ބޮޑުސިންގާ ރިޔާސީ އިންތިހާބެއް ނިންމާލައި ހަމަހެޖެހުމުގެ ނޭވާއެއް ނުލެވި އުޅެނިކޮށް އަނެއްކާ ބޯމަތިވެފައި މި އޮތީ ފޯރިގަދަ ރައްޔިތުން މަޖިލީހުގެ އިންތިހާބެވެ. ޖުމްލަ 87 ދާއިރާއަކަށް 398 ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބަށް ފޯރިގަދަ ކެމްޕޭންތައް ކުރިއަށް ދަނީ އެވެ. އެ ކެމްޕޭންތަކުން އުފެދޭ ސިޔާސީ ބާނިތަކުން ގައުމު ހަލަބޮލިވެ، ދެން ހުރި ހުރިހާ ކަމެއް މި ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. މި ބާނީތަކުގައި ރާއްޖެ އޮވެ ދާތާ އަށް މަހެއްހާ ދުވަސް ފާއިތުވީ އެވެ. ސަބަބަކީ ފުލުފުލުގައި ބޮޑު ދެ އިންތިހާބު ކުރިމަތިވުމެވެ. މިއަހަރު ނިމި އާ އަހަރަކަށް އަޅާލާއިރު ލޯކަލް ކައުންސިލް އިންތިހާބު ވެސް އޮންނާނީ ދުރަކު ނޫނެވެ. ކުޑަކުޑަ ގައުމެއްގެ ނިސްބަތުން ފުލުފުލުގައި އިންތިހާބުތައް ބޯމަތިވެ ގައުމު ހަލަބޮލިކަމެއްގެ ތެރޭގައި އޮތުމަކީ ބޮޑު ގެއްލުމެއް ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. އެހެންވީއިރު، މިގެއްލުމުން އަރައިގަންނަން ހޯދޭނީ ކޮން ހައްލެއް ހެއްޔެވެ؟
ގާނޫނު އަސާސީގެ އެކުލަވާލި މަރުހަލާގައިވެސް މި ބަހުސް
މިހާރު އެކުލަވާލާފައިވާ ގާނޫނު އަސާސީގެ ޑްރާފްޓް ލިޔުނު ކޮމިޓީގެ މުގައްރިރުކަން، ހާއްސަ މަޖިލީހުގައި ކުރެއްވި އިބްރާހިމް އިސްމާއިލް، އިބްރާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުން މަޖިލީހުގެ އިންތިހާބީ ދައުރަކީ ވެސް ފަސް އަހަރަށް ވާތީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި އެކީގައި ބޭއްވުމަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވި އޭރު ޑްރާފްޓެއް އެކުލަވާލި އެވެ. އެކަމަކު އޭރު އެންމެ ބޮޑު ޕާޓީ ޑީއާރުޕީއިން ފަހު ވަގުތު އެ ބޭފުޅުންގެ ނިންމުން ބަދަލު ކުރައްވައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވަކިން ބާއްވަން އިސްލާހެއް ހުށަހެޅީ ކަމަށް އިބްރާ ވިދާޅުވި އެވެ. އެ އިސްލާހު ފާސްވެ ގާނޫނު އަސާސީއިން ޖާގަ ދިނީ، ރިޔާސީ އިންތިހާބު އަހަރު ފަހުކޮޅުގައި ބާއްވައި އެއަށް ފަހު، މަޖިލިސް އިންތިހާބު ބޭއްވުމަށެވެ.
އެކަމަކު އިބްރާ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ރާއްޖޭގައި އޮންނަ ސިޔާސީ ނިޒާމް އޮޅުންބޮޅުމުގެ ތެރެއަށް ވެއްޓި ސިޔާސީ ވެށި ގަޑުބަޑުވާނެ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ އިންތިހާބު ވަކިވަކިން ބޭއްވުމުން ކޮންމެ ސަރުކާރެއް އޮތަސް މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވަން ކަންތައްތަކެއް ހިންގާނެ އެވެ. މީގެ އިތުރުން، އަލަށް އިންތިހާބުވާ ސަރުކާރުގެ ޅަފަތުގައި މަޖިލިސް އިންތިހާބާ ކުރިމަތިލާން ޖެހުމުން ހަމަޖެހިލައިގެން ވެރިކަން ކުރަން އާ ސަރުކާރަށް ފުރުސަތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބާ ހަމަޔަށް މަޖިލިސް ދެމި އޮތުމުން، ރިޔާސީ އިންތިހާބުގެ ތެރެއަށް މަޖިލިސް މެންބަރުންގެ ނުފޫޒު ވަންނަ ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ. އެއީ ނިޒާމު ހަމަޖެހިފައި އޮންނަން ޖެހޭ ގޮތް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭގެ ނަތީޖާއަކީ ގައުމު ސިޔާސީ ހަނގުރާމަޔަކުން އަރައި ނުގަނެވި އަބަދު ހަލަބޮލިކަމެއްގެ ތެރޭގައި އޮތުން ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
"ދެ އިންތިހާބު އެކީގައި ބާއްވަންޔާ އެއްވެސް ބަޔަކަށް ވަކި ގޮތަކަށް ކަންކަން ބައްޓަން ކުރާކަށް ނޫޅެވޭނެ. މިހާރު މިވާގޮތަކީ ރިޔާސީ އިންތިހާބަށް ވެސް މަޖިލީހުގެ ނުފޫޒު ގަދަ މެންބަރުން ނުފޫޒު ފޯރުވާ އެކި ގޮތްގޮތަށް. މަޖިލިސް އިންތިހާބަށް ކޮންމެ ސަރުކާރެއް އޮތަސް އެބަ ނުފޫޒު ފޯރުވާ. ދެ އިންތިހާބު އެއްކޮށް އޮތީމާ ވާގޮތަކީ އެ މީހަކާ އެ މީހެއްތާ ތިބޭނީ. ޕްރައިމަރީތަކާ ހުރިހާ އެއްޗިހި ވެސް ހުންނާނީ ނިމިފައި. މިހާރު މިވާގޮތަކީ ރިޔާސީ އިންތިހާބު ނިމޭ ހިސާބުން ދެން މި އަންނަނީ ޕާޓީތަކުގެ ޕްރައިމަރީތަކާ މަޖިލިސް އިންތިހާބަށް ތައްޔާރުވުމުގެ ކުޅިގަނޑު މިފެށެނީ. މަޖިލިސް އިންތިހާބު ނިމެންދެން އާ ސަރުކާރު އަސްލު ފަންގްޝަނެއް ނުކުރާނެ ރަނގަޅަކަށް. މިހާރުވެސް އެ މަންޒަރު އެބަ ފެނޭ. ފާޑަކަށް ސަރުކާރު ހުއްޓިފައި މި އޮންނަނީ. މިކަމެއްގައި [އިންތިހާބުގެ ކަންކަމުގައި] މި އުޅެނީ އެންމެން،" އިބްރާ ވިދާޅުވި އެވެ.
މިކުރެވެނީ ބޮޑު އިސްރާފެއް
އަންނަ އޭޕްރީލް ހަވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހިސާބު ޖެހީ 124 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް އެ އަދަދު ކޮށައި މަށާ އެންމެ ހަރަދު ކުޑަކޮށް ވެސް އީސީއަށް މި އިންތިހާބު ބޭއްވޭނެ ކަމަށް އެ ކޮމިޝަނުން ބުނަނީ 80 މިލިއަން ރުފިޔާއަށެވެ. މިދިޔަ ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ޝަރުތު ހަމަވާ، 262،135 މީހެއްގެ ބޮލަށް، 251.13 ރުފިޔާގެ މަގުން 65.8 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. ދެ އިންތިހާބަށް އެކީ ހަރަދުވާނެ ކަމަށް މިހާރު ލަފާކުރެވެނީ، 145.8 މިލިއަން ރުފިޔާ އެވެ.
އީސީގައި މިވަގުތު ހުންނެވި އެންމެ ދުވަސްވީ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވި ގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަދި ލޯކަލް ކައުންސިލް އިންތިހާބު ވެސް އެއްކޮށް ބާއްވާ ނަމަ، މިހާރު އިންތިހާބުތަކަށް ހިނގާ ހަރަދުގެ 30 ޕަސެންޓް ސަލާމަތް ކުރެވޭނެ އެވެ. ހަބީބު ހިސާބު ޖައްސަވާ ގޮތުން ނަމަ، އިންތިހާބުތަކަށް މިހާރު ކުރާ ހަރަދުން 50 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ އެވެ.
"ކޮންމެ އިންތިހާބަކަށް ހަމަ ވަކިން އެބަ ޖެހޭ އޮފިޝަލުން ނަގަން، އެބޭފުޅުންނަށް އުޖޫރަ ދޭން. މަރުކަޒުތަކަށް ތަކެތި ފޮނުވަން، ހަރަދު ކުރަން. ވޯޓް ކަރުދާސް ޕްރިންޓް ކުރާ ހަރަދުވެސް ޑަބަލްކޮށް މި ދަނީ. އަނެއްކާ އީސީ އޮންނަން މިޖެހެނީ ފުލުފުލުގައި އިންތިހާބު ބާއްވަން ބިޒީވެފައި. ދެން މީހުން ބުނެފާނެ އިންތިހާބު ބާއްވަން އޮންނަ ތަނެކޭ އީސީއަކީ. އެކަމަކު އިންތިހާބުތައް ރަނގަޅަށް ބޭއްވުމަށް ވަގުތުވެސް ބޭނުންވޭ ދެއްތޯ؟ އިރުއިރުކޮޅާ އިންތިހާބެއް އަންނަންޏާ އެއީ އިދާރީ ގޮތުން ވެސް ހަރަދުގެ ގޮތުން ވެސް ބޮޑު ބުރައެއް،" ހަބީބު ވިދާޅުވި އެވެ.
ތަފާސްހިސާބު ދައްކާ ގޮތުން، 472 ވޯޓް ފޮށި ކޮންމެ އިންތިހާބަކަށް ބަހައްޓާއިރު 264،000 އަށް ވުރެ ގިނަ ވޯޓް ކަރުދާސް ވެސް ޕްރިންޓް ކުރަން ޖެހެ އެވެ. އަދި ވޯޓްލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންގެ ގޮތުގައި 4،000 އާ ގާތްކުރާ އަދަދަކަށް ކޮންމެ އިންތިހާބަކަށް އީސީއަށް މުވައްޒަފުން ނަގަން ޖެހެ އެވެ.
އީސީގެ މެންބަރު އަކުރަމް ވެސް ވިދާޅުވާ ގޮތުން ރާއްޖޭގެ ރަށްތައް ދުރުދުރުގައި ހުރި އިރު، އެހާ ކައިރި ކައިރީގައި އިންތިހާބުތައް ބާއްވަން ޖެހުމުން އިދާރީ ކަންކަން ހަމަޖެއްސުން ވެސް ވަނީ ބުރަޔަކަށެވެ. އަދި ރީ-ރަޖިސްޓްރޭޝަން ޕްރޮސެސް އާއި ވޯޓްލާ މަރުކަޒުތަކުގައި ބޭނުން ކުރާ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ވަނީ އިންތިހާއަށް ދަތިވެފަ އެވެ. އޭނާ ވެސް ތާއީދު ކުރައްވަނީ، ރިޔާސީ އިންތިހާބު ވަކިން ބޭއްވި ނަމަވެސް މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެކުގައި ބޭއްވުމަށެވެ.
"އަޅުގަނޑުމެން ބެލިން ލޯކަލް ކައުންސިލް އިންތިހާބު ދައުރު އިތުރުކޮށްގެން ވެސް އެކަން [ދެ އިންތިހާބު އެއްކޮށް ބޭއްވޭ] ތޯ! އެކަމަކު އެކަމަކަށް މަޖިލީހުގެ ތެރެއިން ތާއީދެއް ނުލިބުނު. ކޮންމެ ހަރަދެއް ޑަބަލްކޮށް އަޅުގަނޑުމެން ކުރަން މިޖެހެނީ. އެއީ އަޅުގަނޑަކަށް ނުވިސްނޭ ހަރަދު ކުޑަކޮށް މާ ރަނގަޅަށް ކުރެވެން އޮތް ކަމެއް އަޅުގަނޑުމެން ކުރަން ޖެހޭނެ ގޮތެއް ކަމަކަށް. އަސްލު މިހާރު މި ގޮތަށް ކޮންމެ އިންތިހާބެއް ވަކިން ބޭއްވީމާ މިދަނީ އިސްރާފު ހަރަދުތަކެއް،" އަކުރަމް އޭނާގެ އަމިއްލަ ހިޔާލު ފާޅުކުރެއްވި އެވެ.
އިދިކޮޅު ޕީޖީ ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއން މަނިކު ވިދާޅުވީ ކޮންމެ އިންތިހާބެއް ވަކި ތާރީހެއްގައި ވަކިން ބާއްވާ ނަމަ، ރާއްޖެއަށް ނުކަތާ ވަރަށް އިންތިހާބީ ހަރަދުތައް މުސްތަގުބަލުގައި ބޮޑުވެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދެ އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވުމާ މެދު މަޖިލީހުގައި އަލުން ބަހުސްކޮށް ގޮތެއް ނިންމަން ޖެހެ އެވެ. އޭނާ ވިދާޅުވީ ސިޔާސީ ލީޑަރުން މި މައްސަލައިގައި ދޫނުދޭ ނަމަ ރައްޔިތުން ދޭ ޓެކްސް ފައިސާއަކީ އިންތިހާބު ބާއްވަން ހަމައެކަނި ހަރަދު ކުރާ އެއްޗަކަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ ނިސްބަތުން މުއްސަނދި ގައުމުތަކުގައި ވެސް ދެ އިންތިހާބު މި އޮންނަނީ އެއް ދުވަހެއްގައި ބާއްވާ ގޮތަށް. ރާއްޖޭގައި ކޮންމެ ދެ އަހަރަކުން ކަހަލަ ގޮތަކަށް އިންތިހާބެއް ބާއްވާ ތޮޅި ކޯޅި ޝަހީދުވެ އެއް ބަޔަކު އަނެއް ބަޔަކު ގަޔަށް އަތްލާ ހިސާބުގައި މި ތިބެނީ. މިގޮތަށް އަބަދު އިންތިހާބު ބޭއްވުން މިއީ ކުރަންވާވަރު ކަމެއް ނޫން. އަޅުގަނޑުމެން ސިޔާސީ މީހުން ދޫދީގެން މީގައި އެބަ ޖެހޭ ގޮތެއް ނިންމަން،" ނިހާން ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް އެކަނިވެސް، 46.2 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. ނިހާން އެ ވިދާޅުވާ ގޮތަށް އަދި އެ އަދަދު އަހަރަކަށް ވުރެ އަހަރެއް އުފުލެމުން ދާއިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ހަރަދުތައް އެއްކޮށްލީމާ ތިން އިންތިހާބަށް ކުރާ ހަރަދު ޖުމްލަ 200 މިލިއަނެއްހާ ރުފިޔާއަށް އަރާނެ އެވެ. އެ ބޮޑު ހަރަދާ އެކު ރައްޔިތުންނަށް އުފުލަން ޖެހޭ ތަކުލީފުތައް އަދި މާބޮޑެވެ.
ހަލަބޮލިކަން ނިމުމަކަށް ގެނެވިދާނެ ފޯމިއުލާއެއް
ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮތަސް ކޮންމެ ބަޔަކު ވެސް ވެރިކަމަށް އަންނަނީ ބައިވަރު ޕާޓީތައް ހިމެނޭ ކޯލިޝަނެއްގެ ތެރެއިން އެވެ. އެހެން ނަމަވެސް ކޯލިޝަން ބައިވެ މައްސަލަތައް ޖެހެނީ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ހަމައިން އެވެ. ކޯލިޝަން ތެރޭ ކޯޅުން ފެށެނީ، މަޖިލީހަށް ވާދަކުރާނެ ގޮތާއި މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމުގައި ކަންކުރާނެ ގޮތަކާ މެދު އުފެދޭ ހިޔާލު ތަފާތުވުމުން އެވެ.
އިބްރާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށް އޮންނަ ނަމަ، ކޯލިޝަން އެއްބަސްވުމަކަށް އަންނާނީ ދެ އިންތިހާބު އެކީގައި ކާމިޔާބުކޮށް ވެރިކަމަށް އަންނަން ކަމަށެވެ. އަދި ވަކިން އިންތިހާބު ބޭއްވުމުން، ރިޔާސީ އިންތިހާބަށް ހަދާ ކޯލިޝަންގެ ބޭނުން އެ އިންތިހާބާ ހަމައިން ނިމި، އަނެއްކާ ވެސް ގައުމު ހަލަބޮލިކަމަކަށް ދަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގައުމު ހަލަބޮލިވާ ނަމަ އޭގެ ހުރިހާ ލޮޅުމެއް ކުރާނީ އާންމު ރައްޔިތު މީހާއަށެވެ. އޭގެ ނުބައި ނަތީޖާ ފެންނާނީ އިގްތިސާދީ ދާއިރާތަކަށެވެ.
ވޯޓަކީ ސީދާ ރައްޔިތުން އެކަމަށް ޝައުގުވެރިކަން ހުންނަ ކަމަކަށްވާއިރު، އިންތިހާބުތަކުން އަރައިނުގަނެވިގެން އުޅޭ ނަމަ އާންމު ދިރިއުޅުމަށް ރައްޔިތުންނަށް އެނބުރޭނެ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
"ރިޔާސީ ކެންޑިޑޭޓްގެ ޕްރައިމަރީ އާއި މަޖިލީހުގެ ޕްރައިމަރީއާ އެއްކޮށް ނިމިފައި ޕާޓީތައް ދެން އެނބުރޭނީ އެ އިންތިހާބު އެކީ ކާމިޔާބު ކުރަން، ޕާޓީގެ ގޮތުގައި މަސައްކަތްކޮށްގެން. ކޯލިޝަންއެއް ހަދަންޔާ ވެސް އެއްކަލަ އެއްދުވަހެއްގައި އޮންނަ ދެ އިންތިހާބަށް އެއްކޮށް އޮންނާނީ ކޯލިޝަން ވެސް ހެދިފައި. ފަހުން ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައި އަނެއްކާ މަޖިލިސް އިންތިހާބަށް ކޯޅި ގެންފައި މި ހިނގާކަން ނިމުމަކަށް އަންނާނެ. މިއިން ކޮންމެ ކަމަކުން ރައްޔިތުންނަށް ލޮޅުން އަރާނެ،" އިބްރާ ވިދާޅުވި އެވެ. "ރިޔާސީ އިންތިހާބު އިއުލާން ކުރިއްސުރެ މަޖިލިސް އިންތިހާބު ނިމެންދެން ގައުމު މި އޮންނަނީ އެލާޓްގައި. ގައުމު ގާތްގަނޑަކަށް ހުއްޓިފައި،"
މިއީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް
ކުރިއަށް މި އޮތް އެޕްރީލް މަސް ވެގެން ދާނީ ރާއްޖެ ކަހަލަ ރިޔާސީ ނިޒާމެއް އޮތް އިންޑޮނޭޝިޔާގައި ފުރަތަމަ ފަހަރަށް ރިޔާސީ އިންތިހާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އެއް ފަހަރާ ބާއްވާ ފުރަތަމަ ފަހަރަށެވެ. އަންނަ އެޕްރީލް 17 ވަނަ ދުވަހު އެ ގައުމުގެ ރައްޔިތުން ވޯޓްލާނީ، ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމާ އެކު ގާނޫނު ހަދާ މަޖިލިސް ޕީޕަލްސް ކޮންސިއުލޭޓިވް އެޖެންސީއަށް މެންބަރުން އިންތިހާބު ކުރުމަށެވެ. މީގެ ކުރިން އިންޑޮނޭޝިޔާގައި ވެސް އޮންނަނީ މި ދެ އިންތިހާބު ވަކިން އެވެ. ގާތްގަނޑަކަށް 190 މިލިއަން މީހުން ވޯޓްލާ މި އިންތިހާބުތައް އެކުގައި ބާއްވަން ނިންމީ ހަރަދާއި އިދާރީ ކަންކަމުގެ ފަސޭހަޔަކަށް ބަލައިފަ އެވެ. އަދި ސިޔާސީ ހަލަބޮލިކަން ކުޑަކުރުން ވެސް އޮންނަނީ އޭގެ އަމާޒަކަށް ހަދައިފަ އެވެ.
ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާ އެކުހެން މިދިޔަ އަހަރު ތުރުކީގައި ވެސް ފުރަތަމަ ފަހަރަށް ރިޔާސީ އިންތިހާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ވެސް ބޭއްވީ އެކީގަ އެވެ. މިއީ އެ ގައުމުގައި ވެސް އެ މޮޑެލްއަށް އަމަލުކުރި ފުރަތަމަ ފަހަރެވެ. ތުރުކީގައި ރިޔާސީ ނިޒާމެއް އަލަށް އެކުލަވާލާ އެ މޮޑެލްއަށް އިންތިހާބު ބޭއްވީ ވެސް، އެ ގައުމުގައި އޮންނަ ސިޔާސީ ހަލަބޮލިކަން ކުޑަކޮށް ގައުމަށް ހަމަޖެހުން ގެނައުމުގެ ބޭނުމުގަ އެވެ. އާ ސަރުކާރަކަށް ފަސޭހައިން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ބޭނުމުގަ އެވެ. އެމެރިކާގައި ވެސް ރައީސްގެ އިންތިހާބާ އެކު ސެނެޓްގެ ގޮނޑިތަކަށް ވެސް މެންބަރުން އިންތިހާބު ކުރެ އެވެ.
"ގިނަ ގައުމުތައް ހަމަ މި ބާއްވަނީ ރައީސް، ނޫނީ ބޮޑު ވަޒީރު ހޮވާ އިންތިހާބު އަދި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އަދި ބައެއް ފަހަރު ޕްރޮވިންޝަލް ސަރުކާރުތައް ހޮވާ އިންތިހާބުވެސް އެއްކޮށް. އެގޮތަށް އެކަން ކުރަނީ ހަރަދުވެސް ކުޑަވެފައި ހަމަނުޖެހުންތައް ވެސް ކުޑަވާތީ. މީގައި އެއް ދުވަހަކުން މިކަން އެބަ ނިންމާލެވޭ. އެހެން ވީމާ އަޅުގަނޑުމެން ވެސް އެބަ ޖެހޭ މި އިންތިހާބު ބާއްވާ މޮޑެލް ބަދަލުކޮށްލަން ވިސްނަން. ރާއްޖެއަކީ މާ ކުޑަ ވޯޓްލާ އާބާދީއެއް އޮތް ތަނެއް. އެހެން ވީމާ ކޮމްޕްލިކޭޝަނެއް ނެތި އެއް ދުވަހެއްގައި އެއް އިންތިހާބަކުން މަގާމުތައް އިންތިހާބު ކުރެވިދާނެ،" ގިނަ ގައުމުތަކެއްގެ އިންތިހާބުތައް އަމަލީ ގޮތުން އޮބްޒާވުކުރެއްވި ހަބީބު ވިދާޅުވި އެވެ.
އިންތިހާބުތައް ބާއްވަނީ ރައްޔިތުންނަށް ފަސޭހަތަކެއް ހޯދައިދޭށެވެ. އެކަމަކު އިންތިހާބުތަކަކީ ރައްޔިތުންނަށް ތަކުލީފަކަށް ވާނަމަ، އެކަމަށް ކުރާ ހަރަދާއި ގައުމަށް އަންނަ ލޮޅުންތައް މިނެ ކިރާއިރު އިންތިހާބަކީ ގައުމަށް ކުރިމަތިވާ މުސީބާތަކަށް ވެގެންނުވާނެ އެވެ. އެކަމަށް މަގުފަހިވާ ގޮތަކަށް ވެސް އިންތިހާބުގެ ތާރީހުތަކާ ޕްރޮސީޖާ އޮވެގެން ނުވާނެ އެވެ. އިންތިހާބުގެ ސަބަބުން އުފެދެންވީ ހަލަބޮލިކަމެއް ނޫނެވެ. އިންތިހާބަށް ފަހު އުފެދެންވީ އަމާންކަމެކެވެ. ގައުމައިގެން ކުރިއަށް ދިޔުމުގެ ރޫހެކެވެ. އެ މަގުސަދު ހާސިލް ނުވާ ގޮތަށް އިންތިހާބުގެ މޮޑެލް އޮތް ނަމަ، އެކަން ބަދަލު ކުރުން ނޫން ގޮތެއް ނެތެވެ.