުންޏެެވެ.

ދިވެހި ބަހުން ދައްކާ ވާހަކަ އެނގުނަސް އެ ބަހުން ވާހަކަ ދައްކަން ކޮށި މަނީއު އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ބުންޏެވެ.

މަނީއުއާ ވާހަކަދައްކާލިއިރު، އެ އުމުރުގެ ދިވެހި ކުޅުންތެރިއަކާ ތަފާތު ކަންތައްތަކެއް ފާހަގަވި އެވެ. ޕްރޮފެޝަނަލް ކުޅުންތެރިއަކަށް އަދި ނުވި ނަމަވެސް، ކުޅިވަރު ޑިސިޕްލިނެއް ހުންނަންޖެހޭ ކަމާއި އެކަންތައް އަމަލުކުރަން ޖެހުމުގެ މުހިންމުކަން އޭނާ ވަޒަންކުރެ އެވެ. ފުޓްބޯޅަ އަށް މަނީއު ވަރަށް "ސީރިއަސް" އެވެ.

"ކުޑައިރުން ސުރެ ކޯޗުންގެ ތަމްރީނުތައް ލިބުނީމަ އަސްލު ވަރަށް ފައިދާބޮޑު. މިހާރު ވެސް ވަރަށް ވިސްނަން އަމިއްލަ ކުރިއެރުމަށް. މިހާރު ވެސް ހަމަ އަމިއްލަ އަށް ޖިމް އަށް ގޮސް، ފިޓްނަސް ހިފަހައްޓަން މަސައްކަތް ކުރަނީ. މެޗުތަކަށް ވެސް ހަމަ ވަރަށް ރަނގަަޅަށް ތައްޔާރުވަން. ކުޅުންތެރިން ނެތީީކީ ނޫން ޓީމުގައެއް. ކިރިޔާ ވެސް ފަރުވާ ކުޑަކޮށްފި ނަމަ، ކޯޗުންނަށް ވަރަށް ފަސޭހަވާނެ އެހެން ކުޅުންތެރިއަކަށް ފުރުސަތު ދޭން،" މި ސީޒަންގައި އެސްއާރް ޑޮނައުފެލްޑްގެ ޓީމަށް ތިން ލަނޑު ޖަހައި، ހަ އެސިސްޓްކޮށްދީފައިވާ މަނީއު ބުންޏެވެ.

ވިޔަފާރީގެ ދާއިރާ އިން ތައުލީމް ހާސިލްކުރަމުންދާ މަނީއު އެންމެ އިސްކަމެއް ދެނީ ފުޓްބޯޅައަށެވެ. ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް އޭނާ ހުރީ ވަރުގަަދަ އަޒުމެއްގަ އެވެ. ފުޓްބޯޅައިގައި މަނީއު ކުރާ އުންމީދުތައް ރާއްޖެއާ ވެސް އޮތީ ގުޅިފަ އެވެ.

"ރާއްޖޭގައި ކުޅެން ބޭނުންވޭ. ރާއްޖޭގައި ކުޅެގެން ވެސް އަހަންނަށް ކުރިއެރުންތައް ހޯދޭ. ކިޔެވުމަށް ފަހު، ސަރުކާރުގައި ވަޒީފާ އަދާކުރަން މަޖުބޫރުވާ މުއްދަތު ހަމަކުރުމަށް ފަހު އަހަރެން ބޭނުން ރާއްޖެ އަންނަން ފުޓްބޯޅަ ކުޅެން. އުންމީދުކުރަނީ ދެ އަހަރެއް ފަހުން ރާއްޖެ އަށް ކުޅެން އަންނަން. އަހަރެން ބޭނުންވަނީ ރާއްޖޭގައި ކުޅެ، އަހަރެންގެ ފެންވަރު ސާބިތުކޮށްދޭން. ވަކި ހާއްސަ ގޮތަކަށް އުންމީދެއް ނުކުރަން. އަހަރެން ބޭނުންވަނީ ހަމަ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ފުރުސަތު ހޯދައިގެން، އަހަރެންގެ ފެންވަރު ސާބިތުކޮށްދޭން،" މަނީއު ބުންޏެވެ.

"އޮސްްޓްރިއާ ގައުމީ ޓީމަށް އެރުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު އަހަރެން ބޭނުން އިންޓަނޭޝަނަލް ފުޓްބޯޅަ ތަޖުރިބާކުރަން. ރާއްޖޭގެ ގައުމީ ޓީމު ކުޅޭއިރު ވަރަށް ސަޕޯޓަރުން ގިނަ. ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ބޭނުންވޭ. ރާއްޖޭގެ ގައުމީ ޓީމަަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި. އަހަރެން އެ ފުރުސަތު ހޯދަން މަސައްކަތްކުރާނަން."

މަނީއު ބުނީ އޮސްޓްރިއާގައި ބިދޭސީ ކުޅުންތެރިން ގިނަވުމާއެކު، ރަނގަޅު ފުރުސަތުތައް ހޯދަން އުނދަގޫވެފައިވާ ކަމަށެވެ.

"ބިދޭސީ ކުޅުންތެރިން ގިނަވުމުން އޮސްޓްރިއާގެ ކުޅުންތެރިންނަށް ލިބޭ ފުރުސަތަކަށް ހުރަސްއެޅޭ. އެެހެންވެ މިހާރު އެއްކޮށް ކުޅެން އުޅުނު ބައެއް ކުޅުންތެރިން ވަނީ ކުޅުމާ ދުރަށް ގޮސްފައި. އެކަމަކު އެ ކުޅުންތެރިން އަހަރެން ކައިރީގައި ބުނޭ މަނީއު ކުރިއަށް ދާށޭ، މަނީއު އަށް ރާއްޖޭން ވެސް ފުރުސަތުތައް ލިބޭނެއޭ. ރާއްޖޭގައި ކުޅެގެން ވެސް ކުރިއެރުން ހޯދޭނެކަން އެނގޭ،" މަނީއު ބުންޏެވެ.

މަނީއު މިހާރު ވެސް ރާއްޖޭގެ ފުޓްބޯޅަ އަށް ޝައުގުވެރިކަން ދެ އެވެ. މާޒިޔާ އާއި ނިއު ރޭޑިއަންޓަކީ މަނީއު އަށް އާ ނަންތަކެއް ނޫނެވެ. ރާއްޖޭގެ އެންމެ މަގްބޫލު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގް (ދަގަނޑޭ) އަކީ މަނީއު ވެސް ދަންނަ މޫނެކެވެ. ރާއްޖޭގެ ބައެއް މެޗުތައް ވެސް މަނީއު ބަލަ އެވެ.

މަނީއު އަކީ ކުރާ ކޮންމެ ކަމެއް ވެސް ކާމިޔާބުކުރަން ބޭނުންވާ ޒުވާނެކެވެ. މެޗަކުން ބަލިވުމަކީ އޭނާ އަށް ހަޖަމްކުރަން ދަތި ކަމެކެވެ. މަޖަލަކަށް މެޗެއް ކުޅުނަސް، ބަލިވާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އެހެންކަމުން އަމާޒު ހިފާ ކޮންމެ ކަމެއް ކާމިޔާބުކުރުމަށް އޭނާ ވަރަށް ހިތްވަރުކުރެ އެެވެ.

"ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއަކީ އަޝްފާގް. ދެން ރާއްޖޭގައި ކުޅުންތެރިއެއް ވަޒަންކުރާނީ އަޝްފާގް ފެންވަރުން. ރާއްޖޭގެ އެންމެ މޮޅު ލެވެލްއަކީ މިހާރު އަޝްފާގް. އަހަރެން ވެސް ބޭނުންވަނީ ރާއްޖޭގެ މަގްބޫލު ކުޅުންތެރިއަކަށް ވާން. އަހަރެން އެކަމަށް މަސައްކަތްކުރާނަން. އަޝްފާގަށް ވުރެ މޮޅު ކުޅުންތެރިއަކަށް ވެވޭތޯ މަަސައްކަތްކުރާނަން،" މަނީއު ބުންޏެވެ.

މަނީއު ކުޑައިރުން ސުރެ ފުޓްބޯޅަ އަށް ޝައުގުހުރި ނަމަވެސް، ފުޓްބޯޅަ އަށް އޭނާ ލޯބި ޖެއްސުމުގައި އޭނާގެ ބައްޕަ އަބްދުއް ރައުފް އިބްރާހިމްގެ ހިއްސާ ވެސް ބޮޑެވެ. މަނީއު ވެސް އެކަން ފާހަގަކުރި އެވެ. މަނީއު އަކީ އޭނާގެ ބައްޕަގެ ނަސޭހަތް ވަރަށް ބޮޑަށް ބަލައިގަންނަ ޒުވާނެކެވެ. އެކަމަކު ކުރިން ރަނގަޅު ފެންވަރެއްގައި ފުޓްބޯޅަ ކުޅުނު ރައުފް ބުނީ ފުޓްބޯޅައިގައި މަނީއު އަށް އޮންނާނީ އަމިއްލަ އިހުތިޔާރް ކަމަށެވެ.

"އަޅުގަނޑު ވެސް އުފާވޭ މަނީއު ފުޓްބޯޅަ އަށް ޝައުގުވެރިވާތީ. އެކަމަކު އަޅުގަނޑު ފުޓްބޯޅައިގައި ވަކި ޓީމަކަށް ކުޅެން ނުވަަތަ އެކަހަލަ އެއްވެސް ކަަމަކަށް އަޅުގަނޑު އޭނާ އަށް މަޖުބޫރެއް ނުކުރަން. ފުޓްބޯޅައިގައި އޮންނާނީ މަނީއުގެ އިހުތިޔާރް،" ރައުފް ބުންޏެވެ.

އުމުރުން ހަގުވި ނަމަވެސް ފުޓްބޯޅައިގައި މަނީއުގެ ވިސްނުން ހުރީ "ހަރު" ގޮތަކަށެވެ. ރާއްޖޭގައި ކުޅެ، ދިވެހިންގެ މެދުގައި މަގްބޫލު ކުޅުންތެރިއަކަށް ވާން މަނީއު ބޭނުންވެ އެވެ. މަނީއު އަށް ފުޓްބޯޅައިގައި ކުރިއެރުން ހޯދުމުގެ ފުުރުސަތު އެބައޮތެވެ. އޭނާގެ ފެންވަރު ވަޒަންކުރެވޭނީ ރާއްޖޭގައި އޭނާ ކުޅުމުންނެވެ. ފެންވަރު ސާބިތުކޮށްދޭން މަނީއު ހުރީ ކެތްމަދުވެފަ އެވެ.