ރިޕޯޓް

ވައުދުގެ "މޫސުމުގައި" މަޖިލީސް މެމްބަރުންގެ ދައުރު އޮޅިއްޖެ

ސިޔާސީ މީހުނަށް ރައްޔިތުމީހާ ފެންނާނީ އިންތިހާބުތަކާއި ދިމާކޮށެވެ. އެއީ ސިޔާސީ ގޮތުން ބައިބައިވެފައިވާ މުޖުތަމައެއްގައި އެއްމެންނަށް ވެސް އިއްތިފާގުވެވޭނެ ހަމައެކަނި ހަގީގަތެވެ. ރާއްޖެއަށް މިހާރު ކުރަމުންދަނީ އިންތިހާބީ މޫސުމެއްގައި ރައްޔިތުންނަށް އަޅާލުމާއެކު ވެހޭ ވައުދުތަކުގެ ބޯ ވިއްސާރަ އެވެ.

ރިޔާސީ އިންތިހާބުހެ ހޫނުކަން ނުކެނޑެނީސް، ވިދިގެން އަންނަ މަޖިލީސް އިންތިހާބަކީ ނުވެފަ އޮންނަ ކަންކަން ހާސިލު ކުރުމަށް ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ޒަމާނުއްސުރެ ވިސްނުން ގެންގުޅޭ ސަގާފަތެއް އަށަގެންފައިވާ ޑިމޮކްރެޓިކް ހަރަކާތެކެވެ.

އެ ވިސްނުމުގެ ފުރިހަމަ ފައިދާ ރައްޔިތުން ތަމްސީލު ކުރަން ފައިވިއްދާ ކެންޑިޑޭޓުން ނަގަ އެވެ. އެކި ދާއިރާތަކަށް ސަރުކާރުތަކުން ނުކޮށްދެވި ހުންނަ ހުރިހާ ކަމެއްގެ ފަސްބައިގާ ހިފައިގެން ކުލަގަދަ ބިޔަ ޕޯސްޓަރުތަކުގައި، ފަލަ އަކުރުން ބެޓިކް ޖަހައިގެން ވައުދުގެ ފޮތިގަނޑުތައް ދަމާލަ އެވެ. ވަކިވަކި ރަށްރަށާއި، ޖަމިއްޔާތަކާއި، އާންމު ފަރުދުންގެ އިހުސާސްތަކާ ކުޅެލާނެ ފޯރިގަދަ ލަވަތަކާއި، އުއްމީދީ ވާހަކަތެކެވެ.

ނަރުދަމާ އަޅައިދިނުމުގެ އިތުރުން، ބަނދަރު ހެދުމާއި، މަގުތަކުގައި ތާރު އެޅުމުން ފެށިގެން ހޮސްޕިޓަލުތަކާއި އެއާޕޯޓުގެ ހުވަފެނަކީ މިހާރު އެންމެ "އާދައިގެ" އިންތިހާބީ ވައުދުތަކަށް ވެއެވެ. އެއީ ދިގު ވައުދު ނާމާގައި އަތޮޅު ތެރެއަށް ހާއްސަ ބައެވެ. ތޮއްޖެހިފައިވާ މާލެ ސަރަހައްދަށް "އަތްމަތީ" ވައުދަކީ ބޯހިޔާވަހި ކަމެވެ. ތަފާތު ގޮތްގޮތަށް އަނބުރައިގެން، ކޮންމެ ފަސް އަހަރަކުން ހެޑަށް އޮޅިފައި ނަމަވެސް ބާނުވި ސިޔާސީ ލަވައެކެވެ.

ހައްތަހާވެސް ރިޝްވަތު؟

އަންނަ މަހު ބާއްވާ މަޖިލީސް އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، މިފަހަރު 87 އަށް ދާއިރާއަކަށް ނިޔަތްގަނެގެން ތިއްބެވި 386 ކެންޑިޑޭޓުންގެ ކެމްޕޭނުތައް މިހާރު ވަނީ މެކުހަށް ޖަހައިފަ އެވެ. ރައްޔިތުން އެއްކޮށްގެން ބޮޑެތި ޖާފަތްތަކާއި، މިޔުޒިކް ޝޯތަކާއި ފުޓުބޯޅަ މުބާރާތްތައް އެއީ އަދި ކުޑަމިންވަރެވެ. ދާއިރާތަކުގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިމެނޭ ތަސައްވަރު "ވިއްކަން" ބައެއް ކެންޑިޑޭޓުން ދަނީ ދާއިރާގެ ހުރިހާ ގެއެއްގެ ދޮރުގައި ޓަކި ދެމުންނެވެ.

އިންތިހާބީ ހައްގަކަށް ފައިދާއެއް ވަކި ފަރާތަކަށް ލިބުމަށްޓަކައި ހަދިޔާއެއްގެ ގޮތަށް ބެލެވިދާނެ އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތުގެ ކުށެއް
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ހަތަރު ވަނަ މާއްދާ

ސުވާލަކީ، މިއީ ހަމަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު އެއްވެސް މެމްބަރަކަށް ފުއްދޭނެ ވައުދުތައް ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާއާ، ލިބިދީފައިވާ ބާރުތަކުގެ ބޭރުން ވައުދުތައް ވަމުންދާ ސަގަފާތަށް ނިމުމެއް ގެނައުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މިދިޔަ އަހަރު މުހިންމު އިސްލާހެއް ގެނެވުނެވެ.

"ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަކަށް އެއްޗެއް ދިނުމަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް މަންފާއެއް ހޯދަ ދިނުމަކީވެސް ރިޝްވަތުގެ ކުށެއްގެ ގޮތުގައި ބެލެވިދާނެކަމެއް" ކަމަށް އެ ގާނޫނަށް އިތުރުކުރެވުނު އިސްލާހުގައި ބުނެފައިވެ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވި ގޮތުގައި އެ ގާނޫނުގެ ދަށުން ދާއިރާއަށް ނުވަތަ ދާއިރާގެ ރައްޔިތުންނަށް ވަކިވަކި ކަންކަން ކޮށްދޭނެ ކަމަށް ބުނުމަކީ ރިޝްވަތުގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ.

"މިސާލަކަށް ދަންނަވަންޏާ، ރަށެއްގެ ބަނދަރު ހަދައިދޭނަމޭ، ފުޓުބޯޅަ ދަނޑު ތަރައްގީ ކޮށްދޭނަމޭ ކެންޑިޑޭޓުންނަކަށް ހަގީގަތުގައި ނުބުނެވޭނެ. ސަބަބަކީ އެކަންތައްތަކަކީ މަޖިލީހުގެ މެމްބަރަކަށް ކޮށްދެވޭނެ ކަންކަމެއް ނޫން،" މުއައްވިޒު ތަފްސީލު ކޮށްދެއްވި އެވެ.

ގާނޫނުގައި ރިޝްވަތުގެ ގޮތުގައި ބެލެވިދާނެ ކަންކަން އެހާ ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުމަކީ ގިނަ ކެންޑިޑޭޓުން ޝަކުވާއެކެވެ. ނަމަވެސް، މުއައްވިޒު އިލްތިމާސް ކުރައްވަނީ މަޖިލީސް މެމްބަރަކަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތަކަށް ރިއާއަތް ކުރުމަށެވެ. އެ ބާރުތަކާއި ޒިންމާތަކާއި ގުޅުމެއްނެތް އެއްވެސް ވައުދެއް ނުވެވޭނަކަމަށް މުއައްވިޒު ގަބޫލުކުރައްވަ އެވެ.

  • ނަރުދަމާ އަޅައިދީ ފުޓްބޯޅަ ދަނޑެއް އަޅައިދޭނެކަމަށް، ރަށުގެ ބިން
  • ހިއްކައިދޭނެ ކަމަށް ނުބުނެވޭނެ
  • ދާއިރާގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ބުނުން ނުވަތަ ބޭސްފަރުވާއަށް
  • އަންނަ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖައްސައިދޭނެކަމަށް ނުބުނެވޭނެ
  • ދާއިރާގައި ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކަށާއި ޤުރުއާން މުބާރާތް ފަދަ ކަންކަމަށް
  • ވަކި މިންވަރެއް ޚަރަދު ކުރާނެކަމަށް ނުބުނެވޭނެ
  • ކެންޑިޑޭޓު ނުވަތަ ދާއިރާގެ އެކި ފަރާތްތަކުން ބާއްވާ އިވެންޓުތަކާއި މުބާރާތްތަކުގައި އެކި
  • އަދަދުތަކުން އިނާމު ދޭނެކަމަށް ބުނެ ހުށަހެޅުމާއި، ޚިދުމަތްތަކާ އެހީ ފޯރުކޮށްދޭނެކަމަށް
  • ނުބުނެވޭނެ
  • އިންތިޚާބު ވުމަށްފަހު، މުސާރައިގެ ވަކި އިންސަތައެއް ދާއިރާއަށް ޚަރަދު ކުރާނެކަމަށް
  • ނުބުނެވޭނެ

ވަކާލާތުކުރުން، ޖަވާބުދާރީ ކުރުވުން، ގާނޫނު ހެދުން!

ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކާއި އިހުތިޔާރުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގައި ހިމަނާފައިވާ ކަންކަމުގެ އަސާސްތަކަށް ނަޒަރު ހިންގާލުމުން ސާފުވަނީ، މުޅި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ސަރުކާރާއި ދައުލަތް ޖަވާބުދާރީކޮށް، ގާނޫނުތައް ހަދަން އޮންނަ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. އޭގެން ވެސް ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، އެ ބާރުތަކަކީ ވެސް މުޅި ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކެއް ކަމެވެ. ވަކިވަކި މެމްބަރުންނަށް އިތުރު ބާރުތަކެއް ދީފައިވާ ވާހަކައެއް ނެތެވެ.

ރައްޔިތުންގެ މަޖިލީސް ހިނގާ ގޮތަށް ބަލާއިރު، ހާއްސަ ހާލަތްތަކުގައި މެނުވީ، މަޖިލީހުގެ ރައީސް ފިޔަވައި ބާކީ ތިއްބެވި ހުރިހާ މެމްބަރުންނަކީ ހަމަ އެންމެ ވޯޓެކެވެ. އެހެން މެމްބަރުންގެ ތާއީދުނެތި، ތަޅުމުގައި ވާހަކަ ދެއްކެވުން ފިޔަވައި އެއްވެސް މެމްބަރަކަށް ހަމަ އެއްކަމެއް ވެސް ނުކުރެއްވޭނެއޭ ބުނުމުގެ ޖާގަ ލިބެ އެވެ. ކަންއެހެން އޮތް ހިނދު، އިންތިހާބުގެ ކުރިން ކެންޑީޑޭޓުން އެމީހުންގެ ދާއިރާތަކަށް އޮއްސަމުން އަންނަ ވައުދުތައް ފުއްދޭނެ އެއްވެސް ފުރުސަތެއް ނެތެވެ.

ކޯލިޝަން ސަރުކާރުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި މިފަހަރު ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވައި ހިސާން ހުސެއިން އެ ނުކުތާ ފާހަގަކުރެއްވި އެވެ. ހިސާން ވިދާޅުވާ ގޮތުގައި، ކެންޑިޑޭޓުންނަށް ވައުދު ވެވޭނީ، އެއިރެއްގައި އޮންނަ ސަރުކާރަކުން އެ ދާއިރާއަކަށް ކަނޑައަޅާފައިވާ މަޝްރޫއުތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދާނެކަން ކަށަވަރުކުރާނެ ވާހަކަ އެވެ.

"ސަރުކާރަކުން އެ ދާއިރާއަކަަަށް ކަނޑައަޅާފައިވާ ނޫން ނަމަ ހިންގަން ވިސްނާފައިވާ މަޝްރޫއުތައް ކުރިއަށްދޭތޯ ބަލައި، އެކަންކަމަށް ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބޭ ބަޔަކީ މަޖިލީސް މެމްބަރުން. އޭގެ އިތުރުން ދާއިރާއަށް ކުރިމަތިވާ އެކި ކަހަލަ މައްސަލަތައް ސަރުކާރާއި ހަމައަށް ގެންގޮސްދީގެން ހައްލުތަކެއް ހޯދައިދޭން ހުންނަ މީހަކީ އެ ދާއިރާގެ މެމްބަރު،" ގާނޫނީ ވަކީލުކަންވެސް ކުރައްވާ ހިސާން ވިދާޅުވި އެވެ.

ނަމަވެސް، ދާއިރާއަށް ރައްޔިތުން ގެންނަން ބޭނުންވާ ތަރައްގީއާ ކުރިއެރުން ޒަމާނުއްސުރެ ސީދާ ގުޅިފައިވަނީ އެ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރާއިކަން ހިސާން ފާހަގަކުރެއްވި އެވެ. މުއައްވިޒު ވެސް ހިސާންގެ ވިސްނުންފުޅާއި އިއްތިފާގުވެ އެވެ. އެހެނަސް، މަޖިލީސް މެމްބަރުންގެ ބާރުތަކުގެ އިންތަކަށް ރައްޔިތުން ހޭލުންތެރިވާންޖެހޭ ކަމަށް މުއައްވިޒު ގަބޫލުކުރައްވަ އެވެ.

ހެންވެއިރު އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވައިގެން ހުންނެވި އިބްރާހިމް ޒިޔަތުގެ ވިސްނުންފުޅު ކުޑަކޮށް ތަފާތެވެ. ޒިޔަތު ވިދާޅުވަނީ، ރައްޔިތުންގެ އިތުރުން، މަޖިލީހަށް ކުރިމަތިލައިގެން ތިބި ގިނަ ކެންޑިޑޭޓުންނަށް ވެސް މަޖިލީސް މެމްބަރަކަށް ލިބޭ ބާރުތައް ސާފުނުވާ ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުގައި އިސް މަގާމުތައް ފުރުއްވާފައި ހުންނެވި، މިސާލެއްގެ ގޮތުގައި ޒިޔަތު ފާހަގަކުރެއްވީ ހުރިހާ ކެންޑިޑޭޓުން އެއް އަޑަކުން ގޮވަމުންދާ "ފަނޑިޔާރުގެ މިނިވަންކޮށް އިންސާފު ގާއިމުކޮށްދިނުމުގެ" ވައުދަށެވެ.

"ގިނަ ރައްޔިތުންވެސް ބައެއް ކެންޑިޑޭޓުންވެސް ގަބޫލުކުރަނީ ކޯޓުތަކުގައި މިހާރު ތިބި ފަނޑިޔާރުން ވަކިކޮށްފަ އާ މީހުން ލީމަ ފަނޑިޔާރުގެ މިނިވަން ކުރެވޭނެއޭ. ގިނަ މީހުންނަކަށް ނޭނގޭ ކޯޓުތައް މިނިވަންވާނީ ޖޭއެސްސީއަށް ނުފޫޒު ނުފޯރުވޭގޮތް ހަދައިގެން ކަމެއް. ޖޭއެސްސީއަށް އައްޔަނުކުރާ މެމްބަރުންގެ ކޮމްޕޮޒިޝަން ބަދަލުކޮށްގެން ކަމެއް. އެކަން ކުރެވޭނީ ގާނޫނު ބަދަލުކޮށްގެން. ގާނޫނު އިސްލާހު ކުރެވޭނީ މަޖިލީހުން،" ޒިޔަތު ތަފްސީލުކޮށްދެއްވި އެވެ.

ރައްޔިތުން ހޭލަންޖެހޭ

މުއައްވިޒު ވިދާޅުވި ގޮތުގައި، މަޖިލީހަށް ހޮވުމަށްފަހު ކޮށްދޭނަމޭ ބުނާ ކަންކަމުގެ ތެރެއިން ހަގީގަތުގައި ފުއްދޭނެ ވައުދުތައް ރައްޔިތުންނަށް ވެސް އެނގެންޖެހޭނެ އެވެ. އަދި ފަރުދީ ވިސްނުން ދޫކޮށް އަމިއްލަ ދާއިރާގެ އިތުރުން މުޅި ގައުމުގެ ފައިދާއަށް ވިސްނުން ބަދަލުކުރަންޖެހެ އެވެ.

މިސާލަކަށް ދަންނަވަންޏާ، ރަށެއްގެ ބަނދަރު ހަދައިދޭނަމޭ، ފުޓުބޯޅަ ދަނޑު ތަރައްގީކޮށްދޭނަމޭ ކެންޑިޑޭޓުންނަކަށް ހަގީގަތުގައި ނުބުނެވޭނެ. ސަބަބަކީ އެކަންތައްތަކަކީ މަޖިލީހުގެ މެމްބަރަކަށް ކޮށްދެވޭނެ ކަންކަމެއް ނޫން
އޭސީސީގެ ނައިބު ރައީސް | މުއައްވިޒު ރަޝީދު

މުއައްވިޒުއެކޭ އެއްފަދައިން ޒިޔަތު ވެސް ފާހަގަކުރެއްވީ އެ މައްސަލަ އެވެ. ނަޒާހަތްތެރި މަޖިލީހެއް ކަށަވަރުކުރެވޭނީ ކެންޑިޑޭޓުންގެ ފަރާތުން އަމިއްލަ ފައިދާއަށް ވިސްނުން ދޫކޮށްގެންކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރިއަށްވެސް އެބަ އާދޭ ހައްޖަށް ފޮނުވާދޭށޭ. ފެން ބިލު ކަރަންޓު ބިލު ދައްކައިދޭށޭ. މިކަހަލަ ކަންކަން ކެންޑިޑޭޓުންގެ ފަރާތުން ހޯދައިގެން ނަޒާހާތްތެރި މެމްބަރުން މަޖިލީހަކަށް ނުހޮވޭނެ. ފެށުން ގޯސްވެއްޖެއްޔާ ނަތީޖާ ވެސް ނުބައިވާނެ. އަޅުގަނޑު ކެމްޕެއިން ތެރެއިން ވެސް މަސައްކަތް ކުރަނީ އެކަންކަން ރައްޔިތުންނަށް ވިސްނައިދެވޭތޯ،"

ނަމަވެސް، ހިސާން ވިދާޅުވަނީ އެކަމުގައި ރައްޔިތުންގެ ކުށެއްނެތް ކަމަށާއި، ނަޒާހަތެރިކަން ނެގެހެއްޓުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށް ކަމަށެވެ. "އިންތިހާބުތަކުގައި ކެންޑިޑޭޓުން އަމަލުކުރަން އޮންނަ މިންގަޑުގެ ތެރެއިން އަމަލުކުރީމަ ތިޔަ ވިދާޅުވާ މައްސަލަތަކެއް ނުނިކުންނާނެ،" ހިސާން ވިދާޅުވި އެވެ.

އޭޕްރީލް 6 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވޯޓުލާން ނުކުންނާނެ އެވެ. އޭގެ ކުރީ ދުވަހުގެ އިރުއޮއްސި 6.00 އިން ފެށިގެން ކެމްޕެއިން ކުރުން ހުއްޓާލި ނަމަވެސް، ވޯޓު ފޮށި ކައިރިއަށްދާ އިރުވެސް، އެތަކެއް ހަފްތާއެއް ވަންދަން ހުއްޓުމެއްނެތި ކެންޑިޑޭޓުންގެ ވައުދުތަކުގެ އަޑު ކަންފަތުގައި ގުގުމާނެކަން ކަށަވަރެވެ. ނަމަވެސް ވައުދުތަކުގެ އަޑު ހިނދުކޮޅަކަށް ހިންދާލައި، ވަކި ނަމެއްގެ ކައިރީގައި ފާހަގަ ޖެހުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހަގީގީ ދައުރާމެދު ވިސްނާލުން ރަނގަޅުވާނެ އެވެ.