"ދެ ބަޔަކާ އެކު އިއްތިހާދުވެގެން ނުތިބެވޭނެ. ސަރުކާރަކާއެކު އިއްތިހާދު ހަދައިގެން އުޅޭ ބަޔަކަށް އިދިކޮޅު ފަރާތްތަކާއެކު އިއްތިހާދު ހަދައިގެން ނުތިބެވޭނެ،" ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެ އެވެ. އޭނާއަށް އެހެން ވިދާޅުވާން ޖެހި ވަޑައިގަތީ ސިޔާސީ މައިދާނުން ފެންނަ މަންޒަރުތަކުންނެވެ. އެ މައިދާނުން މިހާރު އެންމެ ބޮޑުކޮށް ފެންނަ މަންޒަރަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސިޔާސީ ދެ އޮޑިއަށް ފައިލައިގެން ދުއްވާ ތަނެވެ.
ޖޭޕީއަކީ ސަރުކާރު ހިންގާ ކޯލިޝަންގައި މުހިންމު ނޫނީ އެންމެ މުހިންމު އެއް ޕާޓީއެވެ. ނައިބު ރައީސް ފައިސަލް ނަސީމް ނިސްބަތްވާ ޕާޓީއަކީވެސް އެއީ އެވެ. ސަރުކާރު ބަދަލުވުމަށްފަހު ކޯލިޝަން ޕާޓީތައް އެކުވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެނައި ބޭފުޅަކަށްވީ ޖޭޕީގެ ވަރުގަދަ ލީޑަރު ގާސިމް އިބްރާހިމެވެ.
އެކަމަކު ގާސިމްގެ ހިޔާލާއި ސަރުކާރުގައި އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ވިސްނުމާ ތަފާތެވެ. ނޫނީ ވަނީ ތަފާތުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު އުފެދުނު ނުތަނަވަސްކަމުގައި ކޯލިޝަންގެ "ސިޔާސީ ހަތުރު" ކަމުގައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ، ގާސިމް އިބްރާހިމް ވަނީ ފާޑަކަށް އަތާއި އަތް ގުޅާލައްވާފަ އެވެ. އެއަށް ގާސިމް ދެއްވާ ތަފުސީލަކަށް އޮތީ "ނާށިގަނޑު ހިފައިގެން ޖޭޕީ ނުކުންނަން އެމްޑީޕީއިން މަޖުބޫރުކުރުވީ" އޭ ވިދާޅުވާ ވިދާޅުވުމެކެވެ. ގާސިމްގެ އެ ނިންމުމާއެކު ޖުމްހޫރީ ޕާޓީގެ އެތެރެ އަދި ހިފެހެއްޓިފައި އޮތް ނަމަވެސް ވަރަށް ބާރަށް ހަލުވައި ގަތެވެ. އަދިވެސް ދަނީ ހެލެމުންނެވެ.
ގާސިމް ވަނީ ރައީސް ޔާމީންގެ ވަރަށް އަރިސް ގިނަ މެންބަރުންނަށް ތާއީދު ކުރަން ނިންމަވާފަ އެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުގައި ގާސިމް ހައްޔަރުކޮށް ޖަލަށްލުމަށް ތާއީދު ކުރި ބޭފުޅުންނާއި ކޯލިޝަނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުން ވެސް ހިމެނެ އެވެ. ކޯލިޝަންގެ ބަހުންނަމަ އެއީ "އަނިޔާވެރިވި" މީހުނެވެ.
ސިޔާސީ ގޮތުންނާއި ނުފޫޒުގެ ގޮތުން ވަރުގަދަ ލީޑަރު، ގާސިމްގެ ނިންމެވުމާމެދު ޕާޓީގެ އެތެރޭގައި އެކަނި ހެލުވުންގަނޑެއް އޮތީއަކީ ނޫނެވެ. ޖޭޕީގެ ފަރާތުން ސަރުކާރުގައި ތިއްބެވި ގާތްގަނޑަކަށް ހުރިހާ ބޭފުޅުންހެން ގާސިމްގެ އެ ނިންމެވުމާ ދެކޮޅެވެ.
ގާސިމް އެ ނިންމެވުނާ އެކު ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ވަނީ އޭނާގެ ބަސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި "އަސްލު ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ވޯޓު ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ނުލިބޭނެ" އެވެ.
ހުސައިން ފަހަތްޕުޅުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ނުކުންނެވި އެވެ. އޭނާ އެމްޑީޕީގެ ކެމްޕެއިންގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ވެސް ގާސިމް ތާއީދު ކުރައްވާ ރައީސް ޔާމީންގެ ކެންޑިޑޭޓެއް ވާދަ ކުރާ ދާއިރާއެއްގެ އެމްޑީޕީގެ ކެމްޕެއިނަށެވެ. އަލީގެ ފަހަތުން ގާސިމްގެ އަނބިކަނބަލުން އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް "ޔާމީނަށް މާފެއް ނެތް" ކަމަށާއި "ތާއީދެއް ވެސް ދެވެން ނެތް" ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގައި މިވަގުތު ހުންނެވި އެންމެ މަގުބޫލު މިިނިސްޓަރު، އައިޝާ ވަނީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން، އެޖެންޑާ19 ޕްރޮމޯޓް ކުރައްވާފަ އެވެ.
އެންމެ ތަފާތު މަންޒަރެއް ފެނިގެން ދިޔައީ ނައިބު ރައީސް ފައިސަލްގެ ފަރާތްޕުޅުންނެވެ. ސީދާ "އެޖެންޑާ19" އަށް ތާއީދު ކުރައްވައި ލ. ގަމުގައި ބޭއްވި ވެހިކަލް ބުރެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓާއެކު އެމަނިކުފާނު ހުންނެވިއިރު އެ ދާއިރާއަށް ޖޭޕީން ރަސްމީކޮށް ކެންޑިޑޭޓަކު ނެރެފައި ވެއެވެ. އަދި އެއީ ރައީސް ޔާމީންގެ ގާނޫނީ ވަކީލު ވެސް މެއެވެ. އެ ހަރަކާތުގައި ނައިބު ރައީސް ވިދާޅުވި ގޮތުގައި "މަޖިލީހަށް ހޮވަން ޖެހޭނީ ރައީސް ސޯލިހަށް އެއްބާރުލުން ދެއްވާނެ" މެންބަރެކެވެ.
މިހާ ހިސާބަށް އައިއިރު ޖޭޕީ އޮތް ގޮތެއް އާންމުންނަށް މިވަނީ ވަރަށް ބޮޑަށް އޮޅޭ ގޮތް ވެފަ އެވެ. ލީޑަރާ ހިލާފަށް އެހެން އިސް ބޭފުޅުން އަމަލު ކުރައްވައި، ވާހަކަފުޅު ވެސް ދައްކަވަމުންދާއިރު ޖޭޕީގެ އާންމު މެންބަރުން ހަދަންވީ ގޮތެއް އަދިއެއް ނޭނގެ އެވެ.
ޖޭޕީގެ ރައީސް އަލީ ވަހީދު ވިދާޅުވި ގޮތުގައި ހަތަރު ލީޑަރުންގެ މެދުގައި މަޖިލިސް އިންތިހާބާމެދު ގޮތެއް ނުނިމުމަކީ ރައީސް ޔާމީނާއެކު ނުކުންނަަން ޖެހޭ ސަބަބެއް ނޫނެވެ. "ނާށިގަނޑަށް އަނިޔާވެރިކަން ވައްޓާލުމުން" އޭގެ ފަހަތުން ލީޑަރު ބޭނުންވިޔަސް ދެވޭކަށް ނޯންނާނެ އެވެ.
ކޯލިޝަންގައި އިތުރު ޕާޓީ އަކާއި މޫވްމަންޓެއް ވެސް އެބައޮތެވެ. އެއީ އަދާލަތު ޕާޓީ އާއި ރައީސް މައުމޫނުގެ އެމްއާރްއެމެވެ. އެ ފަރާތްތައް ވެސް އަމިއްލަ ކެމްޕޭނެއް ކުރަނީ އެވެ. ރައީސް ޔާމީނާ އެއް ބަޔަކަށް ނާރަ އެވެ.
ޖޭޕީގެ ތެރޭގައި ވެސް މަގުބޫލުކަން އިތުރު އައިޝާ ވަނީ އެ ޕާޓީގެ ފަރާތުން ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން ވެސް ކެމްޕެއިން ކޮށް ދެއްވާފަ އެވެ. ހަމައެހެން، މާފަންނު މެދު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ އިބްރާހިމް ރަޝީދު ޖަގަހަައަށް ވަޑައިގެން ވެސް ސަޕޯޓަރުން އުފާކޮށްދެއްވި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ ސްޓޭންޑް ވަރަށް ސާފެވެ. ޖޭޕީގައި ތިއްބެވި އެތައް ގުރުބާނީއެއްވި ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާނެ އެވެ. މިސާލަކަށް އަބްދުﷲ ރިޔާޒާއި އަލީ ހުސެއިނެވެ. އެއީ މި ސަރުކާރު ގެންނަން އަތުކުރި އޮޅާލައިގެން ތިއްބެވި ބޭފުޅުންނެވެ. އެކަމަކު، އެންމެ ފަހު ވަގުތާ ހަމައަށް ރައީސް ޔާމީންގެ ފަހަތުގައި ތިބި، އެ ފިކުރުގެ ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރެވޭނެ އެވެ.
ސަރުކާރުގައި ތިއްބެވި ޖޭޕީގެ ބޭފުޅުންގެ ސްޓޭންޑް ސާފުކޮށް ދެއްވާފައިވީ ނަމަވެސް ޕާޓީގެ ލީޑަރު ވަނީ އެ ބޭފުޅުންގެ އިސްތިއުފާއަށް ނުސީދާ ގޮތެއްގައި ގޮވާލައްވާފަ އެވެ.
ގާސިމް ވިދާޅުވެފައިވާ ގޮތުގައ މަގާމަށް ވަޑައިގެންނެވުނީ ޖުމްހޫރީ ޕާޓީއަށް ސަވާރުވެގެނެވެ. ޕާޓީއިން އިސްތިއުފާ ދިނުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަންނަވާނެ އެވެ. އަދި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ތާއީދު ކުރައްވަން ޖެހި ވަޑައިގަންނަވާނީ ޖޭޕީގެ ކެންޑިޑޭޓުންނަށެވެ.
ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްގެން އުފެދުނު ނުތަނަވަސްކަމާއެކު، ގާސިމް ޖޭޕީގެ ކައުންސިލަށް ފޮނުއްވި މެސެޖުން އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ އެ މެސެޖްގައި ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގެންފައި ނުވުމެވެ. އެހެންކަމުން ފާޅުގައި ގާސިމް ދައްކަވަވާ ވާހަކަފުޅާއި ސިއްރު ގްރޫޕަށް ފޮނުއްވެވި މެސެޖުން ވެސް ތަފާތު ކަމެއް އެބަ ފެނެ އެވެ. އެމަނިކުފާނު އެދިވަޑައިގަތީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރެއްވުމަށް އެކަަންޏެވެ.
ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރެއްވުމަކީ މުޅި ޖޭޕީގެ ވިސްނުން ނޫންކަން އެއިން ސާފުވެ އެވެ. އެއީ ގާސިމްގެ އެކަނި ވިސްނުމަކަށްވާނަމަ، މައްސަލައެއް ނެތެވެ. އެހެންނޫންނަމަ މައްސަލައެކެވެ. އެއީ ސަރުކާރުގައި ތިބި ބަޔަކަށް އިދިކޮޅާ ގުޅިގެން މަސައްކަތް ނުކުރެވޭނެ ކަމީ ޔަގީންވާ ކަމެކެވެ.