ކޮލަމް

ކޮލަމް އޭޑީ: ކޯލިޝަންގެ ކޯޅުން މިއީ ކިހިނެއް ނިމެނޭނެ ކަމެއް؟

އެންމެން ގަބޫލު ކުރާ ހަގީގަތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ "ސިޔާސީ ކިންގް މޭކާ" އެއް ކަމެވެ. ރާއްޖެގެ ވެރިކަމުގެ ނިޒާމު ޕާޓީ ސިސްޓަމަށް ބަދަލުވީއްސުރެ މިހާތަނަށް އައި ހުރިހާ ސަރުކާރެއް ގާއިމް ވެފައި އޮތީ ގާސިމްގެ އެހީއާއެކުގަ އެވެ.

ދެހާސް އަށްވަނަ އަހަރު އައި އެމްޑީޕީގެ ވެރިކަމާއި 2013 ގައި ޕީޕީއެމްގެ ވެރިކަމާއި، އަދި 2018 ގައި އުފެދުނު ބޮޑު ކޯލިޝަނަށް ވެރިކަން ކާމިޔާބުވީވެސް ގާސިމްގެ ބައިވެރިވުމާއެކު އެވެ. ސޯޝަލް މީޑިއާގައި ގާސިމްގެ ފިކުރާއި، ހިޔާލާތާ ދެކޮޅު މީހުން "#ސޭޓްނޫންގޮތެއް" ބޭނުން ކުރަމުން ގެންދަނީ އެ މީހުން ވެސް އެ ހަގީގަތް ގަބޫލު ކުރާތީ އެވެ.

ގާސިމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާ އެވެ. ބޮޑު ސިޔާސީ ޕާޓީއެއްގެ ލީޑަރެވެ. ބޮޑު ވިޔަފާރިވެރިއެކެވެ. ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ސަޕޯޓް އޮތް ބޭފުޅެކެވެ.

މިހާރުގެ ވެރިކަން ގެނައި ކޯލިޝަންގެ އެގްރީމަންޓާއި އެމްޑީޕީން ހިލާފުވެފައިވާ ކަމަށް ވިދާޅުވެ ގާސިމް ވަނީ ކޯލިޝަނާ ފެއަށް ޖެހި ވަޑައިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއެކު މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ނިންމަވާފަ އެވެ.

އެ ނިންމެވުން ގާސިމް ނިންމެވީ "ސަރުކާރާއި އެމްޑީޕީން ޖޭޕީ މަގުމަތި ކޮށްލާފައިވާ" ކަމަށް ވިދާޅުވަމުންނެވެ. އެހެން ނަމަވެސް އެގްރީމަންޓާއި އެންމެ ފުރަތަމަ ހިލާފުވީ ގާސިމޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. ކޯލިޝަންގެ ތެރެއިން މައުލޫމާތު ލިބިފައިވާ ގޮތުން ފުރަތަމަ އެގްރީމަންޓް ހެދި އިރު، އެމްޑީޕީގެ ރައީސަކާއި، ޖޭޕީގެ ނައިބު ރައީސެއްގެ އިތުރުން މަޖިލީހުގެ ރައީސްކަން ލިބެން އޮތީ ރައީސް މައުމޫންގެ އެމްއާރުއެމަށެވެ. ނަމަވެސް އެކަމާއި ގާސިމް ހިއްޕުޅާނުވެ ނައިބް ރައީސް ކަމާއި މަޖިލީހުގެ ރައީސް ކަންވެސް ޖޭޕީއަށް ނެންގެވީ އެވެ.

އެކަމާ ރައީސް މައުމޫނު "ބޮޑާ ހޭއްކެވިކަން" ބޭރަށް އެނގޭކަށް ނެތެވެ. މައުމޫން އަދިވެސް ހުންނެވީ ކޯލިޝަން ތެރޭގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކު ރައްވައި، ކޯލިޝަން ސަރުކާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ދެއްވަ އެވެ.

ސިޔާސީ ގޮތުން ބަލާނަމަ، އިދިކޮޅާއި ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރަން ގާސިމް ނިންމެވި ނިންމެވުމަކީ ގައުމަށް ރަނގަޅު ނިންމުމެކެވެ.

ގާސިމް ވިދާޅުވާ ގޮތަށް އެމްޑީޕީ އާއި ޕީއެމް ރުޅި އަރުވައިގެން ވެސް ގާސިމަށް ވާނެ ފައިދާއެއް ނެތެވެ. މި ހާލަތުގައި އެމްޑީޕީއާއެކު ކުރިޔަށް ދިއުމަކުން ގާސިމަށް އިތުރަށް ލިބޭނެ އެންމެ ވޯޓެއްވެސް ނެތެވެ. ނަމަވެސް ޕީޕީއެމްގެ މެމްބަރުންގެ ވޯޓް ޖޭޕީއަށް ލިބިއްޖެ ނަމަ، ގާސިމްއަށް އިތުރު ގޮނޑިތަކެއް ލިބުމުގެ ފުރުސަތު ލިބެ އެވެ.

ގާސިމްގެ އެ ނިންމުމަކީ ޖޭޕީއަކީ އެކަނި ނުކުމެ އިންތިހާބެއްގައި ވާދަކޮށް، ގޮނޑިތަކެއް ކާމިޔާބު ކުރެވޭ ވަރުގެ ތާއީދެއް އޮތް ޕާޓީއެއް ނޫންކަން ގާސިމް ވެސް ގަބޫލު ކުރައްވާ ކަމުގެ ހެއްކެކެވެ.

މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޖޭޕީން ގިނަ ގޮނޑިތަކެއް ނެގީ ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް މިފަހަރު "އެމްޑީޕީގެ ހައްގު މިންވަރު" ގެ ބޮޑު ކަމުން އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމުމުން އެ ފުރުސަތު ޖޭޕީއަށް އޮތީ ގެއްލިފަ އެވެ.

ޕީޕީއެމަށް ބާލާއިރު، އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް މަޖިލީހުގައި ލިބިގެން ދިޔުން ވާނީ އެ ޕާޓީއަށް އޮތް ގެއްލުމަކަށެވެ. އެހެން ވެއްޖެ ނަމަ ސިޔާސީ މައިދާނުގައި ފައި ހަރުކޮށްގެން މިހާރު ތިބި ހިސާބުގައި ވެސް ނުތިބެވިދާނެ އެވެ. އެހެން ކަމުން އެ ގޮނޑިތައް ޖޭޕީއަށް ލިބުން ވެސް ޕީޕީއެމަށް މާ ރަނގަޅެވެ.

ގާސިމްގެ ވާހަކަތަކަށް ބަލާއިރު، ސަރުކާރާއި، ރައީސް ސޯލިހާ ދޭތެރޭ ގާސިމްގެ އެއްވެސް މައްސަލައެއް ނެތެވެ. މައްސަލަ އޮތީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބާރުތަކެއް ލިބި ވަޑައިގަންނަވާ ހިސާބުގަ އެވެ.

މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ލިބިއްޖެ ނަމަ ބަރުލަމާނީ ނިޒާމެއް ގެނައުން ނުވަތަ ގެންނަން މަސްކަތް ކުރުން ވަރަށް ގާތެވެ. އެއީ ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕްގެ ވިސްނުމެކެވެ.

އެހެން އެކަން ވެއްޖެ ނަމަ، އިބްރާޙިމް މުހައްމަދު ސޯލިހުގެ ރައީސް ކަމުގެ މަގާމު ރަމްޒީ މަގާމަކަށް ބަދަލުވެ ގައުމުގެ ހިންގުން ބޮޑު ވަޒީރެއްގެ އަތްމައްޗަށް ދާނެ އެވެ. އެ ބޮޑު ވަޒީރަކީ ރައީސް ނަޝީދަށް ވާނެ އެވެ. އަދި އެއީ ޖޭޕީގެ ސިޔާސީ ހަޔާތް ނިމިގެން ދިއުމަށް ވެސް ވެސްވެދާނެ އެވެ. އެހެން ކަމުން ކޯލިޝަން ތެރޭގައި އޮވެ މި އިންތިހާބުގައި ވާދަ ކުރިއަސް ޖޭޕީއަށް އޮތީ މަރެވެ. އެކަން ގާސިމަށް ކަށަވަރު ވެއެވެ.

"ސޭޓް ނޫން ގޮތެއް" ހޯދަން ޕޯޑިއަމްތަކުގައި ފުރަތަމަ ވަކާލާތު ކުރައްވަން ފެއްޓެވީ ވެސް ރައީސް ނަޝީދެވެ. މިހެން އޮތް އިރު، ޖޭޕީއާއި ޕީޕީއެމަށް ވެސް ސަލާމަތެއް އޮތީ އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް ފެންނަ ގޮނޑިތައް މަދުކޮށްގެނެވެ.

ދެން މިއޮތީ ގާސިމްގެ ނިންމެވުމާއެކު ޖޭޕީ ތެރޭގައި އުފެދިފައި މިއޮތް ކޯޅުމެވެ. ސަރުކާރުގައި ތިއްބެވި ޖޭޕީގެ ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުން އެ ޕާޓީގެ ކެނޑިޑޭޓުން ފަހަތަށް އެރުމުގެ ބަދަލުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދު ކޮށް، ކެމްޕެއިން ކުރާ މައްސަލަ އެވެ. މިއީ ގާސިމަށް ބަލައި ގަންނަން ފަސޭހަފުޅު ކަމަކަށް ނުވާނެ އެވެ.

ގާސިމް ގެންގުޅުއްވާ ސިޔާސީ އަދި ގައުމީ ވިސްނުމެއް ޕާޓީގެ ބޭފުޅުންނާ ހިއްސާ ކުރައްވާނެ ކަން ޔަގީނެވެ. އެހެން އޮއްވާ ގާސިމްގެ ޕާޓީގެ ތެރެއިން އޭނާގެ ނިންމުމާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ސިޔާސީ ގޮތުން ގާސިމް އިތުރަށް ނިކަމެތި ވެގެން ދާނެ ކަމެކެވެ. ނަމަވެސް ކުރީގެ ސަރުކާރަކާއި ދެކޮޅަށް އެތަކެއް ދުވަހު މަސައްކަތް ކުރުމަށްފަހު ހަމަނޭވައެއްލައި ހިންދެމިލަން ލިބުނު ވަގުތު އިތުރު މައްސަލަތަކެއްގެ ތެރެއަށް ޖޭޕީގެ އެ ބޭފުޅުން ވަންނާކަށް ބޭނުމެއް ނުވެ އެވެ.

މިހާރު އެ ތިއްބެވީ ރަނގަޅު ސިޔާސީ މަގާމުތަކެއް ލިބިވަޑައިގެން ރަނގަޅަށް "ސެޓްލް" ވެފަ އެވެ. ދެން ގާސިމަށް ވަފާތެރިކަން ދައްކަން އުޅުއްވަން ހައްދަވައިގެން މިނިސްޓަރުކަން ނުވަތަ ވަޒީފާ ގެއްލިދާނެތީ އޭގެ ތެރެއިން ބައެެއް ބޭފުޅުންގެ ބަސްމަގަކީ މިހާރު "އެމްޑީޕީ" ގެ ބަސް މަގެވެ.

އެ މަގަށް އެބޭފުޅުންގެ ބަސްމަގު ބައްޓަން ކުރެއްވުމުގެ ބަހަނާއަކަށް ދައްކަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގާސިމް ގުޅި ވަޑައިގަތުމެވެ. ނުވަތަ މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ދެ ޕާޓީއާ އެކުގައި ގާސިމް ނިކުންނެވުމެވެ. އެ ބޭފުޅުން ގަބޫލު ކުރައްވާ "އަނިޔާވެރިޔަކާ" އަލުން "ސިޔާސީ ކައިވެންޏެއް" ގާސިމް ކުރެއްވުމެވެ.

ނަމަވެސް، އެންމެ ފަހުން ގާސިމް ޖޭޕީގެ ކައުންސިލަށް ފޮނުއްވި މެސެޖަށް ބަލާއިރު އޭނާގެ ވިސްނުމުގައި ޕީޕީއެމާއި ޕީއެންސީ ކެނޑިޑޭޓޫންނަށް ތާއީދު ކުރުމެއް ނޯވެ އެވެ. އެ މެސެޖްގައި އެ ޕާޓީތަކުގެ ވާހަކަ ވެސް ގެނެސްފައެއް ނުވެއެވެ. ހަމަ އެކަނި އެދިވަޑައިގަތީ ޖޭޕީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރައްވާށޭވެ. އެހެން ކަމުން ގާސިމް ހިތާދެކޮޅަށް ޕީޕީއެމާއެކު ކުރައްވަަން އުޅުއްވާ "ސިޔާސީ ކައިވެނީ" ގެ ގޮަށަނީ މަޖުބޫރީ ހާލަތު ކުރައްވާ ކަމެއްކަން އެނގެ އެވެ.

ގާސިމްގެ ނިޔަތަކީ ޕީޕީއެމާއި ޕީއެންސީއަށް ގޮނޑިތަކެއް ނަގައިދިނުން ނޫނެވެ. ނިޔަތަކީ ޖޭޕީއަށް ގޮނޑިތަކެއް ލިބިދިނުންކަން ސާފުވެ އެވެ. އެހެން ކަމުން ގާސިމް އެ ކުޅުއްވަނީ ޖޭޕީގެ "ސާވައިވަލް" އަށް ކަމަށް ބެލެވޭނެ ފުރުސަތު އެބަ އޮތެވެ. ހަމަ އެގޮތަށް ސަރުކާރުގައި ތިއްބެވި ޖޭޕީގެ ބޭފުޅުންނަށް ވެސް ސަރުކާރާއެކު ޖަހާފައިވާ ކައިވެނީގެ ގޮށް މޮހާލުން ވާނީ ވަރަށް ދަތި ކަމަކަށެވެ. އެ ބޭފުޅުން ވެސް އެތިއްބެވީ މަޖުބޫރީ ހާލަތެއްގަ އެވެ.

ގާސިމްގެ ނިންމެވުމާއި ދެކޮޅަށް ވަޒީރުން ވާހަކަފުޅު ދައްކަވަމުންގެންދަވާއިރު، އޭގެ ތެރޭގައި ގާސިމްގެ އަނބިކަބަލުން، އަދި ޒުވާން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާވެސް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަނާ އެކަން ކުރަައްވަނީ ވެސް ވަޒީފާގެ ދަހިވެތިކަމުގައި ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އަދި އެކަމަނާ އާ ގުޅުވައި ދެކެވޭ ވާހަކަތައް ރީއްޗެއްވެސް ނޫނެވެ. އެކަމަކު އެކަމަނާގެ ސްޓޭންޑް ގޯހެކޭ ވެސް ބުނެވޭކަށް ނެތެވެ.

ޕީޕީއެމްގެ ވެރިކަމުގައި ގާސިމާއި ގާސިމްގެ ވިޔަފާރި އާއި، ދަރިކަލުން ސިޔާދު ގާސިމް ޖަލަށް ލައި އަނިޔާ ދިނުމަކީ އައިޝާ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަންނަވަން މަޖުބޫރުވި ސަބަބެވެ. އެހުރިހާ ކަމެއް ހަދާން ނައްތާލުމަށްފަހު އެ އަނިޔާ ދިން ބައެއްގެ ފަހަތަށް އަރުއްވާކަށް އެކަމަނާއަށް ފަސޭހަ އެއް ނުވާނެ އެވެ. އެހެން ކަމުން ކޯލިޝަންގެ ކޯޅުންގަނޑު ގާސިމާއި އައިޝާގެ ދެމަފިރިންނާއި ހިސާބަށް މިއޮތީ ފޯރާފަ އެވެ.

ގާސިމްގެ ނިންމެވުން އައިޝާ ބަލައި ނުގަންނާނެ ކަން ދޭހަވާ ގޮތަށް ވާހަކަ ދެއްކޭއިރު އައިޝާއަކީ ވެސް ޕާޓީތެރޭގައި ނުފޫޒުގަދަ ބޭފުޅެކެވެ. ސުވާލަކީ މަޖިލިސް އިންތިހާބާއި ހަމަޔަށްދާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ދެން ޖޭޕީއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޕާޓީ ރޫޅުނަ ނުދީ ގާސިމްގެ ހިކުމަތުން ޕާޓީ ހިފަހައްޓާލެވޭނެ ހެއްޔެވެ؟ ސަރުކާރުގައި ތިއްބެވި ޖޭޕީގެ މެމްބަރުން ޕާޓީ އޮޅާލައި ޖަހާނީ ހެއްޔެވެ؟